މި އަންހެން މީހާ ކެއުން ހުއްޓާލިތާ 33 އަހަރު، ދިރިއުޅެނީ ހަމައެކަނި ސައި ބޮއެގެން!
އިންޑިއާގެ ޕިލީ ޑެވީ ނަމަކަށް ކިޔާ މި އަންހެން މީހާ ދިރިއުޅެނީ ހަމައެކަނި ސައި ބޮއެގެން ކަމުގައި އޭނާ ބުނެފިއެވެ.
އުމުރުން 44 އަހަރުގެ ޑެވީ ބުނެފައި ވަނީ އޭނާގެ އުމުރުން 11 އަހަރުގައި ކެއުން ހުއްޓާލައިފައިވާ ކަމަށެވެ. އަދި ފާއިތުވެދިޔަ 33 އަހަރު އޭނާ އެއްވެސް އެއްޗެއް ނުކާ ކަމަށާއި ދިރިއުޅެނީ ހަމައެކަނި ސައި ބޮއެގެން ކަމުގައި އޭނާ ބުނެއެވެ.
މި އަންހެން މީހާ އަކީ އިންޑިއާގެ އަވަށެއް ކަމަށްވާ ބަރަދިޔާ އަށް ނިސްބަތްވާ މީހެކެވެ. އަދި އެ ހިސާބުގައި އޭނާ މަޝްހޫރުވެފައި ވަނީ " ޗައި ވާލީ ޗާޗީ" ނުވަތަ "ސައި ދައިތަ"ގެ ނަމުން ކަމުގައި އިންޑިއާގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ.
މީގެ އިތުރުން، އޭނާގެ ބައްޕައާ ހަވާލާދީ އިންޑިއާގެ ނޫސްތަކުގައި ބުނެފައިވަނީ ސައި ދައްތަގެ އުމުރުން 11 އަހަރުގައި ކެއުން މުޅިން ހުއްޓާލައިފައިވާ ކަމަށާއި އޭނާ ސުކޫލްގައި އުޅުނު ދުވަސްވަރު ވާހަކަދެއްކުމުގެ މުބާރާތެއްގެ ފަރިތަކުރުންތަކަށް ދާ ކަމަށާއި އަދި އޭރު ވެސް ސްކޫލުން އައިސް ފެން ފޮދެއް ވެސް ބޯ ނުލާނެ ކަމުގައި އޭނާގެ ބައްޕަ ބުނެއެވެ.
ޑެވީގެ ބޭބެ، މީޑިއާތަކާ ވާހަކަ ދައްކަމުން ބުނެފައި ވަނީ ފުރަތަމަ ދުވަސްކޮޅު ޑެވީ ސަޔާއެކު ބިސްކޯދާއި ޕާން ފަދަ އެއްޗެހި ކައި އުޅުނު ކަމަށެވެ. އެހެން ނަމަވެސް މިހާރު އޭނާ ވަނީ އެއެއްޗެހި ކެއުން ވެސް މުޅިން ހުއްޓާލައިފައެވެ. އަދި އެއްފަހަރެއްގައި ފައިސާގެ ދަތިކަމެއް ކުރިމަތިވެ ކިރު ލިބުމަށް ދަތިވުމުން، ކިރު އަޅައިގެން ސައި ބުއިން ވެސް މިހާރު އޭނާ ހުއްޓާލައިފައިވާ ކަމަށް އޭނާގެ ބޭބެ ބުނެއެވެ.
ޑެވީ މިގޮތަށް ހަމައެކަނި ސައި ބޮއެގެން ދިރިއުޅޭތީ އެކަމާ ކަންބޮޑުވެ އާއިލާއިން އޭނާ ޑޮކްޓަރަށް ވެސް ދެއްކިއެވެ. ނަމަވެސް އެއްވެސް މައްސަލައެއް ޑޮކްޓަރުންނަކަށް ވެސް ފާހަގަ ވެފައެއް ނުވެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ ސައިތައްޓެއް ބޮނީ އިރުއޮއްސުމުގެ ކުރިންނެވެ. އަދި އޭނާ އަކީ މާ ގިނައިން ބޭރަށް ދާ މީހެއް ނޫން ކަމަށާއި އޭނާގެ ޝެޑިއުލް ކޮންމެ ދުވަހަކު ވެސް އިންނާނީ އެހެން ކަމުގައި ވެސް ރިޕޯޓްތައް ބުނެއެވެ.