ކްރިސްމަސް ފާހަގަކޮށް ތަހުނިޔާ ނުފޮނުވަން އިލްތިމާސް ކޮށްފި
ކްރިސްމަސް އާއި ޣައިރު ދީން ތަކުން ފާހަގަ ކުރާ އެނޫން ވެސް ބާތިލު މުނާސަބަތުތައް ފާހަގަ ނުކުރުމަށާއި އެދީންތަކުގެ މީހުންނަށް އެފަދަ ދުވަސްތަކުގެ ތަހުނިޔާ ވެސް ނުފޮނުވުމަށް އިލްމުވެރިންގެ ގުޅުމުން އިލްތިމާސް ކޮށްފިއެވެ.
އިލްމުވެރިންގެ ގުޅުމުން މިއަދު ނެރުނު ބަޔާނެއްފައި ބުނީ މާތް ﷲ އަށް ޝިރުކު ކުރުމުގެ ޖަރީމާ ހިންގޭ ކަންކަމުގައި ބައިވެރިވުމާއި އެކަންކަމަށް ހިތްވަރުދީ، އެކަންކަމުގެ ދިފާއުގައި ވާހަކަ ދެއްކުމާއި މަގު ގެއްލިފައިވާ ފަރާތްތަކުން ފާހަގަކުރާ، ޝިރުކުގެ އަމަލުތައް ހިމެނިގެންވާ މިފަދަ މުނާސަބަތުތަކަށް ހިތްވަރުދީ، އެއްބަޔަކު އަނެއް ބަޔަކަށް ތަހުނިޔާ ރައްދުކުރުން ފަދަ ކަންކަމަކީ، އެކަމުގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑު، އަދި ނޭނގި ނަމަވެސް ޝިރުކުގެ ނުބައި ފާފައިގެ ތެރެއަށް ވަދެގެންދާނެ އަމަލުތަކެއް ކަމަށެވެ.
އެހެންކަމުން އަހަރެމެންނަކީ މުސްލިމުން ކަމުގައިވާއިރު، އެފަދަ ކަންކަމުން ދުރުވެ ރައްކާތެރިވެ ތިބުމަށް ހުރިހާ ދިވެހީންނަށް ޢިލްމުވެރިންގެ ގުޅުމުން ވަނީ އިލްތިމާސް ކުރައްވާފައެވެ.
މީގެއިތުރުން އެބަޔާނުގައި ބުނެފައިވަނީ ބަވަނަވެފައިވާ ދުނިޔެއެއްގައި، ދިވެހިން އުޅެމުން އަންނަނީ އެހެން ދީންތަކާ ސަގާފަތްތައް ނުހަނު ކައިރިން އަބަދު ވެސް ފެންނަ ގޮތަށް ކަމަށާއި އެހެންކަމުން މިއަދު ބޮޑުވާ ޒުވާނުން އެފަދަ އޮއެވަރެއްގައި ޖެހިގެން ހިނގައިދޭނެ ކަމަށް ސަމާލުވުމަށް ތިބުމަށް ބެލެނިވެރިންނާއި މުދައްރިސުންނަށް ވެސް އިލްތިމާސް ކުރައްވަވާ ކަމަށެވެ.
ޢިލްމުވެރިންގެ ގުޅުމުން މިއަދު މިފަދަ އިލްތިމާސްތަކެއް ކުރައްވަވާފައިވާއިރު، ގެސްޓްހައުސް ގެ ވިޔަފާރި ފުޅާދާއިރާ އެއްގައި ކުރަމުން އަންނަ ކ. މާފުށީ ގައި ދާދި ފަހުން ވަނީ ގެސްޓްހައުސް އެއްގެ ބޭރުގައި ކްރިސްމަސް ގަހެއް ބަހައްޓާފައެވެ. އެކަން ފުލުހުންގެ ސަމާލުކަމަށް ގެނައުމުން، ފަހުން ފުލުހުން ވަނީ އެގަސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މާފުށީގައި އެގަސް ބެހެއްޓީ އެރަށު ކައުންސިލުގެ ހުއްދައަކާ ނުލާ ކަމަށާއި ކައުންސިލަށް އަންގާ ވެސް ނުލާ ކަމަށް އެރަށު ކައުންސިލުން ބުނެފައިވެއެވެ.