އަދާލަތު ޕާޓީގެ ރައީސް ކަމަށް އަންހެނުންނަށް ވާދަކުރެވޭ ގޮތް ހަދައި، ކުރިމަތިލުމަށް ހުޅުވާލައިފި

އަދާލަތު ޕާޓީގެ ރައީސްގެ ކިބައިގައި ހުރުން ލާޒިމުކުރާ ޝަރުތުތަކުގެ ތެރެއިން "ފިރިހެނަކަށް ވުން" އުނިކޮށް، އެ މަގާމަށް އަންހެނުންނަށް ވެސް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެ ޕާޓީން ބުނީ ޕާޓީގެ ތިން ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް އިންތިހާބުކުރުން ފަސްކޮށްފައިވާ ކަމަށާއި އިންތިހާބު ފަސްކުރަން ނިންމީ އެ ޕާޓީގެ ރައީސްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ބަދަލު ގެނެސްފައިވާތީ ކަމަށެވެ.
ޕާޓީގެ އިސް ދެ މަޤާމަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް މިހާރު އެފުރުސަތު އަލުން ވަނީ ހުޅުވާލާފައެވެ.
އަދާލަތު ޕާޓީގެ ރައީސާއި ނާއިބު ރައީސަށް ކުރިމަތިލާން ބޭނުންވާ ފަރާތަކުން މިމަހުގެ 17 ވަނަދުވަހުގެ 14:00ގެ ކުރިން އެކަމަށް ބޭނުންވާ ލިޔުންތައް ހުށައަޅަންޖެހޭނެއެވެ.
އަދާލަތު ޕާޓީގެ ރައީސް ގެ ކިބައިގައި ހުރުން ލާޒިމު ކުރާ ޝަރުތުގެ ތެރޭގައި "ފިރިހެނަކަށްވުން" ހިމަނާފައިއޮތް އޮތުން އުނި ކުރަން އިސްލާހު ހުށަހަޅާފައިވަނީ އެޕާޓީގެ ލީޑަރު އަދި ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ އެވެ.
މިނިސްޓަރު އިމްރާން މީގެ ކުރިން ވިދާޅުވީ މި ފުރުސަތު ހުޅުވާލީ މިވަގުތު އެ ޕާޓީ ކުރިއަށް ގޮސްފައިވާ މިންވަރަށް ބަލާ، ޕާޓީ އިތުރަށް ހުޅުވާލާ ޕާޓީގެ އެންމެ އިސް ސަފުގައި އަންހެނުންނަށް ހަރަކާތްތެރިވުމަށް އޮތް ފުރުސަތު އިތުރަށް ފަހި ކުރުމަށް ކަމަށެވެ.