ރިޕޯޓް

"ލޯތްބާއެކު، ހެޔޮހިތުން" ވިޒިޓް ލާމު އަތޮޅުން ލާމުގެ ރައްކާތެރިކަމަށް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން "ވިޒިޓް ލާމު އެޓޯލް" ގެ ފަރާތުން އަނެއްކާވެސް މިވަނީ ވަރަށް މުހިންމު ފިޔަވަޅެއް އަޅާފައެވެ.

Ads by Sosun Fihaara

އެގޮތުން ލާމު އަތޮޅު މިބަލިން ރައްކާތެރިކުރުމުގެ ގޮތުން ވިޒިޓް ލާމުން ވަނީ "ލޯތްބާއެކު، ހެޔޮހިތުން" ގެ ނަމުގައި ޕްރޮޖެކްޓެއް ފަށާ އެއަތޮޅުގެ ހުރިހާ ރަށަކަށް މާސްކާއި، ހޭންޑް ސެނިޓައިޒާ އާއި އަންގީގެ އިތުރުން އަތް ދޮންނަ ސައިބޯނި ފުޅި، މިމަހުގެ 27އަދި 28 ވަނަ ދުވަހު ބަހާފައެވެ.

މިޕްރޮޖެކްޓާއި ބެހޭގޮތުން "ދެން" އަށް މައުލޫމާތު ދެއްވަމުން ވިޒިޓް ލާމުގެ ރައީސް މުޙައްމަދު އަރީޙް ވިދާޅުވީ، މިއީ ވިޒިޓް ލާމު އެޓޯލް އާއި ފޮނަދޫ މެދު އަވަށު ސްޕޯޓްސް ކްލަބް ގުޅިގެން ހިންގި ޕްރޮގްރާމެއް ކަމަށެވެ.

"މި ޕްރޮގްރާމުގައި ލާމު އަތޮޅުގެ 38 މުއައްސަސާއަށް އެހީތެރިކަން ފޯރުކޮށްދީފައިވާނެ. މިއީ ކޮވިޑް19 އާއި ދެކޮޅަށް މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް، އަޅުގަނޑުމެންގެ ފަރާތުން ޚިދުމަތެއް ދިނުމަށްޓަކައި ކުރެވުނު މަސައްކަތެއް. ލާމު އަތޮޅުގެ ހުރިހާ ސިއްޙީ މަރުކަޒުތަކަށާއި ހޮސްޕިޓަލާއި، ފެނަކަ މުވައްޒަފުންނާއި، ސޯޝަލް ސާވިސް ޑެސްކްތަކާއި، ޕޮލިސް ސްޓޭޝަންތަކާއި، އެސްޓީއޯއާއި، އެއަރޕޯޓާއި، މޯލްޑިވިއަންގެ އިތުރުން އެމްޓީސީސީއަށް އަޅުގަނޑުމެން ވާނީ ފޮތި މާސްކް، ސާޖިކަލް މާސްކް، ސާޖިކަލް އަންގި، ސެނިޓައިޒާ އަދި ހޭންޑް ވޮޝް ފޯރުކޮށްދީފަ" އަރީޙް ވިދާޅުވިއެވެ.

މިފަދަ ބޮޑު އަދި ބުރަ ޕްރޮޖެކްޓެއް ރާވާ ހިންގާ ނިންމުމަށް ހަފްތާއެއްހާ ދުވަސް ނެގިކަމަށާއި އެގޮތުން އެންމެ ގިނަ ވަގުތު ހޭދަވީ އެހީ ހޯދުމަށް ކަަމަށް ވެސް އަރީޙް ވިދާޅުވިއެވެ. ނަމަވެސް އެހީ ލިބުމަށްފަހު، ވޮލެންޓިއަރުންނާއި ވިޒިޓް ލާމު އެޓޯލް ޖަމިއްޔާގެ މެމްބަރުންގެ އެހީއާއެކު، ދެ ދުވަސް ތެރޭ ހުރިހާ މުދަލެއް ބަހާ ނިންމުނުކަމަށް ވެސް އަރީޙް މައުލޫމާތު ދީފައިވެއެވެ.

"ލޯތްބާއެކު، ހެޔޮހިތުން" ޕްރޮޖެކްޓަށް އެހީ ފޯރުކޮށްދެއްވި ފަރާތްތަށް ފާހަގަ ކުރައްވަމުން އަރީޙް ވިދާޅުވީ މިއީ އެފަރާތްތަކުން ވެދެއްވި ވަރަށް ވެސް ދީލަތި އަދި އޯގާތެރި އެހީއެއް ކަމަށެވެ.

"މިޕްރޮޖެކްޓު ހިންގުމަށް، އެހީގެ ގޮތުގައި ކުރީގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) އަޅުގަނޑުމެންނަށް ދެއްވި 3000 މާސްކްއާއި 1200 އަންގި އާއި 100 ފުޅި ސެނިޓައިޒާ. އަދި ކޭ ޕާކް ރެސިޑެންސް އިން 500 މާސްކްއާއި 200 އަންގި ދެއްވިި. ދެން އަޅުގަނޑުމެންގެ ދެ ޖަމިއްޔާގެ ފަރާތުން 1000 ފޮތި މާސްކްއާއި 150 ސެނިޓައިޒާ އަދި 100 ހޭންޑްވޮޝް ވާނީ ހަދިޔާ ކުރެވިފަ" އަރީޙް ވިދާޅުވިއެވެ.

