ޚަބަރު

ބޯޑަރު ހުޅުވި ފަހުން ފުރަތަމަ ފަހަރަށް 5000ށް ވުރެ ގިނަ ފަތުރުވެރިން

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޯޑަރު ހުޅުވި ފަހުން ފުރަތަމަ ފަހަރަށް ރާއްޖެއަށް ދުވާލެއްގެ މައްޗަށް އައި ފަތުރުވެރިންގެ އަދަދު 5000ށް ވުރެ މައްޗަށް އަރައިފިއެވެ.

Ads by MWSC

މިއަދަކީ ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން އެންމެ ގިނަ ފަސިންޖަރުން ރާއްޖެއަށް އައި ދުވަސް ކަމަށް އެމްއޭސީއެލްގެ ޓަރމިނަލް އޮޕަރޭޝަންސް ޖެނެރަލް މެނޭޖަރު އިބްރާހީމް ހުސައިން ވަނީ ހޯމަ ދުވަހު ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވިދާޅުވެފައެވެ.

ކޮވިޑުގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ބޯޑަރު ހުޅުވާލީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެެވެ. ބޯޑަރު އަލުން ހުޅުވާލުމާއެކު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށްވުރެ މައްޗަށް ގޮސްފައިވެއެވެ.

ކުރިޔަށް އޮތް ދިހަ ދުވަސްތެރޭ އިތުރު 40،000 އަށްވުރެ ގިނަ ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އަބްދުﷲ މައުސޫމް ވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. މައުސޫމް ވިދާޅުވީ ސަރުކާރުގެ މިހާރުގެ އަމާޒަކީ ފަސްލައްކަ ސާޅީސް ފަސްހާސް ފަތުރުވެރިން އަހަރު ނިމުމުގެ ކުރިން ރާއްޖެ ގެނައުން ކަމަށެވެ. އަދި އެކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބޯޑަރުތައް ބަންދު ކުރުމަށްފަހު އަލުން ހުޅުވާލި ފަހުން ރެކޯޑް އަދަދަކަށް މިދިޔަ އާދިއްތަ ދުވަހު ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު އާދިއްތަ ދުވަހު އޮޕަރޭޓްކުރި 29 ފްލައިޓުން ޖުމުލަ 5845 ފަސިންޖަރުން ރާއްޖެ އެތެރެ ވެފައި ވެއެވެ. މިއީ ކޮވިޑުގެ ކުރިން އާންމު ޙާލަތުގައި ރާއްޖެއަށް ފަސިންޖަރުން އަންނަ އަދަދުކަން އިބްރާހީމް ހުސައިން ފާހަގަ ކުރެއްވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!