ރިޕޯޓް އެޑްވަޓޯރިއަލް ވިޔަފާރި

އެމްޕީއެލް، 2020ވަނަ އަހަރަށް ކަނޑައެޅި ލަނޑުދަނޑި ހާސިލްނުވި ނަމަވެސް، މެދުނުކެނޑި ޚިދުމަތް ދެވުމަކީ ބޮޑު ކާމިޔާބީއެއް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
MPL, Maldives Port Limited, އެމްޕީއެލް
އެމްޕީއެލްގެ ސީއީއީ ޝާހިދު "ދެން" އަށް އިންޓަރވިއު ދެއްވަނީ

ނަވާރަ ސަތޭކައިގެ އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި މުދާ އުފުލުމާއި ރާއްޖެއަށް މުދާ އެތެރެކުރުން އޮތީ ވަރަށް ވެސް އާދައިގެ ގޮތަކަށެވެ. ބޯޓު ފަހަރުތަކުގައި މުދާ އެތެރެކުރާ އިރު މުދާ ބޭލުމާއި އެއްތަނުން އަނެއް ތަނަށް ފޮނުވުމުގައި އެކަށޭނަ ގޮތްތަކާއި ޤަވާއިދު ތަކެއް އެޒަމާނުގައި ހެދިފައެއް ނުވެއެވެ. ނަމަވެސް ދުނިޔެއަށް އަންނަމުންދާ ތަރައްޤީގެ ކުލަވަރުތަކާއި އެކު މި ކަންވެސް މަޑުމަޑުން ބަދަލުވަމުން ދާންފެށިއެވެ.

Ads by Hajj Corporation

އެގޮތުން ފުޅާ ދާއިރާއެއްގައި މި މަސައްކަތް ކުރުމަށްޓަކައި ސައްތައިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ގޮތުގައި 2008 ވަނަ އަހަރު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ވުޖޫދު ވެގެން އައެވެ. ދިވެހިރާއްޖެ ދެހާހުގެ އަހަރުތަކުގައި ދުށް ތަރައްގީގައި މޯލްޑިވްސް ޕޯޓް އޮތޯރިޓީގެ ނަމުގައި 1986 ވަނަ އަހަރުން ފެށިގެން ހިންގަމުން ދިޔަ މި ކުންފުނީގެ ދައުރު ވަރަށް ވެސް ބޮޑެވެ. އޭރު ދިވެހިން ދުށް ފާލަންތަކާއި، މަތިމައްޗަށް ނެގެމުން ދިޔަ އިމާރާތްތަކުގެ ފަހަތުގައި މި ކުންފުނީގެ ކުޅަދާނަ މޭސްތިރިންގެ މަސައްކަތް ވުމަކީ ލޯ ކުރިމަތިން ފެންނަން އޮތް ދެބަސް ވެވޭކަށް ނެތް ހަޤީގަތެކެވެ.

2021 ވަނަ އަހަރަށް ދުނިޔެ މަރުހަބާ ކިޔަމުންދާ އިރު އަޅުގަނޑުމެންގެ ދިރިއުޅުން މި ވަނީ އިންތިހާ އަށް ފަސޭހަ ވެފައެވެ. ރާއްޖެ އަކީ އިމްޕޯޓް ގެ މައްޗަށް ބަރޯސާ ވެފައިވާ ޤައުމަކަށް ވެފައި ބޭރުން އުފައްދާ މުދާތައް ފެސޭހަ ކަމާއި އެކު ލިބޭ ގޮތްތައް އިންތިޒާމް ކުރެވިފައި ވުމަކީ 12 އަހަރު މެދުކެނޑުމެއްނެތި އެމް.ޕީ.އެލް އިން ފޯރުކޮށްދިން ޚިދުމަތުގެ ނަތީޖާކަން ގައިމެވެ. ހަގީގަތުގައި ވެސް އެމް.ޕީ.އެލްގެ ކުރު ތާރީޚުގައި އެ ކުންފުނިން ވަނީ މުޅި ރާއްޖެއަށް ޚިދުމަތްތައް ފުޅާ ކޮށްފައެވެ.

ނިމިގެން މިދިޔަ 2020 ވަނަ އަހަރަކީ މުޅި ދުނިޔޭގެ އިގްތިޞާދު ސުންނާފަތި ކުރުވި އަހަރެކޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ކޮވިޑް-19ގެ އާލަމީ ވަބާގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިޞާދަށް ބޮޑު ހީނަރު ކަމެއް ގެނުވި އިރު ރާއްޖެފަދަ އިމްޕޯރޓަށް ބަރޯސާވެފައި އޮންނަ ގައުމަކަށް ކުރިމަތިލާން ޖެހުނީ ދަތި ދުވަސްތަކަކާއެވެ. އެހެން ނަމަވެސް ރާއްޖޭގެ ވިޔަފާރި ބަނދަރުތައް މެނޭޖްކުރާ މޯލްޑިވްސް ޕޯރޓްސް ލިމިޓެޑުން ކޮވިޑް-19ގެ ދަތި ދުވަސްވަރުގައި ވެސް ދެއްކީ ލާމަސީލު ނަމޫނާއެކެވެ. ރައްޔިތުން ގޭ ބަންދުވެފައި ތިބި ދުވަސްވަރުގައި ވެސް އެމްޕީއެލްގެ މުވައްޒަފުން އަވަދިނެތި އުޅުނީ މަސައްކަތުގައެވެ.

