ރިޕޯޓް

ކޮވިޑު މަތި އަޅުވައި، ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުން: ސަރުކާރުން ރާވައިގެން ކުރާ ކަމެއްތަ؟

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ ނިންމީ ނިމިދިޔަ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ. އެހެން ނަމަވެސް ކޮވިޑު-19 ގެ ރާޅު އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެއަށް ބިންދާލުމާއެކު ރާއްޖޭގެ ސުކޫލުކުދިންގެ ކިޔެވުން ހުއްޓައިލެވި، މުޅި ރާއްޖޭގެ ކެފޭ އަދި ހޮޓާ ފަދަ ތަންތަން ބަންދު ކުރެވި ސަރުކާރު މުއައްސަސާތަކުގައި ބޮޑުތަޅު އެޅުވިގެން ދިޔައެވެ. އަދި ލޯކަލް ކައުންސިލް އިންތިޚާބު ވެެސް ފަސް ކުރެވިގެން ދިޔައީ މިކަމާ ގުޅިގެން ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ އަންގައިފައެވެ.

Ads by Sosun Fihaara

2020 ވަނަ އަހަރު ކޮވިޑާ ގުޅިގެން ފަސްކުރެވިގެން ދިޔަ ލޯކަލް ކައުންސިލް އިންތިޚާބު މިއަދާ ހަމައަށް ވެސް ބޭއްވިފައި ނުވާއިރު، އެންމެ ފަހުން އިލެކްޝަން ކޮމިޝަނުން ބުނެފައި ވަނީ 2021 ވަނަ އަހަރުގެ މާރޗު މަހު، ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އައު އަހަރު ފެށިގެން މާ ގިނަ ދުވަސްތަކެއް ނުވަނީސް އަނެއްކާ ވެސް އަޅުގަނޑުމެނަށް އިވިގެން ދިޔައީ މި އަހަރުގެ މާރޗު މަހުގައި ވެސް ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވެން ނެތް ވާހަކައެވެ. ބަހަނާއަކަށް ދެއްކީ މިފަހަރު ވެސް ކޮވިޑެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ފެބްރުއަރީ 3 އާއި ހަމައަށް ދިގު ދަންމާލުމުން ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވެން ނެތީއެވެ.

ސުވާލަކީ، ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް އޮތް ހަމަ އެކަނި ހުރަހަކީ ކޮވިޑު-19 ތޯއެވެ؟ ނުވަތަ ސަރުކާރުން ރާވައިގެން އެކަން ކުރިއަށް ގެންދިއުމަށް ހުރަސް އަޅަނީތޯއެވެ؟ މި ސުވާލުތަކަކީ ރާއްޖޭގެ އެތައް ބައެއްގެ ހިތުގައި މިއަދު އުފެދިފައިވާ ސުވާލުތަކެކެވެ. ސަބަބެއް ވެސް ނެތިއެއް ނޫނެވެ. ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު ހުއްޓާލެވުނު ސުކޫލު ކުދިންގެ ކިޔެވުމާއި، ކެފޭ ރެސްޓޯރެންޓުތައް މިއަހަރު ހުޅުވުމަށް އެދަނީ ތައްޔާރު ވަމުންނެވެ. ޖަނަވަރީ 10 ގައި ސުކޫލު ކުދިންގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވާއިރު، ކެފޭ އަދި ރެސްޓޯރެންޓުފަދަ ތަންތަނުގައި މިއަދު ވެސް މީހުން އެވަނީ ފުރި ބަރާވެފައެވެ. އެފަދަ ތަންތަނަކީ ކޮވިޑުގެ ނުރައްކާ ނެތް ތަނެއްގެ ގޮތުގައި ސަރުކާރުން ނިންމެވީތޯއެވެ؟

އިދިކޮޅު ކޯލިޝަނުން މިކަމާމެދު އެތައް ކަންބޮޑުވުންތަކެއް ފާޅު ކޮށްފައިވާއިރު، އަދުގެ ސަރުކާރުން އެ ކަންބޮޑުވުންތަކަށް ވެސް ދެނީ ބީރުކަންފަތެވެ. ހަގީގަތުގައި އެ ސުވާލުތަކަށް ޖަވާބުދާރީ ވާން ބޭނުން ނުވަނީ ކަމެއް ނުވަތަ ޖަވާބުދާރީވާން ޖެހިލުން ވަނީ ކަމެއް ނޭނގެއެވެ. އެނގޭހާ ވެސް ކަމަކީ ސަރުކާރުން ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުން ފަސްކުރުމަށް އެ ދައްކާ އުޒުރަކީ އެއްވެސް ތާކުންތާކު ނުޖެހޭ އުޒުރެއް ކަމެވެ. އަދި އެކަން ފަސްކުރެވިގެން ދިޔަ ސައްޙަ ސަބަބެއް ރައްޔިތުންނަށް އަންގައިދޭން ޖެހޭ ކަމެވެ.

މުޅި ދުނިޔޭގައި ވެސް ކޮވިޑު-19 އެންމެ ހަލުވިކަމާއެކު ފެތުރެމުން ދިޔަ ދުވަސްވަރު، އެމެރިކާއިން ވަނީ ބޮޑު ރިޔާސީ އިންތިޚާބު ބާއްވައި ކާމިޔާބު ކަމާއެކު ނިންމާލާފައެވެ. ޒަމާނަށް އަންނަމުންދާ އަދި އައިސްފައިވާ ތަރައްގީއާއެކު އެމެރިކާގައި އެ އިންތިޚާބުގެ އޮންލައިން ވޯޓިންއަށް ވެސް ފުރުސަތު ދީފައި ވެއެވެ. މި ބިރުވެރި ދުވަސްވަރާ ދިމާކޮށް ރާއްޖޭގައި ވެސް ޚިދުމަތްތައް ދެމުން ގެންދިޔައީ އޮންލައިންކޮށެވެ. އެއީ ކައިވެނި ކުރުމުން ގޮސް އެންމެ ފަހުން ޑޮކްޓަރަށް ދެއްކުމާ ހަމައަށް ވެސް މެއެވެ.

އިދިކޮޅުން މިކަމާމެދު ކަންބޮޑުވުންތައް ފާޅުކޮށްފައިވާއިރު، ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެގޮތުން ލޯކަލް ކައުންސިލް އިންތިޚާބު ވިހާ ވެސް އަވަހަށް ބޭއްވުން މުހިންމު ކަމަށާއި، އެކަަމަށް ޓަކައި ގާނޫނަށް ބަދަލު ގެންނަން ޖެހޭ ނަމަ އެ ބަދަލު ގެނައުން ވެސް މުހިއްމު ކަމަށް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ. ދެން އޮތް ސުވާލަކީ ޕީޓީއޭ އިންތިޚާބަކަށް ނަމަވެސް ވާދަކުރަން ތައްޔާރަށް އޮތް ކަމަށް ވިދާޅުވި ރައީސް ނަޝީދުގެ ކަންބޮޑުވުމަކީ ކޮވިޑު-19 އާ ގުޅިގެން ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުން ފަސްކުރެވިފައިވާތީ އެކަމާ މަތިއަަޅަން ދައްކާ ވާހަކަ ތަކެއްތޯއެވެ؟ އެހެން ނަމަވެސް އެ ބޭފުޅުންގެ އަތްމަތީގައި ދައުލަތުގެ ތިންބާރު އޮތް އާރާއިބާރުގެ ގޮތުން ވަރުގަދަ ބޭފުޅަކު ދައްކާ މިވާހަކައަށް ޖަވާބު ދެއްވާނީ ދިވެހި ރައްޔިތުންނެވެ.

2020 ވަނަ އަހަރު ބޭއްވުމަށް ހަަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން މިއަދު ނުކުޅެދިފައިވާއިރު، އިދިކޮޅު ކޯލިޝަނުން މިކަމާމެދު ބުނަމުން އަންނަނީ، އެއީ ލޯކަލް ކައުންސިލް އިންތިޚާބުން ބަލިވެދާނެތީ ސަރުކާރުން ދައްކަމުން އަންނަ ބަހަނާއެއް ކަމަށެވެ. މީގެ އިތުރުން އިދިކޮޅު ކޯލިޝަނެކޭ އެއް ބީދައިން ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން އާންމުން ވެސް ދަނީ އެކި ވާހަކަތައް ދައްކަމުންނެވެ. އެގޮތުން އިންތިޚާބު ބާއްވާނެ ކަމަށް ކަނޑައެޅި ތާރީޚުން ފެށިގެން އަހަރެއް ފަހަތަށް ގޮސްފައިވާއިރު އަދި އިންތިޚާބަށް ކުރިމަތިލި އެތައް މެންބަރުންނެއް، ނަން ނަގައިފައިވާއިރު، އިތުރު މެންބަރުންގެ ނަން ހުށަހެޅުމުގެ ފުރުސަތު ދީފައި ނުވުމަކީ ވެސް ބައެއް އާންމުންގެ ކަންބޮޑުވުމެކެވެ.

ކަންމިހެން އޮތުމާއެކު، މިކަމުގެ އަޑީގައި ވަނީ ކޮވިޑް19 ނޫން ކަން ޔަގީނެވެ، ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުން ފަސްކުރެވިގެން ދިޔަ ލާޒިމު އުޒުރެއް ރައްޔިތުންނަށް މިއަދު ބޭނުންވެއެވެ. އިންތިޚާބާއި ކޮވިޑް19 އާ ގުޅޭ ވާހަކަތަކަކީ ތާކުންތާކު ނުޖެހޭ ވާހަކަތަކެއް ކަން ހާމަވާން އޮތް އިރު އެކަމާ ގުޅިގެން ސައްޙަ އުޒުރެއް ނުދެއްކިފައިވާ ކަމީ ޔަގީނުން ވެސް ސަރުކާރުން މި އިންތިޚާބު ފަސްކުރަން ބޭނުންވާ ކަމުގެ ހެއްކެކެވެ.

Ads by Allied Insurance
  1. ވަސްގަދަމާ

    އެއީ ނުކުރެވި ހުރި ކުޅިވަރުކުޅެގެން މީހުންގެ ލޮލުގަ އަދުންއަޅުވަން ނަގާ މުހުލަތު