ޚަބަރު

އާ އަހަރުގެ ފުރަތަމަ ދުވަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1،916 އަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

2021 ވަނަ އަހަރުގެ ފުރަތަމަ ދުވަހު ރާއްޖެއަށް 1900 އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

Ads by Sosun Fihaara

ޓޫރިޒަމް މިނިސްޓްރީން ބުނީ އިއްޔެ ރާއްޖެ އައިސްފައި ވަނީ 1916 ޓޫރިސްޓުން ކަމަށެވެ. ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު 555،213 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިއާއެކު ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މިއަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު 96225 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ. ބޯޑަރު ހުޅުވާލި ފަހުން އެންމެ ގިނަ ފަތުރުވެރިން އައީ ޑިސެންބަރު މަހުގެ 20 ވަނަ ދުވަހުއެވެ. އެ ދުވަހު 5،674 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު މާޗް 27 ވަނަ ދުވަހު ބަންދުކޮށްފައި ވާއިރު ބޯޑަރު ހުޅުވާލުމާއެކު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ. ބޯޑަރު ހުޅުުވާލި ފަހުން ރާއްޖެއަށް ޒިޔާރަތް ކޮށްފައި ވަނީ 172366 ފަތުރުވެރިންނެވެ.

މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޔޫރަޕުންނެވެ. އެގޮތުން މިދިޔަ އަހަރު ޔޫރަޕުގެ ގައުމުތަކުން 250،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައި ވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!