ޚަބަރު

ޖަމްއިއްޔާތަކުން ހިންގާ މަޝްރޫއުތަކަށް ފައިސާގެ އެހީއަށް ހުށަހެޅުމަށް ހުޅުވާލައިފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
ފޮޓޯ: ބިލީފް

މަދަނީ ޖަމްއިއްޔާތަކުން ހިންގާ މުޖުތަމައު ބާރުވެރިކުރުމުގެ މަޝްރޫއުތަކަށް ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ޔޫތު މިނިސްޓްރީން ހުޅުވާލައިފިއެވެ.

ޖަމްއިއްޔާތަކާބެހޭ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް ރަޖިސްޓްރީކޮށް ހިނގަމުންދާ ޖަމްއިއްޔާތަކަށް ހުޅުވާލެވިފައިވާ މި ފުރުސަތުގައި ސަރުކާރުގެ ސިޔާސަތުތަކާއި، އަދި ރަށު ނުވަތަ އަތޮޅު ނުވަތަ ސިޓީ ތަރައްގީގެ ޕްލޭންގައި ހިމެނޭ ކަންކަން ހާސިލުކުރުމަށް އެހީތެރިވެދޭ މަޝްރޫއުތައް ހިންގުމަށް މާލީ ގޮތުން އެހީތެރިވެދޭނެއެވެ.

އެހީ ދިނުމަށް ނިންމާފައިވަނީ ޖެނެރަލް ޕްރޮޖެކްޓް ގްރާންޓް އަދި ސްމޯލް ޕްރޮޖެކްޓް ގްރާންޓްގެ ގޮތުގައެވެ.

އިޖުތިމާއީ ގޮތުން މުޖުތަމައު ބާރުވެރިކުރުމަށް ހުށަހެޅޭ މަޝްރޫއުތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ އުސޫލާއި، އެހީ ހޯދުމަށް ހުށަހަޅާ ޕްރޮޕޯސަލްގައި ހިމަނަންޖެހޭ ބައިތައް ޔޫތު މިނިސްޓްރީން މިހާރު އިއުލާންކޮށްފައިވާއިރު، އެކަމަށް ހުށަހަޅަން ޖެހޭ ޕްރޮޕޯސަލް އެ މިނިސްޓްރީގެ ވެބްސައިޓުގައި މިހާރު ވަނީ ޝާއިއު ކޮށްފައެވެ.

ޕްރޮޕޯސަލްތައް ބަލައިގަތުމަށް ހަމަޖެހިފައިވާ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ 28 ވަނަ ދުވަހުގެ 13:00 ނިޔަލަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!