ޚަބަރު

މިއަހަރުގެ މިހާތަނަށް މިފްކޯއިން މަސްވެރިންނަށް 845 މިލިއަން ރުފިޔާ ދޫކުރި

ރައުފާ ރަޝީދު ، ދެން އޮންލައިން

މިއަހަރުގެ މިހާތަނަށް މިފްކޯ މެދުވެރިކޮށް މަސްވެރިންނަށް 845 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

Ads by STELCO

އިސްމާއިލް މިހެން ވިދާޅުވެފައިވަނީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. އިސްމާއިލް ވިދާޅުވީ، މިއަހަރުގެ މިހާތަނަށް މަސްވެރިންގެ އަތުން 47000 ޓަނުގެ މަސްގަނެ 845 މިލިއަން ރުފިޔާ މިފްކޯއިން މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށެވެ.

"މިހާހިސާބަށް އާދެވުނުއިރު ގާތްގަނޑަކަށް 47000 ޓަނު އަޅުގަނޑުމެންނަށް ގަނެވިއްޖެ އިނގޭތޯ މަސްވެރިންގެ އަތުން. 845 މިލިއަން ރުފިޔާ މަސްވެރިންނަށް ދެވިއްޖެ. މިދިޔަ އަހަރު 903 މިލިއަން ރުފިޔާ ދެވުނީ." އިސްމާއިލް ފައުޒީ ވިދާޅުވިއެވެ.

އިސްމާއިލް ވިދާޅުވީ އުންމީދަކީ އަންނަ އަހަރު ޕްރޮޖެކްޓްތައް ނިމޭއިރު މިފްކޯ އަމިއްލަ ފައިމައްޗަށް ތެދުވެ ޒުވާން މަސްވެރިން ބޭނުންވާކަހަލަ ކުންފުންޏަކަށް ހެދުން ކަމަށެވެ. އަދި އެންމެ މުހިންމު ކަމަކަށް އިސްކަންދޭނީ ވަސީލަތްތައް ތަރައްޤީކުރުމަށް ކަމަށާއި މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށް އިސްމާއިލް ފާހަގަ ކުރެއްވިއެވެ.

އައިސް ލިބުމުގައި ހުރި ގޮންޖެހުންތަކަކީ މަސްވެރިންނަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. މިކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަންނަ އަހަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސް ޕްލާންޓްތައް ޤާއިމްވެގެން ދިއުމުގެ ސަބަބުން މަސްވެރިންގެ މި ކަންބޮޑުވުމަށް ވެސް ހައްލު ލިބިގެން ދާނެކަމަށް މިފްކޯއިން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!