MPL, Maldives Port Limited, އެމްޕީއެލް

2020ގައި އެމްޕީއެލްގެ ޚިދުމަތްތައް

ކޮވިޑް-19ގެ ސަބަބުން ވޭތުވެދިޔަ އަހަރަކީ ކިތަންމެ ދަތި އަހަރެއް ކަމުގައި ވިޔަސް އެމްޕީއެލްގެ އެންމެ ބޮޑު އަމާޒަކަށްވީ، އެމްޕީއެލް އިން ދެމުން ގެންދިޔަ ޚިދުމަތްތައް މެދުކެނޑުމެއް ނެތި ދެމުން ގެންދިއުމަށެވެ. އެގޮތުން، އެންމެ އިސްކަމެއް ދެވިގެން ދިޔައީ އާންމުކޮށް އަންނަ ބޯޓު ފަހަރަށް ޚިދުމަތް ދިނުމާއި، މުދާ ބޭލުމާއި، މުދާ ކަސްޓަމުން ކްލިއާރ ކުރުމުގެ އިތުރުން އޭގެ ވެރި ފަރާތަށް މުދާ އަމާނާތްތެރިކަމާއެކު ރައްދު ކުރުމެވެ.

ކޮވިޑްގެ ފުރަބަންދާ ގުޅިގެން އެތައް ގޮންޖެހުންތަކެއް

"ދެން"އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ފުރަބަންދުގެ ހާލަތު އައީ އެއްވެސް ކަހަލަ އިޝާރާތެއް ވެސް ނެތި ކުއްލިއަކަށް ކަމަށެވެ. އަދި ރާއްޖެއަށް އެތެރެ ކުރާ ހުރިހާ ވައްތަރެއްގެ މުދާ އެތެރެ ވަނީ ޕޯޓުގެ ތެރެއިން ކަމުގައި ޝާހިދު ފާހަގަ ކުރެއްވިއެވެ. އެހެންކަމުން، އެމްޕީއެލްގެ ޚިދުމަތް ނުހުއްޓި ދެމެހެއްޓެނިވި ގޮތުގައި ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އެމްޕީއެލުން ދުށް ކަމުގައި ވިދާޅުވިއެވެ.

އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނިން ކުއްލިއަކަށް އެކަން އައީމަ އަޅުގަނޑުމެންގެ މުވައްޒަފުންނާއި މަސައްކަތް ބައްޓަން ކުރާނީ ކިހިނެއްތޯ.

ޝާހިދު އަލީ

އެހިސާބުން ކޮވިޑް-19ގެ ބަލިމަޑުކަމުގެ ދުވަސްވަރުގައި ވެސް ރައްޔިތުންނަށް މެދުކެނޑުމެއް ނެތި ޚިދުމަތް ދެވޭނެ ގޮތަކަށް އެމްޕީއެލުން ކަންތައްތައް ބައްޓަން ކުރަން ފެށިއެވެ. އެގޮތުން ތަނުގެ މުވައްޒަފުން އޮފީހުގައި ލޮކްޑައުން ކޮށް ޚިދުމަތްތަކަށް ބުރޫ ނާރާނެ ގޮތަކަށް ކަންތައްތައް އިންތިޒާމު ކުރަން ފެށިއެވެ. އަދި ބޭރުގެ އެއްވެސް އެހެން ބަޔަކާ ބަންދުވެފައި ތިބި މުވައްޒަފުން ކޮންޓެކްޓް ނުވާނެ ފަދަ ގޮތަކަށް ކަންތައްތައް ހަަމަ ޖެއްސުމަށް ބޮޑު އިސްކަމެއް ދެވުނެވެ.

ޝާހިދު ވިދާޅުވީ، އެމްޕީއެލްގެ ގިނަ މުވައްޒަފުންނަކީ ޚާއްސަ ހުނަރުތަކެއް ލިބިގެންވާ މުވައްޒަފުންތަކެއް ކަމަށެވެ. އެގޮތުން، ހެވީ އިކުއިޕްމެންޓް ދުއްވާ މީހުން، ބޯޓު ފަހަރު ދުއްވާ މީހުން އަދި ޓަގް ފަހަރުގެ ޕައިލެޓުން ޝާހިދު ފާހަގަ ކުރެއްވިއެވެ. އެ ހުނަރުތަކަކީ ގިނަ ބައެއްގެ ކިބައިގައި ހުންނަ ހުނަރެއް ނޫންކަމުން އެމްޕީއެލްގެ މައިގަނޑު ބޭނުމަކަށްވީ، އެފަދަ މުވައްޒަފަކު ކޮވިޑަށް ފައްސި ނުވާނެ ފަދަ ގޮތަކަށް ކަންކަން އިންތިޒާމު ކުރުމަށެވެ. ސަބަބަކީ އެފަދަ މުވައްޒަފަކު ކޮވިޑަށް ފައްސިވެ ކަރަންޓީނުވާން ޖެހިއްޖެ ނަމަ ކުންފުނީގެ މަސައްކަތަށް ލޮޅުމެއް އައިސްފާނެތީއެވެ. އެހެންކަމުން ވީހާ ވެސް ބޮޑަށް އެމުވައްޒަފުން ވީހާވެސް ރައްކާތެރިވާނެ ގޮތަކަށް އިންތިޒާމުކޮށް އޮފީހުގައި އެ މުވައްޒަފުން ލޮކްޑައުން ކުރެވިގެން ދިޔައެވެ.

ގިނަ ޚިދުމަތްތަކެއް އޮންލައިންކޮށް ދޭން ފެށުނު

ކޮވިޑް-19ގެ ސަބަބުން ކަންތައްތައް ކުރަމުން ދިޔަ ހުރިހާ ނިޒާމަކަށް ވެސް ބަދަލުތަކެއް އައިކަމީ ފެންނަން އޮތް ހަގީގަތެކެވެ. އޮފީސްތަކުގެ މުވައްޒަފުން ގޭގައިތިބެ ރިމޯޓް ކޮށް މަސައްކަތް ކުރަމުން ގެންދިޔައިރު، ދަރިވަރުން ކިޔަވަމުން ގެންދިޔައީ ވެސް އޮންލައިން ކޮށްގެނެވެ. އިދާރާތަކަށް ގޮސް ޚިދުމަތް ހޯދުމަކީ ފެތުރިފައިވާ ބަލިމަޑުކަމުގެ ސަބަބުން ރައްކާތެރި ގޮތެއް ކަމަށް ނުފެނުމުން، އެމްޕީއެލުން ވެސް ގިނަ ޚިދުމަތްތަކެއް އޮންލައިން ކޮށް ދިނުމަށް ނިންމިއެވެ.

