ދައުރުން ބޭރުގައި ބާއްވާ މަޖިލީހުގެ ޖަލްސާ މާދަމާ ރޭ 8:30 ގައި

ދައުރުން ބޭރުގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މާދަމާ ރޭ 8:30 އަށް އެޖެންޑާ ކޮށްފިއެވެ.
އެޖެންޑާގައި ވަނީ އެ ޖަލްސާގައި އޮންނާނީ ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު ހުށަހަޅުއްވާފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަކިޔުން އިއްވުން ކަމަށެވެ.
ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މަސައްކަތް ފަށައިފައިވަނީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުތައް ބޭއްވުން އަވަސް ކުރުމަށްޓަކައި ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހުތަކެއް ގެނައުމަށްޓަކައެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެންމެ ފުރަތަމަ މަސައްކަތް ކުރަމުން ދިޔައީ ފެށޭ މާޗު މަހުގެ ހަ ވަނަ ދުވަހުއެވެ ނަމަވެސް ސިއްހީ ކުލިނުރައްކަލުގެ ހާލަތު ފެބުރުއަރީ ތިނެއްގެ ނިޔަލަށް އިތުރުކޮށްފައިވާތީ މާޗު މަހުގެ ތެރޭގައި އިންތިހާބު ބޭއްވޭނެ ގޮތް ވަނީ ނުވެފައެވެ.
ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ފާސްކުރި ލޯކަަލް ކައުންސިލް އިންތިހާބުގެ ހާއްސަ ޤާނޫނުގައި ވާގޮތުން އިންތިހާބު ބޭއްވޭނީ އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމުންނެވެ. އަދި އެ ގާނޫނު ފާސް ކުރާތާ އަހަރެއް ތެރޭ އިންތިހާބު ބާއްވަން ޖެހެއެވެ. އެ މުއްދަތު މެއި މަހުގެ 9 ވަނަ ދުވަހަށް ހަމަވާނެ އެވެ.