ސްކޫލް ގަޑިތަކުގައި، އެ ސަރަޙައްދުތަކުގައި މުދާ އުފުލުން މަނާ ކޮށްފި
ސުކޫލުތަކުގައި މިއަދު ކިޔަވައިދޭން ފެށުމާއެކު، ސުކޫލުގަޑިތަކުގައި ސުކޫލު ހިމެނޭ ސަރަހައްދުތަކުގައި މުދާ އުފުލުން މަނާ ކޮށްފިއެވެ.
ޓްރާންސްޕޯޓު އޮތޯރިޓީން ބުނީ ސްކޫލްތަކުގެ ސެޝަންތައް ފެށޭ ގަޑިއާއި ނިމޭ ގަޑީގައި ސްކޫލު ހިމެނޭ ސަރަޙައްދުގައި މުދާ އުފުލާ އުޅަނދެއްގައި މުދާ އުފުލުން މިހާރު މަނާވާނެ ކަމަށެވެ.
މީގެ އިތުރުން ބުރިޖުމަތިން މުދާ އުފުލުމުގައާއި ކޮންސްޓްރަކްޝަނަށް ބޭނުންވާ ތަކެތި ގަނޑުކޮށް އުފުލުމުގައި އަދި މާލޭގައި ވިޔަފާރި މުދާ އުފުލުމުގެ ގަޑިތަކަށް ވެސް އެ އޮތޯރިޓީން ވަނީ ބަދަލު ގެނެސްފައެވެ.
އެގޮތުން މާލެއާއި ހުޅުމާލެއަށް ގަނޑުކޮށްގެންދާ ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި އަދި ޢިމާރާތްކުރުމަށް ބޭނުންކުރާ ގާ ފަދަތަކެތި ހަވީރު 6:00 އިން ހެނދުނު 6:00 އަށް ހުރިހާ ގިންތިއެއްގެ އުޅަނދެއްގައި އުފުލޭނެ ކަމަށެވެ. އަދި މާލެ އާއި ހުޅުމާލޭގައި ދުއްވާ 350 ކިލޯއިން ފެށިގެން ދަށުގެ ޕިކަޕު 24 ގަޑިއިރު މާލެތެރޭގައި ޑެލިވަރީކުރުމާއި ހުރިހާ ބާވަތެއްގެ މުދާ އުފުލުމުގައި ހަރަކާތްތެރި ވެވޭނެކަމަށް ޓްރާންސްޕޯޓު އޮތޯރިޓީން ބުނެއެވެ.
ހެނދުނު 9:00 އިން ހެނދުނު 11:30 އަށް އަދި މެންދުރު 01:30 އިން ހެނދުނު 6:00 އަށް ހުރިހާ ގިންތިއެއްގެ އުޅަނދުގައި ފެނާއި ގޭސް ފިޔަވާ އެހެނިހެން މުދާ އުފުލޭނެއެވެ. އަދި ހެނދުނު 11:30 އިން މެންދުރު 01:30 އަށް 350 ކިލޯއިން ފެށިގެން މަތީގެ އެއްވެސް އުޅަނދުގައި މުދާ އުފުލުން ޓްރާންސްޕޯޓު އޮތޯރިޓީން ވަނީ މަނާ ކޮށްފައެވެ. މީގެއިތުރުން ހަވީރު 6:00 އިން ހެނދުނު 6:00 އަށް ހުރިހާ ގިންތިއެއްގެ އުޅަނދުގައި ފެން އަދި ގޭސް އުފުލޭނެ އެވެ.