އެމްޕީއެލްގެ ޚިދުމަތްތަކުގެ ތެރެއިން ޑޮކިއުމަންޓް ސަބްމިޝަން، ޚިދުމަތަށް އެދުން އަދި މުދާ ކްލިއާރ ކުރާ މީހުން ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ހުށަހެޅުންފަދަ ކަންތައްތަކުން ފެށިގެން ގޮސް ގާތްގަނޑަކަށް ހުރިހާ ޚިދުމަތެއް ވެސް އޮންލައިން ކޮށް ދެވޭނެ ފަދަ އިންތިޒާމެއް ހަމަޖައްސަން ފެށިއެވެ. އެގޮތަށް ކަންކަން ހަމަޖެއްސުމުން މުދާ ގެންނަ ފަރާތްތަކުން އެމްޕީއެލްއަށް ދާން ޖެހޭނީ ހަމައެކަނި މުދާ ބަލައިގަތުމަށެވެ. އެހެން ހުރިހާ ލިޔެކިޔުންތަކެއް އޮންލައިންކޮށް ޕްރޮސެސް ކުރެވޭނެ ފަދަ ގޮތަކަށް ހަމަޖެހިގެން ދިޔައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި މިގޮތަށް އޮންލައިންކޮށް ޚިދުމަތް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ކުރެވުނު ވަރަށް މުހިންމު މަސައްކަތެއްގެ ގޮތުގައި ޝާހިދު ސިފަކުރެއްވިއެވެ. އެގޮތުން އޭގެ ސަބަބުން ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އޭގެ ސަބަބުން މަސައްކަތްތައް ވަރަށް ބޮޑުތަނުން ފަސޭހަވެގެން ދިޔަކަން ޝާހިދު ފާހަގަ ކުރެއްވިއެވެ.

2020ވަނަ އަހަރަށް ކަނޑައެޅި ލަނޑުދަނޑި ހާސިލްވިބާ؟

2019ވަނަ އަހަރު އެމްޕީއެލުން ނިންމާލީ ވިހިވިހި ވަނަ އަހަރަށް ވަރަށް ގިނަ ކަންތައްތަކަކަށް އަމާޒު ހިފައިގެންނެވެ. ކުންފުނިން ކަނޑައެޅީ ވަރަށް ބޮޑު ލަނޑުދަނޑިއެއް ހާސިލް ކުރުމަށް މަސައްކަތް ކުރުމަށެވެ. އަދި މާލީގޮތުން ވެސް ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށާއި ވަސީލަތްތައް ތަރައްގީ ކުރުމަށް ބަޖެޓުން ވަކި ބައެއް ކަނޑައެޅިއެވެ. އަދި އެކަންކަން ހާސިލު ކުރުމަށް އަމާޒުހިފައި 2020ވަނަ އަހަރު އެމްޕީއެލުން ފެށީ ޖޯޝާއެކުއެވެ. އެހެން ނަމަވެސް ކޮވިޑް-19ގެ ސަބަބުން ކުންފުނިން 2019 ނިމުނު އިރު ކަނޑައެޅި ލަނޑުދަނޑި ހާސިލު ކުރުމަށް ހުރަސްތަކެއް ކުރިމަތިވިއެވެ. ނަތީޖާއަކަށްވީ އަހަރު ފެށި ހަމަ ޖެހިނުލެވިގެން އުޅެނިކޮށް ކުންފުނިން މިވޭތުވެދިޔަ ވިހިވިހި ވަނަ އަހަރަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ބަދަލު ކުރަން ޖެހުމެވެ.

ކުރިންވެސް ފާހަގަ ކުރެވިފައިވާހެން، ކޮވިޑް-19އާ ގުޅިގެން މިއަހަރަށް އެމްޕީއެލުން ކަނޑައެޅި ލަނޑުދަނޑި އަކީ އެކުންފުނިން ރައްޔިތުންނަށް ދެމުން ގެންދިޔަ ޚިދުމަތްތައް މެދުކެނޑުމެއް ނެތި ދެމުން ގެންދިއުމެވެ. އަދި މީގެ އިތުރުންވެސް މުވައްޒަފުންނަށް ލިބޭ މުސާރަ އާއި ބޭސިކް އިނާޔަތްތައް މުވައްޒަފުން ވަޒީފާއިން ކަނޑާނުލައި، ވަޒީފާގެ ޔަގީންކަމާއެކު މަހުންމަހަށް ދެމުން ގެންދިއުމަށް ވެސް ކުންފުނިން އަމާޒު ހިފި ކަމުގައި ވެސް "ދެން"އާ ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވިއެވެ.

އަނެއްކަމަކަށް އަޅުގަނޑުމެން ވިސްނީ އަޅުގަނޑުމެންގެ މުވައްޒަފުން ވީހާވެސް ކޮވިޑް-19ގެ މި ނުރައްކަލުން ސަލާމަތްވާނެ ގޮތަކަށް މަސައްކަތް ކުރުން. އެގޮތުން އަޅުގަނޑުމެން ވަރަށް ގިނަ ސްޓާފުން ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސިން.

