ދީން

ޚަރަދެއް ކުރަން ނުޖެހޭ ، ވަގުތު ހޭދަ ކުރަން ނުޖެހޭ ޞަދަގާތެއް!

އާއިޝަތު އަލީނާ ، ދެން އޮންލައިން
Arabic businessman giving an handshake to his business partner, on construction site

މަދު އަދި ތަދު އެއްކަމަކީ ހިތްހެޔޮ ކަމެވެ. ހިތުގެ ޚާލިޞްކަމާއެކު ދޭދޭ ފަރުދުންގެ މެދުގައި އޮންނަ ގުޅުމެވެ. ޢާއިލީ އެއްބައިވަންތަކަމާއެކު އެކެއް އަނެކެއްގެ މެެދުގައި އޮންނަން ޖެހޭ ވަރުގަދަ ލޯތްބެވެ.

Ads by Sosun Fihaara

މި ހުރިހާ ކަމަކީ އެކަންތައްތަކެެއް އަށަގެންނެވުމުގައި ޘާބިތު ވެއްޖެނަމަ ކާމިޔާބަށް މިސްރާބު ޖަހައިދޭ ކަންކަމެވެ. އުފާވެރިކަމާ ސުލްޙަ މަސަލަސް ކަމަށް އަޅައިދޭނެ ބިންގަލެކެވެ.ނަމަވެސް އިސްލާމީ އަޚްވަންތަކަމުގެ ރޫޙްގެ ކުރިއަށް މިއަދު އިސް ކުރެވެނީ އެހެން ރޫޙެކެވެ.

ހިތްތަކުގެ މި ބަލިމަޑުކަމުން ސަލާމާތްވާން އޮތް އެއް މަގަކީ އެކަމަށް ޓަކައި މާތް ނަބިއްޔާ ޞައްލަالله ޢަލައިހި ވަސައްލަ ދެެއްކެވި އިރުޝާދެވެ.

ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސަލަމް ހަދީޘްކުރެއްވިއެވެ. ”ތިޔަބައިމީހުން އީމާންވެއްޖައުމަށް ދާންދެން ތިޔަބައިމީހުން ސުވަރުގެ ނުވަންނަހުއްޓެވެ. އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކު ދެކެ ލޯބިވެއްޖައުމަށް ދާންދެން ތިޔަބައިމީހުން އީމާންވީކަމުގައި ނުވާހުއްޓެވެ. އަދި އެކަމެއް ކޮށްފިނަމަ އޭގެ ސަބަބުން ތިޔަބައިމީހުންގެ މެދުގައި ލޯބިއުފެދި އެއްބައިވަންތަކަން އިތުރުވެ އާލާވެގެންދާނޭ ކަމެއް ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު ބުނެދެއްވަން ހެއްޔެވެ؟  (އެކަމަކީ) ތިޔަބައިމީހުންގެ މެދުގައި ސަލާމްކުރުމުގެ އާދަ ޢާއްމުކޮށް ފަތުރާށެވެ.“ (މުސްލިމް)

މި ޙަދީޘުން އުއްމަތަށް ކިޔައިދީފައި ވަނީ އެކުވެރިކަން އިތުރުކުރާނެ އެއް ގޮތެވެ. ނަގައިދީފައި ވަނީ ބަރު އަދި ކަޅު ހިތްތައް ލުއި ކޮށް ހިތްފަސޭހަ ވެއްޓަކަށް މުޖުތަމައު ބަދަލު ކުރާނޭ ފިލާވަޅެވެ.

މިކަމާއެކު ހަނދާނަށް އަންނަ އަނެއް ނުކުތާއަކީ ހިނިތުން ވުމެވެ. ހާދަ އަގު ބޮޑު ހާދަ ތަސައްލީއެއްދޭ ވެކްސިނެކެވެ. ހެޔޮކަން ބޮޑު ޢަމަލެކެވެ.

މިސާލެކެވެ. ދިރިއުޅުމުގައި ހިތާމައެއް ބޮޑު ކަމެއް ދިމާވެ މާޔޫސީ ޙާލަތެއްގައި ވަނިކޮށް ވެސް މީހަކު ތިބާ ފެނި ހީލައިފިނަމަ ، އެ މާޔޫސްކަން ވަގުތީގޮތުން ނަމަވެސް ފިލައިދެއެވެ. އޭގެ ހެތްކަކީ ހިނިތުންވުމުގެ ޖަވާބަކީ ހިނިތުން ވުމަކަށް ވުމެވެ.އެ ހިނދުކޮޅަށް ނަމަވެސް މާޔޫސްކަން ފިލައިދެއެވެ. ފުސްމޫނުތައް ސާފުކޮށް ހިނިތުންވެ ތިބޭ ސާފު މޫނުތަކެއް ހިމެނޭ މުޖުތަމައުއަކީ ޔަގީނުން ވެސް އުފާވެރި މުޖުތަމައުއަކަށް ވާނެއެވެ.

ހިނިތުންވެލުމަކީ ކޮންމެ ދުވަހެއްގެ ގިނަ ޢަމަލަކަށް ހަދާށެވެ. އެއީ ފައިސާއެއް ގިނަ ވަގުތެއް ހޭދަ ނުކޮށް ޮކޮށްލެވެން އޮތް ޞަދަގާތެކެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘް ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. " އަދި ތިބާގެ އަޚާގެ ކުރިމަތީގައި ހިނިތުންވެލުމަކީ ޞަދަގާތެކެވެ."

ޚަރަދެއް ނުކޮށް މި ޞަދަގާތުގެ ޘަވާބު ލިބިގަންނާށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!