އެހެންކަމުން މިއަދަދުތަކާއެކު ލާމު އަތޮޅަށް ޖުމްލަ ގޮތެއްގައި ބެހިފައިވާނީ 3،500 ސާޖިކަލް މާސްކާއި، ‎ 1،300 ފޮތި މާސްކާއި 1،400 ސާޖިކަލް އަންގީގެ އިތުރުން 250 ހޭންޑް ސެނިޓައިޒާ އަދި ‎ 100ހޭންޑް ވޮޝް ފުޅިއެވެ.
‎ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރާއި ކޭ ޕާކް ރެސިޑެންސް އަދި ދެ ޖަމިއްޔާގެ އިތުރުން "ލޯތްބާއެކު، ހެޔޮހިތުން" ޕްރޮޖެކްޓު ހިންގުމުގައި ވަރަށް ގިނަ ވޮލެންޓިއަރުން ބައިވެރިވެފައިވެއެވެ. އެގޮތުން މާސްކު ފެހުމުގައާއި ޕެކް ކުރުމުގެ އިތުރުން މިތަކެތި ބެހުމުގައި ވެސް އެފަރާތްތަކުން އެހީތެރިވެ ބައިވެރިވެފައިވެއެވެ.
މިފަދަ ބޮޑު ޕްރޮޖެކްޓެއް ހިންގާ ނިންމާލާއިރު ވަރަށް ގިނަ ގޮންޖެހުންތަކަކާއިވެސް ކުރިމަތިވާނެކަން ޔަގީނެވެ.

"އެންމެ ބޮޑު ގޮންޖެހުމަކަށް ދިމާވީ ފައިނޭންޝިއަލީ ދިމާވި ގޮންޖެހުން، އަސްލު ކުރަން ބޭނުންވި ވަރަށް މިކަންތައްވީ، ޖަމިއްޔާގެ ބައިވެރިންގެ އަމިއްލަ ޖީބުން ޚަރަދުކޮށްގެން. އެހެންކަމުން އަޅުގަނޑުމެން ވިސްނަމުން މިއަންނަނީ ޖަމިއްޔާގެ ދެން ހުރި މަސައްކަތްތަކަށް ފައިސާ ހޯދަން ކޮންމެވެސް ކަހަލަ އިވެންޓެއް ބާއްވަން." އަރީޙް ވިދާޅުވިއެވެ.
"ލޯތްބާއެކު، ހެޔޮހިތުން" ހިނިތުންވުމަކާއެކު ނިންމާލެވުނީ ވަރަށް ގިނަ ބައެއްގެ މިންނެއް މަސައްކަތާއި އެހީތެރިކަމާއެކުގައެވެ. އެހެންކަމުން ވިޒިޓް ލާމު އެޓޯލްގެ ފަރާތުން ޝުކުރު އަދާކުރާ ފަރާތްތަކުގެ ލިސްޓުވެސް އެހާމެ ދިގެވެ.

"ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ކުރީގެ އެމްޕީ އަބްދުއްރަޙީމް އަބްދުﷲ އަށާއި ކޭ ޕާކް ރެސިޑެންސަށް. އޭގެއިތުރުން އަޅުގަނޑުމެންގެ މިޖަމިއްޔާގެ މެމްބަރުން ކަމަށްވާ ސަނީޙް، އަނަސް، ސާމިޙް، މުޙައްމަދު އިޒްމީމް، ނުޒޫ، ނައުޝާ އަދި އަރީޝާ އަށްވެސް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރަން. މިފަރާތްތަކުގެ އިތުރުން އަޅުގަނޑުމެންގެ ހީވާގި ވޮލެންޓިއަރުން ކަމަށްވާ މުޙައްމަދު އަލީ (މާވަށް)، ނިއުޝާ (ހިތަދޫ)، ހުސެއިން ރިއުމާން (މާމެންދޫ)، ސާއިދާ (މުންޑޫ)، އަޙްމަދު އަރުޝަދު (މާބައިދޫ)، އިބްރާހިމް ރަޝީދު (ދަނބިދޫ)، ޝަކީބް (ކުނަހަންދޫ)، އިބްރާހިމް ނާއިފް، ފާލިޙް، އަޙްމަދު ނަސީޙް، އަޙުމަދު ފަރުހާން، ނަސްވާން ޙުސެއިން މުޙައްމަދު، ޔޫސުފް ސުނިލް، އަލީ ޝިފާޒް، އަޔާޒް ޙުސެއިން، މިޒޫ އަބޫބަކުރު އަށް ވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ.

މީގެ އިތުރުން މާސްކު ފަހައިދިން ފެހުންތެރިން ކަމަށްވާ އެމް3 ޓެއިލާރސް، ނާދިރާ، ޝަހުބާނާ، ސަލްވާ، އަމާލް، ސަކީލާ، ނީމާ، ރާޒިޔާ، ނަޒިޔާ، ޝިފާޒާ، ފަޔާޒާ، ނޫމާ، އަރުޝީ، ނަފީސާ، ޒުލްފާ، ރަމީޒާ، ނަހުޒާ، ނާޒިހާ އަދި ނިއުމާ ގެ ނަންވެސް ފާހަގަ ކޮށްލަން. އަދި މިޕްރޮޖެކްޓްގެ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯގެ އަޑު ތައްޔާރު ކޮށްދިން ޝަހީދް ލެގަސީ އަށް ވެސް ޚާއްސަ ޝުކުރެއް ދަންނަވަން" އަރީޙް ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!