ދުނިޔެ

މުސްލިމުންނަށް ފަރުވާނުދޭން އިންޑިއާގެ ހޮސްޕިޓަލެއްގެ މުވައްޒަފުންތަކެއް ދެއްކި ވާހަކަތައް ލީކުވެއްޖެ!

މުސްލިމުންނަށް ފަރުވާ ނުދޭން ބުނެ ވަޓްސްއެޕް ގައި އިންޑިއާގެ ހޮސްޕިޓަލެއްގެ މުވައްޒަފުންތަކެއް ފޮނުވި މެސެޖުތަކެއް ލީކުވެއްޖެއެވެ.

ރާޖެސްތާނުގެ ސަރްދަރްޝަހަރް ގައި ހުންނަ ޝްރީޗަންދް ބަރާދިޔާ ރޯގް ނިދަން ކެންދްރާ ހޮސްޕިޓަލުގެ މުވައްޒިފެއް "ބާރްދިއާ ރައިސް" ނަމަކަށް ދީފައި ވަޓްސްއެޕް ގްރޫޕެއްގައި ބުނެފައިވަނީ "މުސްލިމުންނަށް ފަރުވާ ދިނުން އެކުއެކީގައި ހުއްޓާލަން ޖެހޭ" ކަމަށާއި މުސްލިމަކު އެކްސްރޭ ނަގަން ގޮސްފިނަމަ، އެމީހެއްގެ އެކްސްރޭ ވެސް އޭނާ ނުނަގާދޭނެ ކަމަށެވެ.

އެހޮސްޕިޓަކުގެ އެހެން މުވައްޒިފަކު ބުނެފައިވަނީ "ކޮވިޑަށް ޕޮޒިޓިވް ވެގެން ދިޔައީ ހިންދޫއަކަށްވެފަ ފަރުވާދޭން ހުރީ މުސްލިމު ޑޮކްޓަރެއްނަމަ، އޭނަވެސް ނުދާނެ ހިންދޫއަކަށް ފަރުވާ ދޭކަށް. އެއްވެސް މުސްލިމަކަށް އަހަރެން އޯޕީޑީގައި ޚިދުމަތެއް ނުދޭނަން. މުސްލިމަކު އައިސްފިއްޔާ ބުނޭ މެޑަމްއެއް ނެތޭ" މިހެންނެވެ.

އެމީހުން ދެއްކި ވާހަކަތަށް މީސްމީޑިއާގައި ވެސް ދައުރުވާން ފެށުމުން، އެހޮސްޕިޓަލާއި ދެކޮޅަށް އައިޕީސީ ސެކްޝަން 153އޭ (އެއްވެސް ދީނަކަށް ހަމަލާދިނުމުގެ ކުށުގެ) ދަށުން ވަނީ ދައުވާ އުފުލާފައެވެ. މީގެއިތުރުން ރައްޔިތުން ނުރައްކަލަކަށް ވައްޓާލުމުގެ ކުށުގައި ސެކްޝަން 505 ވެސް އެހޮސްޕިޓަލުގެ މައްޗަށް އުފުލާފައިވެއެވެ.

މިމައްސަލައާއި ގުޅިގެން އެހޮސްޕިޓަލުގެ އެންމެ އިސްމީހާ ކަމުގައިވާ ޑރ. ސުނީލް ޗޯދްރީ އިއްޔެވަނީ ފޭސްބުކް މެދުވެރިކޮށް މާފަށް އެދިފައެވެ. އަދި ބުނެފައިވަނީ އެހެން ވާހަކަ ދެއްކުމުގައި އެހޮސްޕިޓަލުގެ މުވައްޒަފުންގެ ނިޔަތަކީ އެއްވެސް ރައްޔިތަކަށް ދެރަގޮތެއް ހެދުން ނޫން ކަމަށެވެ.

"އެއްވެސް ރައްޔިތަކު މިހޮސްޕިޓަލުގެ ޚިދުމަތެއް ލިބުމުން މަހުރޫމް ކޮށްލުމުގެ ވިސްނުމެއް ނުގެންގުޅެން. މިވީ ކަންތައްތަކަށް މާފަށް އެދެން. ކުރިއަށް އޮތްތަނުގައި މިފަދަ ޝަކުވާއެއް ކުރިމަތި ނުވާނެ ކަމުގެ ޔަގީންކަން ދެން" ޑރ. ޗޯދްރީ ބުނެފައިވެއެވެ.

މީގެއިތުރުން ޑރ. ޗޯދްރީ ބުނެފައިވަނީ އެއީ އޭޕްރިލް މަހުގައި ދައްކާފައިވާ ވާހަކަތަކެއް ކަމަށާއި އެހޮސްޕިޓަލުން ދީނަށް ބަލައިގެން އެއްވެސް ބަލިމީހަކަށް ފަރުވާދީ ނުވަތަ ނުދީ ވެސް ނުހުންނަ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!