ކޮވިޑް-19 : އިންޑިއާގައި ހޮނިހިރު ދުވަހު ވެކްސިން ދޭން ފަށަނީ
ނިއު ދިއްލީ : ކޮވިޑް-19 އިން ރައްކާތެރިވުމަށްދޭ ވެކްސިން އިންޑިއާ ގައި މިމަހުގެ 16 ވާ ހޮނިހިރު ދުވަހު ދޭން ފަށާނެ ކަމަށް އެޤައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.
މޯދީ ވިދާޅުވީ އެޤައުމުގެ ސަރުކާރުން އަމާޒުކޮށްފައި ވަނީ މިއަހަރުގެ ޖުލައި މަހާ ހަމައަށް 300 މިލިއަން ރައްޔިތުންނަށް ވެކްސިން ދިނުމަށެވެ. އިންޑިއާގެ އާބާދީ 1.3 ބިލިއަނާ ގާތް ކުރެއެވެ.
މީގެއިތުރުން މޯދީ ވިދާޅުވެފައި ވަނީ، އިންޑިއާ ގައި އެންމެ ފުރަތަމަ ކޮވިޑް ވެކްސިން ދޭނީ ސިއްޙީ ޚިދުމަތްތެރިންނަށާއި ފްރަންޓްލައިން ގައި މަސައްކަތް ކުރާ ޚިދުމަތްތެރީންނަށް ކަމަށެވެ.
އެމެރިކާ އަށްފަހު، އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ ޤައުމަކީ އިންޑިއާ އެވެ. އެގޮތުން އެޤައުމުގައި މިބަލިމަޑުކަން ފެތުރެން ފެށުން ފަހުން މިއަދާ ހަމައަށް 10.3 މިލިއަން މީހުން މިބައްޔަށް ފައްސިވެފައިވެއެވެ. އަދި ގާތްގަނޑަކަށް 150،000 މީހުން އިންޑިއާއިން މިބަލީގައި ވަނީ މަރުވެފައެވެ.
މިބަލިން ރައްކާތެރިވުމަށް އިންޑިއާގައި ޖަހަން ދެ ވެކްސިނަކަށް ވަނީ ހުއްދަ ދީފައެވެ. އެއީ އޮކްސްފޯޑުން އުފެއްދި އަސްޓްރާސެނެކާ އާއި އިންޑިއާގެ އުފެއްދުމެއް ކަމުގައިވާ ބާރަތު ބަޔޮޓެކް (ކޮވެކްސިން) އަށެވެ.