ޝާހިދު އަލީ

މިމޭރުމުން ވާހަކަ ދައްކަވަމުން ޝާހިދު އިތުރަށް ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި އެކުންފުނިން ކަނޑައެޅި ގާތްގަނޑަކަށް ހުރިހާ ލަނޑުދަނޑިތަކެއް ހާސިލްވެގެން ދިޔަ ކަމަށެވެ. އެހެން ނަަމަވެސް އެމްޕީއެލްގެ އާމްދަނީ ގުޅިފައި އޮންނަނީ ރާއްޖެއަށް މުދާ އިތުރުކުރެވޭ މިންވަރަކަށް ކަމަށްވާތީ އެ ދުވަސްވަރު ކުންފުނި މާލީގޮތުން ވަރަށް ދަށަށް ދިޔަ ކަަމަށް ޝާހިދު ފާހަގަ ކުރެއްވިއެވެ.

ޕެންޑަމިކްގެ ލޮކްޑައުންއާ ގުޅިގެން އާންމު ހާލަތުގައި އެތެރެ ކުރެވޭ މުދަލުގެ އަދަދަށް ބަލައިފި ކަމުގައި ވާނަމަ 50 ޕަސެންޓް ދަށް ވެގެން ދިޔަ. އެކަމުގެ ސަބަބުން އަޅުގަނޑުމެންގެ އާމްދަނީ ވެސް ހަމަ އެވަރަށް ދަށް ވެގެން ދިޔަ. އެހެންވީމަ މުވައްޒަފުންގެ މުސާރަ ދިނުން އަޅުގަނޑުމެންގެ "ޓޮޕް ޕްރިއޯރިޓީ" އަކަށް ހެދީ.

ޝާހިދު އަލީ

މުވައްޒަފުންގެ މުސާރަ ދިނުމަށްފަހު އެންމެ ބޮޑު އިސްކަމެއް ދިނީ ކޮންމެހެން ކުރަން ޖެހޭ މަރާމާތުތައް ކުރުމަށެވެ. ކުންފުނީގެ އިކުއިޕްމަންޓްތައް ހަލާކުވެ ދިޔަ ނުދީ ކުރިއަށް ގެންދެވޭނެ ގޮތަކަށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށެވެ. އަދި 2019ގެ ބަޖެޓުން ކުންފުނީގެ ވަސީލަތްތައް ތަރައްގީ ކުރަން ނިންމި ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ކުންފުންޏަށް މަޖުބޫރުވެގެން ދިޔައީ ޚަރަދުތައް ވީހާ ވެސް ބޮޑަކަށް ކުޑަ ކުރުމަށެވެ. އެހެންކަމުން ކުންފުނިން ވިހިވިއްސަށް ކުރަން ނިންމާފައި ހުރި ބޮޑެތި ޚަރަދުތައް ފަހަތަށް ޖައްސާލުމަށް ނިންމުނެވެ. އޭގެ ތެރޭގައި އައު އިކުއިޕްމަންޓް ހޯދުން، އައު ޓަގް ބޯޓު ހޯދުން ފަދަ ކަންތައްތައް ހިމެނެއެވެ.

ކޮންމެއަކަސް، 2019ވަނަ އަހަރު ނިންމާލިއިރު ކުންފުނިން ވިހިވިއްސަށް ކަނޑައެޅި ލަނޑުދަނޑި ހާސިލް ނުވި ނަމަވެސް ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ކުންފުނިން ކަނޑައެޅި މައިގަނޑު ލަނޑުދަނޑިތައް ވަނީ ހާސިލް ވެފައެވެ.އެގޮތުން، މިނިސްޓްރީ އޮފް ފިނޭންސް ނުވަތަ އެހެން ތަނެއްގެ އެހީތެރިކަމެއް ނުހޯދައި މުވައްޒަފުންނަށް މުސާރަދީ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ދެމުން ގެންދެވުމަކީ ހާސިލްވި ރަނގަޅު ލަނޑުދަނޑިއެއްގެ ގޮތުގައި ޝާހިދު ސިފަކުރެއްވިއެވެ.

ގުޅީފަޅަށް ވިޔަފާރި ބަނދަރު ބަދަލުކުރުން، އެމްޕީއެލްއަށް އަދި ޚިދުމަތް ހޯދާ ފަރާތްތަކަށް ވެސް އެތައް ފަސޭހަތަކެއް

މާލެ އާއި ހުޅުމާލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިތައް ހައްލުކުރުމަށް އޮތް ހައްލަކީ ގުޅީފަޅުގައި ތަރައްގީ ކުރާ ވިޔަފާރި ބަނދަރު ކަމަށް މީގެ ކުރިން ވެސް ޝާހިދު ވިދާޅުވެފައިވެއެވެ. އެގޮތުން ފާއިތުވި 4 އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް އިމްޕޯރޓް ކުރި މުދާ އިތުރުވުމުގެ ސަބަބުން ވިޔަފާރި ބަނދަރުގެ ކެޕޭސިޓީއަށްވުރެ 50 ޕަސެންޓް އިތުރަށް ބޭނުން ކުރަން ޖެހިފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގައި އިގްތިޞާދު ކުރިއަރައި، އިމްޕޯރޓް އިތުރުވެެއްޖެ ނަމަ ދަތިތަކާއި ކުރިމަތިލާން ޖެހޭނެކަމަށް ޕީއެސްއެމްގެ ނިއުސް ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޝާހިދު ޖުލައި މަހުގެ ތެރޭގައި ވިދާޅުވިއެވެ.

