ޚަބަރު

ރިޓަޔާޑް ސިފައިންނަށް ސަރުކާރުން އިހުތިރާމް ކުރަން ޖެހޭ: އާދަމް ޝަރީފް އުމަރު

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
އާދަމް ޝަރީފް އުމަރު/ ފޮޓޯ: މަޖިލިސް

ރިޓަޔާ ކޮށްފައި ތިބޭ ސިފައިންގެ ބޭކަލުންނަށް ސަރުކާރުން އިހުތިރާމުކުރަން ޖެހޭ ކަމުގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރައީސް ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި އާދަމް ޝަރީފް މިހެން ވިދާޅުވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް (ރިޓަޔާޑް) އަހުމަދު ޝިޔާމާ ދެކޮޅަށް އުފުލާފައިވާ ކޮރަޕްޝަންގެ މައްސަލައާ ގުޅިގެންނެވެ.

އާދަމް ޝަރީފް ވިދާޅުވީ މިކަމަކީ މިސަރުކާރުން ބަދަލު ހިފުމުގެ ސިލްސިލާއަށް އިތުރުވެގެންދާ ބޮޅެއް ކަމަށާއި މައްސަލައަކީ ގާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރެއް ވައްޓާލަން ފުރުސަތު ނުދިނުން ކަމަށެވެ.

”އަސްލު މައްސަލައަކީ ގާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރެއް ބަޣާވާތަކުން ވައްޓާލަން ފުރުސަތު ނުދެއްވުން. ބާޣީންނާ ބައިއަތު ނުހިފުން” ރިޓަޔާޑް ސިފައިންނަށް ވެސް އިހުތިރާމް ކުރަންޖެހޭ ކަމަށް ވިދާޅުވެ އާދަމް ޝަރީފް ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

ޝިޔާމްގެ މައްޗަށް އުފުލާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ޝިޔާމް ހުންނެވި އިރު އޭނާގެ ބައްޕަ ގިނަ ދުވަސްތަކެއް ވަންދެން ވިލިމާލޭގައި ހުންނަ ކޯސްޓްގާޑްގެ އިމާރާތުގެ ވީއައިޕީ ބައިގައި ބެހެއްޓި މައްސަލައެވެ.

ވިލިމާލޭގައި ހުންނަ ކޯސްޓް ގާޑްގެ އިމާރާތުގައި ޖުލައި 18، 2017 އިން ފެށިގެން 11 ޑިސެމްބަރު 2018 އާ ހަމައަށް ޝިޔާމްގެ ބައްޕަ ދިރިއުޅުއްވި މައްސަލަ އޭސީސީއަށް ފުރަތަމަ ހުށަހެޅީ އަމިއްލަ ފަރާތަކުންނެވެ. އޭރުގައި އެ މައްސަލަ ފައިލް ކުރި އިރު އޭސީސީން ބުނީ ސިފައިންގެ ވީއައިޕީ ގޭގައި، ޑިފެންސް ޗީފާއި ވައިސް ޗީފް އަދި ކޯސްޓު ގާޑުގެ ކޮމާންޑަރު އަންގަވާ ގޮތެއްގެ މަތިން އެކި މީސްމީހުންނަށް ތިބުމުގެ އިންތިޒާމު ހަމަޖެހޭ ކަން ލިބިފައިވާ ލިޔުންތަކުން އެނގޭ ކަމަށެެވެ. އެހެންވެ، ޝިޔާމްގެ ބައްޕަ އަށް އެތަނުގައި ހުންނެވުމުގެ އިންތިޒާމު ހަމަޖައްސާފައި ވަނީ ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކަމަށް ނުބެލެވޭ ކަމަށް އޭރު ތަހުގީގު ނިންމި ގޮތުގެ ރިޕޯޓުގައި ވެއެވެ.

ޝިޔާމަށް ދައުވާ ކުރަން ފޮނުވުމަށް ފަހު އޭސީސީން މިއަދު އާއްމުކުރި ބަޔާނުގައި ބުނީ ޝިޔާމްގެ ބައްޕަ ބެހެއްޓެވި ވީއައިޕީ ގެއަކީ ސިފައިންގެ މަރުކަޒެއް ކަަމަށްވާ އެމްއާރްސީސީގެ ބަޔަކަށް ވާތީ އެ މަރުކަޒަށް ހިނގާ ގަވައިދު އެ ގެއަށް ވެސް ހިނގާނެ ކަމަށެވެ. އެހެންވެ އެެ ގޭގައި އާއްމުންނަށް ދިރިނޫޅެވޭނެކަން އެނގޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!