ރިސޯޓުތަކުގައި ކޮވިޑް އިތުރުވާތީ ސަމާލުވާން އަންގައިފި
ރިސޯޓުތަކުގައި ކޮވިޑް-19 ގެ ކޭސްތައް އިތުރު ވަމުން އަންނާތީ އެކަމަށް ސަމާލުވުމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން އިލްތިމާސް ކޮށްފިއެވެ.
އެ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. އަހުމަދު ޝަހީދު ވިދާޅުވީ ރިސޯޓުތަކުން ފައްސިވަމުން އަންނަ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ. އެގޮތުން ކުރިން އާއްމުކޮށް ފައްސި ވަނީ 50-60 މީހުން ނަމަވެސް، މިހާރު އެ އަދަދު 108 އަށް އަރާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 69 ޓޫރިސްޓުންނާއި 39 މުވައްޒަފުންކަން ވެސް ޑރ. ފާހަގަ ކުރެއްވިއެވެ.
އޭނާ ވިދާޅުވީ މި ދަނޑިވަޅުގައި ޓޫރިސްޓު ރިސޯޓުތަކުގައި ފައްސި ކޭސްތައް އިތުރުވާނެ ކަމަށް ކުރިން ވެސް ލަފާކޮށްފައިވާ ކަމަށެވެ.
"އެއީ ގިނަ އަދަދަކަށް ޓޫރިސްޓުން އަންނަމުންދާ ދަނޑިވަޅެއް. ދެން ޓޫރިސްޓުން އަންނަނީ ވެސް ހައި ރިސްކް ގައުމުތަކުން،"
އަދި މިހާރު ވެސް ރިސޯޓެއްގައި އައުޓްބްރޭކެއް އޮތްކަން ފާހަގަ ކުރައްވައި އޭނާ ވަނީ މިކަމަށް އިތުރަށް ސަމާލުވާން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
ޝަހީދު ވިދާޅުވީ ރިސޯޓުތަކުގައި ބަލި ފެތުރެމުންދާ ނަމަ، އޭގެ އުނދަގޫ ގިނަ ބަޔަކު ތަަހައްމަލު ކުރަން ޖެހޭނެ ކަމަށާއި ރިސޯޓުގެ އޮޕަރޭޝަން ހުއްޓި، ޓޫރިސްޓުންނަށް ވެސް ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ބަލިމަޑުކަމާ ގުޅޭގޮތުން ރިސޯޓު މުވައްޒަފުން ވެސް ސަމާލުވާން ޖެހެއެވެ. އެއީ ގިނަ މުވައްޒަފުން ދިރިއުޅެނީ އެއް ތަނެއްގައި ކަމަށް ވުމުން އެ މީހުންގެ ތެރޭގައި ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވުމުންނެވެ.