ދީން

ކަށްވަޅުގައި ހޭދަ ކުރާ ފުރަތަމަ ރެއަށް ތައްޔާރު ކުރީ ކޮން އެއްޗެއްތޯއެވެ. 

އާއިޝަތު އަލީނާ ، ދެން އޮންލައިން

އަހަރެމެން ކޮންމެ ރެއެއްގައި ވެސް ލޯމަރާލާ ނިދީގެ އަރާމުކަމަށް ދެމިގެންދަނީ އިރު އަރައިގެން އަންނަ އައު ދުވަހަށް އުއްމީދުތަކެއް ކުރަމުންނެވެ. ނިންމަން ޖެހޭ މަސައްކަތްތަކާއި ބައްދަލު ކުރަން ޖެހޭ މީހުންގެ ލިސްޓު ހިތުގައި އައު ކުރަމުންނެވެ. އެގޮތުގައި ބައެއް މީހުން 20 އަހަރު ނުވަތަ 30،40 އަހަރު ވޭތުކުރަމުން ގޮސް މީލާދީ އަހަރެއް ނިމި އައު އަހަރަކާ ބައްދަލުވެ ، މި ދެންނެވި ހިނދުކޮޅު ތަކުރާރު ކުރަމުން ގެންދަނީއެވެ.

Ads by STELCO

އެހެން ނަމަވެސް އެ ޙާލަތު ތަކުރާރު ނުވާނެ ވަގުތެއް ކުރިމަތީގައި އެބައޮތެވެ. މާދަމާ ނުހޭލާނެ ނިންޖަކުން ނިދާ ، ކަނު އަނދިރީގައި ، ކުދިކުދި ސޫފާސޫފީގެ އަތްދަށުގައި ތިމާގެ ޖިސްމު ވާނޭ ރެއެއް އެބައޮތެވެ. މި ދުނިޔެއާ ވަކިވެ ކަށްވަޅުގެ އަނދިރިކަމުގައި ތިމާ ވާން އެބަޖެހެއެވެ.

ކަށްވަޅަކީ ތަޤުވާވެރީންނަށް ސުވަރުގޭގެ ބަގީޗާއަކަށް ވާފަދައިން އަބާއްޖަވެރީންނަށް އެއީ ނަރަކައިގެ އަނދަވަޅުގަނޑެކެވެ. ޤިޔާމަތް ޤާއިމް ވާންދެން އެތަނުގައި ހޭދަ ކުރާން ޖެހޭ ކަމީ އެކަމުގެ މައްޗަށް ޣާފިލް ވެވެން ނެތް ޙަޤީޤަތެކެވެ. އެހެންކަމުން ޤަބުރުތަކުގައި ހޭދަކުރާ ފުރަތަމަ ރެއަށްޓަކައި ތައްޔާރު ކުރެއްވީ ކޮން އެއްޗެއްތޯ އަމިއްލަ ނަފްސާ ސުވާލު ކުރައްވާ އެދަތުރުގެ ކޮއްތު ހޯދުމަކީ މުޅި ޙަޔާތުގެ މަގުސަދު ކަމުގައި ހަދަން އެބަޖެހެއެވެ.

ކަށްވަޅުގައި ހޭދަ ކުރާ ފުރަތަމަ ރެއަކީ އެރޭގެ ބިރުވެރިކަމުން ޢިލްމުވެރީން ކީރިތި ކުރައްވައި ޙިކުމަތްތެރިންނަށް އާލާސްކަންފުޅު ކުރިމަތިވެ ތަޤްވާވެރި ޞާލިޙުން ހިތާމަ ފާޅު ކުރެއްވި ގަދަފަދަ ބިރުވެރި ރެއެއްކަން ތާއަބަދު ހިތްމަތީގައި ބާއްވާށެވެ.

އިބްނު ޤައްޔިމް ރަޙިމަހުﷲ ބަޔާން ކުރެއްވިއެވެ.

"ހަމަ ކަށަވަރުން ﷲ ނުދަތުމުގެ ސަބަބުންނާއި އެކަލާނގެ އަމުރުފުޅުތަކަށް ޢަމަލުކުރުން ދޫކޮށްލުމާއި އެކަލާނގެ ނަހީ ކުރައްވާފައިވާ ކަންތައްތައް ކުރުމުން ، ކަށްވަޅުގެ އަހުލުވެރީންނަށް ޢަޒާބު ލިބެއެވެ. ފަހެ ހަމަ ކަށަވަރުން ކަށްވަޅުގެ ޢަޒާބާއި އާޚިރަތުގެ ޢަޒާބަކީ ﷲ އެކަލާނގެ އަޅާގެ މައްޗަށް ލައްވަވާ ކޯފާއެވެ. ވުމާއެކު ހިތާއި ލޮލާއި ކަންފަތާއި އަނގަޔާއި ދުލާއި ބަނޑާއި ޖިންސީ ގުނަވަނާއި އަތާއި ފަޔާއި މުޅި ހަށިގަނޑުން ކުރެވޭ އެކިއެކި ނުވައި ކަންކަމަށް ކަށްވަޅުގެ ޢަޒާބު ލިބޭ ކަމަށް ވެއެވެ. ފަހެ މި ގޮވަތީގައި ﷲ އެމީހަކަށް ކޯފާ ލައްވައި ތައުބާ ނުވެ ހުއްޓައި އެކަމުގެ މަތީގައި މަރު ވެއްޖެނަމަ އޭނާއަށް ބަރުޒަޚުގެ ޢަޒާބުން ﷲ އެމީހަކަށް ކޯފާ ލެއްވި މިންވަރަކަށް ޢަޒާބު ލިބޭނެއެވެ."

އަޚުންނާއި އުޚުތުންނޭވެ! ހަމައެކަނި ﷲއަށް އީމާންވެ ލައްވާށެވެ. ނަމާދާއި އެންމެހައި އަޅުކަންތަކަށް ފަރުވާތެރިވެ ލައްވާށެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިއްތަވާ އެވެރީންނަށް އުއްފު ވެސް ނުބުނާށެވެ. ދަރީން ހިތުގައި ނުޖައްސަވާ ދަރީންގެ މެދުގައި ހަމަހަމަކަން ގާއިމް ކުރައްވާށެވެ. ހަޑިމުޑުދާރު ޒިނޭއިން ދުރުވެ އިއްފަތްތެރި ވެލައްވާށެވެ. މި ސުވާލުތައް ނަފްސާ ކުރައްވާށެވެ.

މަރާއި އޭގެ ސަކަރާތަށް ބިރުން ނުރޮވޭ ހެއްޔެވެ؟ ނަރަކައިގެ ބިރުވެރިކަމަށް ސިހި ޖެހިލުން ނުވޭ ހެއްޔެވެ؟ ހިތާމަޔާ ވޭނުގެ ދުވަހު ކަރު ހިއްކުމަށް ބިރުން ނުރޮވޭ ހެއްޔެވެ؟ ކަށްވަޅާއި ކަށްވަޅުގެ ފިއްތާލުމަށް ފިއްކަނޑައިގެން ނުދޭ ހެއްޔެވެ؟ ކަށްވަޅުގައި ހޭދަ ކުރާ ފުރަތަމަ ރެއަށް ތައްޔާރު ކުރީ ކޮން އެއްޗެއްތޯއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!