ޚަބަރު

ޝިޔާމަށް ދައުވާ ކުރުމުން ޝަހީމް: އެއީ ބިރު ދެއްކުމުގެ އަމަލެއް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް (ރިޓަޔާޑް) އަހުމަދު ޝިޔާމާ ދެކޮޅަށް ދައުވާ ކުރުމަކީ ބިރު ދެއްކުމުގެ އަމަލެއްގެ ގޮތުގައި ދީނީ އިލްމުވެރިޔާ އަދި ކުރީ ސަރުކާރުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސިފަ ކުރައްވައިފިއެވެ.

Ads by Hajj Corporation

ޝިޔާމްގެ މައްޗަށް އުފުލާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ޝިޔާމް ހުންނެވި އިރު އޭނާގެ ބައްޕަ ގިނަ ދުވަސްތަކެއް ވަންދެން ވިލިމާލޭގައި ހުންނަ ކޯސްޓްގާޑްގެ އިމާރާތުގެ ވީއައިޕީ ބައިގައި ބެހެއްޓި މައްސަލައެވެ.

މިކަމާ ގުޅިގެން ޝަހީމް މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ދަޢުވާ ނުކުރެވޭ ފަދަ މައްސަލައެއްގެ ގޮތުގައި ނިންމައި ފައިލް ކޮށްފައި އޮތުމަށް ފަހު، އެމްއެންޑީެފްގެ ކުރީގެ ޗީފް ޖެނެރަލް ޝިޔާމްގެ މައްޗަށް އަލުން ދަޢުވާކުރަން ފޮނުވުމަކީ ބިރު ދެއްކުމުގެ ޢަމަލެއް ކަމަށެވެ.

“ޤައުމީ ޚިދުމަތުގެ އަބުޠާލުންނާމެދު މިގޮތައް ކަންކަން ކުރުމަކީ ދެރަވަރު ކަމެއް.“ ޝަހީމް ވިދާޅުވިއެވެ.

ވިލިމާލޭގައި ހުންނަ ކޯސްޓް ގާޑްގެ އިމާރާތުގައި ޖުލައި 18، 2017 އިން ފެށިގެން 11 ޑިސެމްބަރު 2018 އާ ހަމައަށް ޝިޔާމްގެ ބައްޕަ ދިރިއުޅުއްވި މައްސަލަ އޭސީސީއަށް ފުރަތަމަ ހުށަހެޅީ އަމިއްލަ ފަރާތަކުންނެވެ. އޭރުގައި އެ މައްސަލަ ފައިލް ކުރި އިރު އޭސީސީން ބުނީ ސިފައިންގެ ވީއައިޕީ ގޭގައި، ޑިފެންސް ޗީފާއި ވައިސް ޗީފް އަދި ކޯސްޓު ގާޑުގެ ކޮމާންޑަރު އަންގަވާ ގޮތެއްގެ މަތިން އެކި މީސްމީހުންނަށް ތިބުމުގެ އިންތިޒާމު ހަމަޖެހޭ ކަން ލިބިފައިވާ ލިޔުންތަކުން އެނގޭ ކަމަށެެވެ. އެހެންވެ، ޝިޔާމްގެ ބައްޕަ އަށް އެތަނުގައި ހުންނެވުމުގެ އިންތިޒާމު ހަމަޖައްސާފައި ވަނީ ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކަމަށް ނުބެލެވޭ ކަމަށް އޭރު ތަހުގީގު ނިންމި ގޮތުގެ ރިޕޯޓުގައި ވެއެވެ.

ޝިޔާމަށް ދައުވާ ކުރަން ފޮނުވުމަށް ފަހު އޭސީސީން މިއަދު އާއްމުކުރި ބަޔާނުގައި ބުނީ ޝިޔާމްގެ ބައްޕަ ބެހެއްޓެވި ވީއައިޕީ ގެއަކީ ސިފައިންގެ މަރުކަޒެއް ކަަމަށްވާ އެމްއާރްސީސީގެ ބަޔަކަށް ވާތީ އެ މަރުކަޒަށް ހިނގާ ގަވައިދު އެ ގެއަށް ވެސް ހިނގާނެ ކަމަށެވެ. އެހެންވެ އެެ ގޭގައި އާއްމުންނަށް ދިރިނޫޅެވޭނެކަން އެނގޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ޝިޔާމްގެ މައްޗަށް ދައުވާ ކުރުމަށް އަލުން ނިންމުމާ ގުޅިގެން އިދިކޮޅު ގިނަ ފަރާތްތަކެއް އަންނަނީ އެކަމާ މެދު ނުރުހުން ފާޅުކުރަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!