މޮނީޓަރިންގެ ހާލަތުގައި ނެތް ރަށްރަށުގައި ބީއެމްއެލްގެ ބްރާންޗްތަކުން ހިދުމަތްދޭން ފަށައިފި

މޮނިޓަރިން ހާލަތުގައި ނެތް ރަށްރަށުގައި ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)ގެ ބްރާންޗްތަކުން މިހާރު ޚިދުމަތް ލިބޭނެކަމަށް އެ ކުންފުނިން ބުނެފިއެވެ.
ބީއެމްއެލްއިން މަބުނީ މޮނިޓަރިން ހާލަތުގައި ނެތް ރަށްރަށުގެ ބީއެމްއެލްގެ ބްރާންޗްތަކުން ހޯމަ، އަންގާރަ އަދި ބުދަދުވަހު ޚިދުމަތް ފޯރުކޮށްދެމުން ގެންދާނެކަމަށެވެ. އަދި މިދުވަސްތަކުގައި ބްރާންޗުން ލިބިވަޑައިގަންނަވާނީ އޮންލައިންކޮށް އަދި އޭޓީއެމްތަކުން ނުލިބޭ ޚިދުމަތްތައްކަމަށްވެސް ބީއެމްއެލްއިން މަޢުލޫމާތުދެއްވައެވެ.
މާލެ ސަރަޙައްދު ލޮކްޑައުން ކުރުމާއެކު ބީއެމްއެލްގެ ބްރާންޗްތަކުން ޚިދުމަތް ދޭ ދުވަސްތައް މަދުވިނަމަވެސް، އޮންލައިންކޮށް އަދި އޭޓީއެމްތައް މެދުވެރިކޮށް ބީއެމްއެލްގެ އެކި ޚިދުމަތްތައް ލިބޭނެ އިންތިޒާމް ބީއެމްއެލްއިން ވަނީ ހަމަޖައްސާަފައެވެ. އަދި ކަސްޓަމަރުންނަށް ދިމާވާ ދަތިތައް ޙައްލުކުރުމުގައި 24 ގަޑިއިރު ކޯލް ސެންޓަރުގެ ޚިދުމަތްވެސް ކަސްޓަމަރުންނަށް ފޯރުކޮށްދެއެވެ.
ސަރުކާރުން ލޮކްޑައުންއަށް ދީފައިވާ ލުޔާއެކު ބީއެމްއެލްގެ މާލޭ ބްރާންޗްތައް ހޯމަ، އަންގާރަ އަދި ބުދަ ދުވަހު ހުޅުވުމަށް ވަނީ ނިންމާފައެވެ. ބީއެމްއެލްގެ ބްރާންޗްތައް ހުޅުވިނަމަވެސް، ޚިދުމަތްދެނީ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅައިގެންކަމަށް ބީއެމްއެލްއިން މަޢުލޫމާތުދެއެވެ.