އެމްޕީއެލަށް 2020ވަނަ އަހަރު ހާސިލްވި ލަނޑުދަނޑިތަކާއި ގުޅޭގޮތުން "ދެން"އާ ވާހަކަ ދައްކަވަމުންވެސް ޝާހިދު ވަނީ  ގުޅީފަޅަށް ވިޔަފާރި ބަނދަރު ބަދަލު ކުރުމުގެ މަސައްކަތުގެ ވާހަކަ ފާހަގަ ކުރައްވާފައެވެ. އެގޮތުން ގުޅީފަޅަށް ވިޔަފާރި ބަނދަރު ބަދަލު ކުރުމުގެ މަސައްކަތުގެ ތެރެއިން ޕޯރޓްގެ ޓެކްނިކަލް އެކްސްޕަޓީސް އިކޮނޮމިކް މިނިސްޓްރީގެ ކޮންސަލްޓެންޓުންނާއި ހިއްސާ ކުރެވިގެން ދިޔަ ކަމަށް ޝާހިދު ވިދާޅުވިއެވެ. އެމަސައްކަތުގައި އެމްޕީއެލް އިން ހާސިލުކުރަން ބޭނުންވި ގިނަ ކަންތައްތައް ހާސިލުކުރަން ބޭނުންވި ހިސާބަށް ހާސިލުވެގެން ދިޔަ ކަމުގައި ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މީގެ 20 އަހަރު ކުރިން މާލޭގެ ވިޔަފާރި ބަނދަރު ތަރައްގީ ކުރެވިފައި އެއޮތީ ކޮންޓެއިނަރުން ހިދުމަތް ދޭ ގޮތަކަށް ވެސް ނޫން ކަމުގައެވެ. އަދި ކޮންޓެއިނަރުން ހިދުމަތް ދެމުން ގެންދިޔަ ކަމުގައި ވިޔަސް ރަނގަޅަށް ހިދުމަތް ދެވޭ ނަމަ ދެވެނީ ފަންސާސްހާސް ނުވަތަ ހަތްދިހަހާސް ކޮންޓެއިނަރަށް ކަމުގައި ޝާހިދު ފާހަގަ ކުރެއްވިއެވެ. އެހެން ނަމަވެސް އެމްޕީއެލްއަށް އަންނަ އަދި ބޭރު ކުރާ ކޮންޓެއިނަރ ތަކުގެ ޖުމްލަ އަދަދު މިހާރު އެއްލައްކަ ތިރީސް ހާހަށް އަރައެވެ.

އެހާ ގިނަ ކޮންޓެއިނަރަށް ހިދުމަތް ދޭން ބަލާއިރު، މިއަދު މާލޭގައި އޮތް ވިޔަފާރި ބަނދަރުގެ ޖާގަ އަކީ ވަރަށް ކުޑަކުޑަ ޖާގައެއްގެ ގޮތުގައި ޝާހިދު ސިފަ ކުރެއްވިއެވެ. އޭގެ ސަބަބުން މުދާ ވެރި ފަރާތަށް ރައްދު ކޮށްދިނުމަށް ލަސްތަކެއް ވެސް ވެގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މުދާ ކްލިއާރ ކުރުމާއި ސްޓޯރޭޖްގައި ބެހެއްޓުމުގައި ވެސް ޖާގައިގެ ދަތިކަމުގެ ސަބަބުން ގޮންޖެހުންތަކާއި ކުރިމަތިވާ ކަމުގައި ޝާހިދު ފާހަގަ ކުރެއްވިއެވެ. ހަމަ އެހެންމެ ވިޔަފާރި ބަނދަރު އޮންނަ ސަރަހައްދުގެ މަގުތަކުގެ ޖާގައިގެ ކުޑަކަމުގެ ސަބަބުން ބަނދަރުން މުދާ ބަރުކޮށްގެން ނެރިގެންދާ ލޮރީ، ޕިކަޕުފަދަ އެއްޗިއްސަށް މަގުތަކުގައި ދުއްވުން ވެގެން ދަނީ ބޮޑު ތަކުލީފަކަށެވެ. އަދި އެފަދަ ބިޔަ އުޅަނދުތައް ޕާކު ކުރާނެ ތަނެއް ނެތުމަކީ ވެސް އެމްޕީއެލްއަށް އޮތް ބޮޑު ގޮންޖެހުމެކެވެ.

މި ހުރިހާ ކަމަކަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ގުޅީފަޅަށް ޕޯރޓް ބަދަލުވާއިރު. އޭރުން އަޅުގަނޑުމެންނަށް މިލިބެނީ ކުރިއަށް އޮތް ވިހި، ތިރީސް، ފަންސާސް އަހަރަށް ވެސް ރާއްޖޭގެ އިގްތިޞާދީ ދުވެލި މިދާ ރޭޓުން މުދާ އިތުރުވި ކަމުގައި ވިޔަސް ހިދުމަތް ދެވޭނެ ބޮޑު ޖާގައެއް އޮތް ސަރަހައްދެއް.

ޝާހިދު އަލީ

މީގެ އިތުރުން، މިހާރު ވިޔަފާރި ބަނދަރުގެ މަގަތު ފާލަމަށް ގާތް ކުރެވެނީ އެންމެ ބޯޓެއް ކަމުގައި ޝާހިދު ވިދާޅުވިއެވެ.އެހެން ބައެއް ފަހަރަށް ތިން ހަތަރު ބޯޓު ވެސް އޮންނަ ކަމަށާއި އެގޮތަށް ދިމާވުމުން އެ ބޯޓުތައް ބާއްވަން ޖެހެނީ ބޭރު ބަނދަރުގައި ކަމަށާއި މުދާ ބާލަން ޖެހެނީ ބާޖުން ކަމަށް ވެސް ފާހަގަ ކުރެއްވިއެވެ. އެހެން ނަމަވެސް ގުޅީފަޅުގައި މިހާރު އޮންނަ ސައިޒުގެ 3 ބޯޓު އެޅޭނެ ކަމުގައި ވެސް ޝާހިދު ވިދާޅުވިއެވެ. އެހެންކަމުން ބޭރު ބަނދަރުން ޚިދުމަތް ދިނުން ހުއްޓިގެން ދާނެ ކަމަށް ވެސް ފާހަގަ ކުރެއްވިއެވެ. އަދި މަގަތު ފާލަމަށް އެއްވެސް ހުރަހަކާ ނުލައި މުދާ ބޭލުމަށް ފަސޭހަތަކެއް ވެގެން ދާނެއެވެ.

ގުޅީފަޅުގެ ވިޔަފާރި ބަނދަރަށް ގެނައުމަށް ހަމަޖެހިފައިވާ އިކުއިޕްމަންޓް ތަކަކީ މިހާރު ބޯޓު 3 ދުވަސް 4 ދުވަހުން ހުސްކުރެވޭ ކަމުގައި ވާނަމަ، ބާރަ ގަޑިއިރު ސައުވީސް ގަޑިއިރުން ހުސްކުރެވޭ ވަރުގެ އިކުއިޕްމަންޓް ތަކެކެވެ. ނަތީޖާއަކަށް ވެގެންދާނީ އެމްޕީއެލްގެ ހިދުމަތްތައް މެކުހަށް ޖަހައި ހަލުވިވެގެން ދިއުމެވެ. މުދަލުގެ ވެރިފަރާތަށް މުދާ ހަވާލުކުރުން އަވަސް ވެގެން ދިއުމެވެ. އަދި މިހާރު ރާއްޖެއަށް އަންނަ ގިނަ ބޯޓުތަކަކީ ސްރީލަންކާ ނުވަތަ އެހެންވެސް ގައުމެއްގައި ޓްރާންސިޓް ވުމަށްފަހު އަންނަ ބޯޓްތަކެވެ. އެހެން ނަމަވެސް ގުޅީފަޅަށް ބަނދަރު ބަދަލުކުރުމާއެކު ޑައިރެކްޓް ކޮށް އަންނަ ބޯޓުތަކުގެ އަދަދު ވެސް އިތުރު ވެގެންދާނެ އެވެ. އެހެންކަމުން ޚިދުމަތް ހޯދާ ފަރާތްތަކަށް ވެސް ގުޅީފަޅަށް ވިޔަފާރި ބަނދަރު ބަދަލު ކޮށްފިނަމަ އެތައް ގިނަގުނަ ފައިދާތަކެއް ލިބިގެން ދާނެއެވެ.

ކޮވިޑްގެ ތެރޭގައި އެމްޕީއެލްގެ ކޮރަޕްޝަންގެ ބޮޑު މައްސަލައެއް

މިއަހަރުގެ ނޮވެމްބަރު މަހުގައި ނޫސްތަކުގެ ފަލަ ސުރުހީއަށް އެރީ އެމްޕީއެލްގައި 8 މިލިއަން ރުފިޔާގެ ވައްކަމެއް ހިނގާފައިވާ ކަމަށް ދެކެވުނު ވާހަކަތަކެކެވެ. ތެލުގެ މި ވައްކަން ކުންފުނީގައި ހިނގިކަން އާއްމުންނާ ހަމައަށް ތިލަކޮށްދީ އަދި މަޖިލީހަށް ވެސް ހުށަހެޅުއްވުމަށް ފަހު ކުންފުނީގެ ޗެއާމަން އަހްމަދު ޒަކީ (ނަޒާކީ ޒަކީ) ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. ތެލުގެ ވިޔަފާރިން ހިޔާނާތް ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުން ސަސްޕެންޑު ކުރުމުގައި ނާކާމިޔާބުވެފައިވާ ކަމަށް ވިދާޅުވެ އޭނާ ވަނީ ހިތްހަމަނުޖެހުން ވެސް ފާޅުކުރައްވައިފަ އެވެ.

MPL, Maldives Port Limited, އެމްޕީއެލް

މިކަމާ ގުޅިގެން ސުވާލު ކޮށްލުމުން ޝާހިދު ވިދާޅުވީ އެމްޕީއެލުން މަސައްކަތް ކުރަމުން ގެންދިޔައީ ވީހާވެސް ކޮރަޕްޝަންގެ އަމަލެއް އެއްވެސް ގޮތަކުން ނުހިނގާނެ ގޮތަކަށް ކަންތައްތައް ކުރިއަށް ގެންދިއުމަށް ކަމަށެވެ. އެހެން ނަމަވެސް ކޮވިޑް-19ގެ ފުރަބަންދާއި ގުޅިގެން ކުންފުނީގެ މަސައްކަތްތައް ވަރަށް ބޮޑަށް ބަދަލުވެގެން ދިޔައެވެ. އެހެންކަމުން، އެކަން ވެގެން ދިޔައީ ތެލުގެ މި ވައްކަމުގައި ބައިވެރިވި ބައެއް މުވައްޒަފުންނަށް ހުޅުވިގެން ދިޔަ ދޮރަކަށް ކަމުގައި ވެސް ޝާހިދު ފާހަަގަ ކުރެއްވިއެވެ. ސަބަބަކަށްވީ، ފިޒިކަލް ޑޮކިއުމަންޓްތަކުގެ ބަދަލުގައި ސިސްޓަމެއް މެދުވެރިކޮށް ޑޮކިއުމަންޓްތައް އަޕްލޯޑް ކުރުމަށް ފުރުސަތު ލިބިގެން ދިއުމެވެ.

އޭގެ ތެރެއިން ތެލުގެ ޚިޔާނާތެއް ހިނގާފައި އެބައިން، އެ ހިޔާނާތް ހިނގާފައި އިނީ ތެޔޮ މި ކުންފުންޏަށް ލިބިގަންނަ މުވައްޒަފުންނާއި އަޅުގަނޑުމެން ތެޔޮ މިގަންނަ ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ތެޔޮ ސަޕްލައި ކޮށްދޭން ތިބޭ މުވައްޒަފުންތަކަކާއި ގުޅިގެން.

