ޚަބަރު

2021 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު 13.5 ޕަސެންޓު ކުރިއަރާނެ: އެމްއެމްއޭ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

މި ފެށޭ 2021 ވަނަ އަހަރު ރާއްޖޭގެ ޖީޑީޕީ 13.5 ޕަސެންޓު ކުރިއަރާނެ ކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭއިން ލަފާ ކޮށްފިއެވެ.

Ads by STELCO

އެމްއެމްއޭއިން ނެރުނު އިކޮނޮމިކް އަޕްޑޭޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، 2020 ވަނަ އަހަރުގެ ރިއަލް ޖީޑީޕީ 29.3 ޕަސަންޓު ދަށް ވާނެއެވެ. އެއީ ފަތުރުވެރިކަމާއި ހޯލްސޭލް، ރީޓެއިލް ވިޔަފާރިއާއި، ރިއަލް އެސްޓޭޓްގެ އިތުރުން ކޮންސްޓްރަކްޝަނާއި ދަތުރުފަތުރު އަދި ކޮމިއުނިކޭޝަން ދާއިރާތަކަށް ބޮޑު ހީނަރު ކަމެއް އައުމުން ކަމަށް އެ ރިޕޯޓުގައި ވެއެވެ.

އެހެން ނަމަވެސް އަންނަ އަހަރު ޖީޑީޕީ 13.5 ޕަސެންޓުން ކުރިއަރާނެ ކަމަށް އެ ރިޕޯޓުގައި ލަފާ ކޮށްފައި ވެއެވެ.

އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި، އަހަރީ ސިފައެއްގައި ބަލާލާއިރު މިދިޔަ ނޮވެމްބަރުގައި ފަތުރުވެރިން ޒިޔާރަތް ކުރުމާއި، ބެޑް ނައިޓުތައް 74 ޕަސަންޓާއި 69 ޕަސަންޓް ދަށްވެފައިވާ ކަމަށެވެ. އަހަރީ ސިފައެއްގައި ނޮވެމްބަރު މަހު ފަތުރުވެރިކަން ދަށްވެފައި ވީ ނަމަވެސް ޖުލައި މަހު ބޯޑަރު ހުޅުވި ފަހުން ފަތުރުވެރިކަން ރަނގަޅު ވަމުން އައިކަން އެ ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ. އެ ރިޕޯޓުގައި ބުނީ ނޮވެމްބަރު މަހު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވަނީ ޔޫރަޕިއަން މާކެޓުން ކަމަށެވެ.

އޮކްޓޫބަރު މަހުގެ ނިޔަލަށް ހިލޭ އެހީ ނުހިމަނައި ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު މިއަހަރު 45 ޕަސެންޓު ނުވަތަ 647.8 މިލިއަން ރުފިޔާ ވަނީ ދަށް ވެފައެވެ. އަދި މިދިޔަ އަހަރު އެ މުއްދަތާ އަޅާބަލާއިރު މިއަހަރު ދައުލަތުގެ ހަރަދު ވެސް ވަނީ 26 ޕަސެންޓު ނުވަތަ 733.8 މިލިއަން ރުފިޔާ ދަށް ވެފައެވެ.

މިއަހަރުގެ އޮކްޓޫބަރު މަސް ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވުގައި ހުރީ 638.1 މިލިއަން ޑޮލަރެވެ. ނޮވެމްބަރު މަސް ނިމުނުއިރު އެ އަދަދު ވަނީ 629.9 މިލިއަން ޑޮލަރަށް ދަށް ވެފައެވެ.

އޮކްޓޫބަރު މަހު ރިޒާވުގައި ހުރި އަދަދާ އަޅާބަލާއިރު ނޮވެމްބަރު މަހު ރިޒާވް އެއް ޕަސެންޓު ދަށްވި ނަމަވެސް، މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅާބަލާއިރު މިއަހަރުގެ އެ މުއްދަތުގައި ރިޒާވް ވަނީ ހަތަރު ޕަސެންޓު އިތުރު ވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!