އޭއެފްސީ ކަޕްގެ މެޗުތައް ސެޕްޓެމްބަރު މަހު ފަށަން މަޝްވަރާތައް ފަށައިފި
މިހާރުގެ ހާލަތަށް ބަލާއިރު އޭއެފްސީ ކަޕްގެ މެޗުތައް އަލުން ފެށުން އެންމެ ގާތީ އަންނަ ސެޕްޓެމްބަރު މަހުކަމަށް އެފްއޭއެމުން ބުނެފިއެވެ.
ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮވިޑް-19ގެ ސަބަބުން ސަރަހައްދީ ފުޓްބޯޅަ މުބާރާތްތައް އޮތީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ. މިގޮތުން ރާއްޖޭގެ ކުލަބުތައް ވާދަކުރާ އޭއެފްސީ ކަޕާއި، ޤައުމީ ޓީމް ވާދަކުރާ އޭޝިއަން ކަޕްގެ ކޮލިފައިން މެޗުތައްވެސް އަލުން ކުޅޭނެ ތާރީޚެއް އަދި ނުނިންމައެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އަންނަ ޖޫން މަހު އޭއެފްސީ ކަޕްގެ މެޗުތައް ކުޅެން އޭއެފްސީން މަޝްވަރާކުރިކަމަށާއި، އެކަމަކު ސާކްގެ ގިނަ ގައުމުތަކުގެ ހާލަތަށް ބަލައި މެޗުތައް ލަސްކުރީކަމަށެވެ. ބައްސާމް ވިދާޅުވީ ރާއްޖޭގެ ހާލަތު ތަފްސީލްކޮށް ކިޔައިދީފައިވާނެކަމަށާއި، ލަފާކުރެވޭ ގޮތުގައި މެޗުތައް އަލަށް ތާވަލްކުރާނެކަމަށް ބެލެވެނީ އަންނަ ސެޕްޓެމްބަރުގައިކަމަށެވެ.
"މި ސަރަހައްދުގައި ކޮވިޑް-19ގެ ހާލަތަށް ބަލާއިރު އޭއެފްސީން ބޭނުމެއް ނުވޭ އަވަސް އަރުވާލައިގެން މެޗުތައް ކުޅެން. ބޮޑަށް ބެލެވެނީ އަލުން މެޗުތައް ފެށުން ގާތީ ސެޕްޓެމްބަރުގައިކަމަށް. އެކަމާއި ގުޅޭގޮތުން މަޝްވަރާތައް އަންނަނީ ކުރަމުން" މާޒިޔާއާއި ޓީސީ މިއަހަރު ވާދަ ކުރާ އޭއެފްސީ ކަޕާއި ގުޅޭ ގޮތުން ބައްސާމް ބުންޏެވެ.
މީގެ އިތުރު ޤައުމީ ޓީމް ވާދަކުރާ އޭޝިއަންކަޕް ކޮލިފައިންގެ މެޗުތައްވެސް ކުޅޭނެކަމަށް ބެލެވޭނީ މި އަހަރުގެ ފަހުކޮޅުގައިކަމަށްވެސް ބައްސާމް ވިދާޅުވިއެވެ. އެފްއޭއެމުން އަންނަނީ އައު ސީޒަން އަންނަ ސެޕްޓެމްބަރު ފެށުމާއި ގުޅޭގޮތުން މަޝްވަރާކުރަމުންނެވެ