ޚަބަރު

ސަލީމް ޒަހާއަށް: ބޭކާރު ވާހަކަ ނުދައްކާ މަސްވެރިންނަށް ހަމައަގުދީ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ބޭކާރު ވާހަކަ ނުދައްކާ، ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދައި މަސްވެރިންނަށް ހަމައަގު ދިނުމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދަށް ގޮވާލައިފިއެވެ.

Ads by Sosun Fihaara

މިފްކޯ ވެސް އެހާ ހާލުގައި އޮވެ، އަދި ރާއްޖޭގެ އިގްތިސާދު ވެސް ދަތި ދުވަސްވަރެއްގައި ހަމައެކަނި މަސްވެރިން ބޭނުން އަގެއްގައި އަގު ބަދަލު ކުރުން އެއީ ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށް މިނިސްޓަރު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވާ ސަލީމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ ކުންފުނިތައް ސަރުކާރަށް ނުހިންގިގެން ބަނގުރޫޓް ވުމުން އެކަމުގެ ޒިންމާ މަސްވެރިން ނަގަން ނުޖެހޭނެކަމަށެވެ.

” މިފްކޯ އޮތް ހާލަތު މަސްވެރިން ބަލާކަށް ނުޖެހޭނެ. އެއީ ސަރުކާރުން ބަލަންޖެހޭ ކަމެއް. ކުންފުނިތައް ބަނގުރޫޓް ކޮށްލީމަ ޒިންމާ ނަގަންޖެހޭނީ މަސްވެރިންތޯ؟ މަސްވެރިންނަށް ހަމަ އަގުދީ ވައުދު ފުއްދާ! ބޭކާރު ވާހަކަ ދައްކާނެ ކަމެއްނެތް.“ ސަލީމް ވިދާޅުވިއެވެ.

މަސްވެރިންނަށް ދިމާވާ މައްސަލަތައް ހައްލު ނުވުމުގެ ސަބަބުން މަސްވެރިން ވަނީ އިހުތިޖާޖަށް ނިކުންނަން ފަށާފައެވެ.

މިހަފްތާ ތެރޭގައި ފެލިވަރުގައި މަސްވެރިން ކުރި އިހުތިޖާޖުގައި މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލު ކޮށްދިނުމަށް ގޮވާލަމުން އިހުތިޖާޖު ކުރި މަސްވެރިން ބުނަމުން ދިޔައީ އެމީހުން އެދެނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާ ބައްދަލު ކުރުމަށް ކަމަށެވެ.

މަސް ކިރުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމާއި، ހަމަ އަގު ހޯދައިދިނުމަށާއި، އުތުރުގައި މަސްގަންނަން ތަރައްޤީކޮށްފައިވާ ށ. ކީކިމިނި ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމަށް ވެސް މަސްވެރިން ވަނީ ގޮވާލާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!