އަންނަ އަހަރު އެންމެ ގިނަ މީހުން ޒިޔާރަތް ކުރަން ބޭނުންވަނީ ރާއްޖެއަށް: ދިރާސާ
އަންނަ އަހަރު އެންމެ ގިނަ މީހުން ޗުއްޓީ ހޭދަކުރަން އަންނަން ބޭނުން ވަނީ ރާއްޖެއަށް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
ގޫގުލް މެދުވެރިކޮށް ކުރިއަށް ގެންދިޔަ ދިރާސާއަކުން މިގޮތަށް ދައްކާފައި މިވަނީ ކޮވިޑް19 އަށްފަހު ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުވަމުން އަންނަ ދަނޑިވަޅެއްގައެވެ.
ޗުއްޓީ ހޭދަކުރަން މީހުން އެންމެ ގިނައިން ދާން ބޭނުންވާ މަންޒިލްތައް ހިމަނައިގެން "ކްލަބް މެޑް"އިން ގޫގުލް މެދުވެރިކޮށް ކުރިއަށް ގެންދިޔަ ދިރާސާގެ ލިސްޓުގެ 1 ވަނައިގައި ހިމެނިފައި ވަނީ ރާއްޖެއެވެ. ކްލަބް މެޑުގެ ދިރާސާގައި ބަލާފައިވަނީ އަންނަ އަހަރުގެ ތެރޭގައި އެންމެ ގިނަ މީހުން ޗުއްޓީ ހޭދަކުރަން ދާން ބޭނުން ވަނީ ކޮންކޮން މަންޒިލް ތަކަކަށް ތޯއެވެ.
މިއަހަރަކީ ކޮވިޑް19 ގެ ސަބަބުން މުޅި ދުނިޔޭގެ ފަތުރުވެރިކަން އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓުނު އަހަރެކެވެ. މި އަޑިގަނޑުން އަރައިގަތުމަށް އެތައް އަހަރެއް ނަގާނެކަމަށް މި ދާއިރާގެ ތަޖުރިބާކާރުން ދެކެއެވެ. މިފަދަ ދަނޑިވަޅެއްގައި ދުނިޔޭގެ އެކި ސަރަހައްދުތަކުން މީހުން ރާއްޖެ އަންނަން ބޭނުންވުމަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުމުގެ އަލި މަގެކެވެ.
"ކްލަބް މެޑް"ގެ ދިރާސާއިން ދައްކާގޮތުން ގޫގުލް މެދުވެރިކޮށް އެންމެ ގިނަ މީހުން އަންނަ އަހަރު ޗުއްޓީ ހޭދަކުރަންދާން ބޭނުންވާ 10 މަންޒިލްގެ ތެރޭގައި ހިމެނެނީ:
- 1. ދިވެހިރާއްޖެ
- 2. މެކްސިކޯ
- 3. ތައިލޭންޑް
- 4. ތުރުކީ
- 5. ސްޕެއިން
- 6. ޔޫއެސް
- 7. މަލްޓާ
- 8. ޕޯޗުގަލް
- 9. މޮރީޝަސް
- 10. ސައުތު އެފްރިކާ
މީގެކުރިން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި 2020 ވަނަ އަހަރު އެންމެ ގިނަ މީހުން ދަތުރުކުރަން ބޭނުންވެގެން ސާޗް ކޮށްފައިވާ މަންޒިލްގެ 2 ވަނައިގައި ވެސް ވަނީ ރާއްޖެ ހިމެނިފައެވެ. ކޮވިޑް19 އަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލައި، ފަތުރުވެރިކަން ފަށައިގަނެފައި ވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު ރާއްޖޭގެ މަޤްބޫލުކަން އިތުރުވެ ރާއްޖެ އަންނަ ފަތުރުވެރިން އަންނަނީ އިތުރުވަމުންނެވެ.
ރާއްޖޭގެ މަޤްބޫލުކަން މި ދަނޑިވަޅުގައި ފަތުރުވެރިންގެ މެދުގައި މަޤްބޫލުވުމުގެ އެންމެ މުހިންމު ސަބަބަކީ ގުދުރަތީގޮތުން ވަކިވަކި ރަށްރަށެއްގެ ގޮތުގައި ރާއްޖެ އުފެދިފައިވުމެވެ. އަދި މި ދަނޑިވަޅުގައިވެސް ރާއްޖެ އިޝްތިހާރު ކުރުމަށް ސަރުކާރުގެ މުވައްސަސާތަކާއި މި ދާއިރާގައި މަސައްކަތްކުރާ އަމިއްލަ ފަރާތްތަކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ފަސްލައްކަ ބާވީސް ހާހަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. އަދި ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް އެއްލައްކަ ތިރީސް ނުވަހާހަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.