ޝާހިދު އަލީ

ކޮންމެއަކަސް އުސޫލުތަކުގެ ތެރެއިން ބާގަނޑުތަކެއް ހޯދައި ކުންފުނީގެ މުވައްޒަފުންތަކެއް ކުރި މި ވައްކަން ފަޅާއެރީ ކޮވިޑްގެ ފުރަބަންދުގެ ފަހުން މަސައްކަތްތައް ފަށައިގަނެ ކުންފުނީގެ ރިކޯޑްތައް ޖެނަރޭޓް ކުރެވެން ފެށި ހިސާބުންނެވެ. އެގޮތުން އެނގުނު އެއްކަމަކީ ކޮވިޑްގެ ފުރަބަންދުގެ ދުވަސްވަރުގައި އެމްޕީއެލްގެ އެކްޓިވިޓީ ލެވެލް ދަށްވެފައި ވާކަމެވެ. އެހެން ނަމަވެސް ސުވާލު އުފެދުނު ހިސާބަކީ ތެޔޮ ބޭނުން ކުރެވިފައިވާ މިންވަރު އިތުރުވެފައި ވުމެވެ. އެހިސާބުން އެކަމާ ގުޅިގެން ހާއްސަ އޮޑިޓެއް ކުރިއަށް ގެންދެވެން ފެށި ކަމުގައި ޝާހިދު ފާހަގަ ކުރެއްވިއެވެ.

މިފަަދަ ބޮޑު ޚިޔާނާތެއް ހިނގުމުން ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދިނީ، އެފަަދަ ބޮޑު ޚިޔާނާތެއް ހިންގުނީ އުސޫލްތަކުގެ ކޮން ބާގަނޑަކުން ފުުރުސަތު ތަނަވަސް ކޮށްގެންތޯ ބެލުމެވެ. އަދި ދެވަނަ ފަހަރަށް އެބާގަނޑުން އެފަދަ ޖަރީމާއެއް ހިންގިޔަ ނުދިނުމަށް އެޅޭނެ ހުރިހައި ފިޔަވަޅުތަކެއް އެޅުމަށް ވެސް ނިންމިއެވެ. އަދި ދެވަނަ ކަމަކަށް އެކަމުގައި ޝާމިލްވާ މީހުން ހޯދައި، އެމީހުން ކަމާބެހޭ އިދާރާތަކަށް ހަވާލުކުރެވި ގެއްލުނު ފައިސާ އެމީހުންގެ އަތުން ނުވަތަ އެހެން ވެސް ގޮތަކުން ލިބޭތޯ މަސައްކަތް ކުރެވިގެން ދިޔަ ކަމުގައި ޝާހިދު ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅިގެން އެމްޕީއެލްގެ ބޯޑު މެންބަރުންގެ މެދުގައި ވެސް ބޮޑު ޚިޔާލުތަފާތުވުމެއް އުފެދިގެން ދިޔަ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކުރިއެވެ. އެކަމާ ގުޅިގެން "ދެން" އިން ކުރި ސުވާލަކަށް ޖަވާބު ދެމުން ޝާހިދު ވިދާޅުވީ ބޯޑުގެ މެންބަރުންގެ މެދުގައި ޚިޔާލުތަފާތުވުމެއް އައީ އެދުވަހު ބޯޑް މީޓިންގ އެއްގައި ހިނގައިދިޔަ ކަމެއް ޗެއަރމަން ޓްވީޓް ކުރެއްވުމުން ކަމަށެވެ. އެކަންތައް ޚިޔާލުތަފާތު ވުމެއްގެ ގޮތުގައި ފެނިގެން ދިޔައީ އެހެންވެގެން ކަމުގައި ޝާހިދު ފާހަގަ ކުރެއްވިއެވެ. އެހެން ނަމަވެސް ކުންފުނީގެ ވެސް ބޯޑުގެ ވެސް އަމާޒަކީ މިކަންތައް ހިނގާ ދިޔައީ ކިހިނެއްތޯ ބަލައި މިކަމުގައި ޝާމިލުވާ މީހުންނަކީ ކޮންބައެއްތޯ ބަލައި މިކަން ދެވަނަ ފަހަރަށް ދެން ނުހިނގާނީ ކިހިނެއްތޯ ބެލުން ކަމުގައި ޝާހިދު ވިދާޅުވިއެވެ.

ކުންފުނީގެ މުވައްޒަފުންވީ ގުރުބާނީއެއް، ސީއީއޯގެ ޝުކުރު ރައްދު ކުރެއްވި

ކޮވިޑް-19ގެ ބަލިމަޑުކަން މުޅި ދުނިޔެވެސް ވަށާލައިފައިވާ މި ދަތި ހާލަތުގައި ވެސް އެމްޕީއެލްގެ މުވައްޒަފުން ވީ ގުރުބާނީއެއް ކަމަށް ޝާހިދު ސިފަ ކުރެއްވިއެވެ. ފުރަބަންދުގެ ކުރިން ވެސް އަދި ފަހުންވެސް، ފުރަބަންދެއް އައިކަމުގައި ވިޔަސް އަދި ނުވިޔަސް އެމްޕީއެލްގެ ބަނދަރަކީ ހިނގަން ޖެހޭ ބަނދަރަކަށް ވާތީ އެ ބަނދަރުގެ ޚިދުމަތް ދިނުމުގައި އެ މުވައްޒަފުން ދެއްކީ ލާމަސީލު ނަމޫނާއެއް ކަމަށާއި ކުރީ ވަރަށް ބުރަ މަސައްކަތެއް ކަމުގައި ވެސް ޝާހިދު ވިދާޅުވިއެވެ. އެކަމަށްޓަކައި އޭނާ ވަނީ އަމިއްލަ ނަމުގައި އަދި ކުންފުނީގެ ބޯޑުގެ ނަމުގައި ވެސް އެ ހިތްވަރުގަދަ މުވައްޒަފުންގެ ލަޝްކަރަށް ޝުކުރު އަދާ ކޮށްްފައެވެ.

