ލޮކްޑައުނަށް ލުއި ދިނުމުން ބަލި ފެތުރޭ މިންވަރު ބެލުމަށް ރެންޑަމް ސާމްޕަލް ނަގަނީ
މާލޭގެ ލޮކްޑައުނަށް ލުއި ދިނުމުން ބަލި ފެތުރޭ މިންވަރު ބެލުމަށް ކުރާ ދިރާސާއަށް ރެންޑަމް ސާމްޕަލް ނަގަން ނިންމާފައިވާ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަކުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަފްޒްލް ވިދާޅުވީ ކޮމިއުނިޓީ ސްޕްރެޑް އޮތްތޯ ބެލުމަށް ފަސް ގްރޫޕެއްގެ މީހުންގެ ސާމްޕަލް ނަގާނެ ކަމަށެވެ.
އެގޮތުން ފްރަންޓްލައިން ގައި މަސައްކަތް ކުރާ މީހުންގެ ސާމްޕަލްތަކުގެ އިތުރުން ޖަލުގައި މަސައްކަތް ކުރާ މީހުންގެ ސާމްޕަލް ނަގާނެ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. އަދި 65 އަހަރުން މަތީގެ މީހުންނާއި ކުޑަ ތަންތަނުގައި ތޮށްޖެހިގެން އުޅޭ މީހުންގެ އިތުރުން އުމުރުން 20 - 39 އަހަރާއި ދެމެދުގެ މީހުންގެ ސާމްޕަލް ނެގުމަށް ވެސް ހަމަޖެހިފައި ވާކަމާށް ޑރ. އަފްޒަލް ވިދާޅުވި އެވެ.
ޑރ. އަފްޒަލް ވިދާޅުވީ މާލޭ ގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްތޯ ބެލުމަށް ކުރަން ނިންމާފައި ވާ މި މަސައްކަތަށް އާންމުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށެވެ. އަދި ލުއި ދިނުމަށް ފޭސް އަކަށްފަހު ފޭސްއެއް ދެމުން ދެވޭނީ މިގޮތަށް ހެދޭ ޓެސްޓްތަކުގެ ނަތީޖާތަކަށް ފަހު ކަމަށް ވެސް ޑރ. އަފްޒަލް ވިދާޅުވި އެވެ.
ޑޮކްޓަރު ވިދާޅުވީ ކޮންމެ 14 ދުވަހަކުން މިގޮތަށް ސާމްޕަލްތައް ނެގެމުން ދާނެ ކަމަށެވެ.