ހަމަ އެހެންމެ ކުންފުނީގައި ހިނގައިދިޔަ ކޮރަޕްޝަންގެ މައްސަލަ ފަދަ މައްސަލައެއް، އިތުރަށް ނުހިނގުމަށް ކުންފުނީގެ ހުރިހައި ލެވެލްއެއްގެ މުވައްޒަފުންވެސް ޒިންމާ ނަގަން ޖެހޭ ކަމުގައި ޝާހިދު ވިދާޅުވިއެވެެ. އެގޮތުން ކޮންމެ މުވައްޒަފަކު ވެސް އެމީހެއްގެ ޒިންމާ އެންމެ ފުރިހަމައަށް ތެދުވެރިކަމާއެކު އަދާކުރުމަށް ޝާހިދު އިލްތިމާސް ކުރެއްވިއެވެ.

ފެށުނު އައު އަހަރަށް އެމްޕީއެލްގެ އަމާޒު

ކޮންމެއަކަސް ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން މުޅި ދުނިޔެ އެފުށްމިފުށަށް ޖެހި 2020ވަނަ އަހަރު ވެސް އަޅުގަނޑުމެންނާ މިވަނީ އަލްވަދާއު ކިޔާފައެވެ. ކުރިއަށް އޮތް ވިހިއެކާވީސް ވަނަ އަހަރަށް މި ބަލީގެ ވަބާއިން ސަލާމަތްވާނެ ކަމަށް ގިނަ ބަޔަކު އުއްމީދު ކުރެއެވެ. އަދި ފެނިގެންދާ މަންޒަރުތަކަކީ ވެސް ދުވަހަކަށްވުރެ ދުވަހެއް ރާއްޖެއިން ވެސް ބަލިޖެހޭ މީހުންގެ އަދަދު މަދުވެ އެކްޓިވް ކޭސްތަކުގެ ނަންބަރު ދަށްވެގެންދާ މަންޒަރެވެ.

2021 ވަނަ އަހަރަށް އެމްޕީއެލްގެ އަމާޒަކީ އާންމު ހާލަތަކަށް ދެވުމާއެކު، ފުރަތަމަ ކުއާޓާއަށް ބެލުމަށްފަހު ކުންފުނީގެ ވަސީލަތްތައް އިތުރަށް ތަރައްގީކޮށް ރަނގަޅު ކުރުމަށެވެ. އެގޮތުން، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ހޯދަން ޖެހޭ ބައެއް އިކުއިޕްމަންޓާއި މެޝިނަރީ ހޯދުމުގެ ޓާގެޓް އެބައޮތް ކަމުގައި ޝާހިދު ފާހަގަ ކުރެއްވިއެވެ. އަދި އަތޮޅު ތެރޭގައި ހެދިފައިވާ ވިޔަފާރި ބަނދަރުތައް ކަމަށްވާ، ކުޅުދުއްފުށި، ހިތަދޫ އަދި ތިނަދޫ ޕޯޓްގެ މަސައްކަތްތައް އިތުރަށް ފުޅާ ކުރުމަށް މަސައްކަތް ކުރުމަށް ވެސް ރާވާފައިވާ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރަށް އަނެއްކާވެސް މުވައްޒަފުންގެ ކުރިއެރުމަށްޓަކައި ކޮށްދޭން ޖެހޭ ކަންތައްތައް. މިސާލަކަށް މުވައްޒަފުންގެ ޓްރެއިނިން ޕްރޮގްރާމްތަކާއި ސޭފްޓީ ސެކިއުރިޓީގެ ކަންތައްތައް ހަރުދަނާ ކުރުން.

ޝާހިދު އަލީ

މީގެ އިތުރުން ގުޅީފަޅަށް ވިޔަފާރި ބަނދަރު ބަދަލު ކުރުމަށްޓަކައި ހަދަން ޖެހޭ ޓްރާންސިޒަން ޕްލޭނެއް ހެދުން ވެސް 2021ވަނަ އަހަރަށް އެމްޕީއެލް އިން ކަނޑައަޅާފައިވާ އަމާޒުތަކުގެ ތެރޭގައި ހިމެނެއެވެ.

ހަމަ ޔަގީނުންވެސް ކޮވިޑް-19ގެ ފުރަބަންދުގެ ދުވަސްވަރުގައި އެންމެ ބުރަކޮށް މަސައްކަތް ކުރި އެއްބަޔަކީ އެމްޕީއެލްގެ މުވައްޒަފުންނެވެ. ގޭ ބަންދުވެފައި ތިބި ރައްޔިތުންނަށް ޒަރޫރީ މުދާތައް ވެސް ލިބުނީ ހަމަ އެމްޕީއެލްއިން ރުކުރާލެވުނު ލަޝްކަރުގެ މުވައްޒަފުން ކުރި ހިތްވަރުގެ ސަބަބުންނެވެ. އެހެންކަމުން، އެމްޕީއެލްގެ މެނޭޖްމަންޓާއި މުވައްޒަފުން ދެއްކި ހިތްވަރަށް އަދި ދައްކަމުންދާ ހިތްވަރަށް އަޅުގަނޑުމެން ރައްޔިތުން އަބަދުމެ ޝުކުރުވެރިވެ ތިބުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!