ދީން

ކޮންފަދަބޮޑު ނިޢުމަތެއްތޯ؟ ޠަވާފްކުރުމުގެ ނަސީބު މިސްކިތް ބަލަހައްޓާ މީހުންނަށް!

މުސްލިމުންގެ އެންމެ މާތް މުޤައްދަސް ކަމުގައިވާ މަސްޖިދުލް ޙަރާމްގައި ޠަޥާފް ކުރުމުގެ ނަސީބު ލިބިގަތުމަށް ނޭދޭނީ ކާކު ހެއްޔެވެ؟

އެެއީ މާތް ﷲ ގެ ގެފުޅުކަމުގައިވާ ކަޢުބަތުﷲ ގެފުޅު ހިމެނޭ ބިމެވެ. އެހެންކަމުން ކައުބަﷲ ގެފުޅު އަރިހު ޠަޥާފު ކުރުމުން ގިނަގުނަ ސަވާބުލިބެއެވެ.

އެނިޢުމަތް ލިބިގަތުމަށް އެތައް ބަޔަކު ބެސް ބޭނުންވާއިރު، މަސްޖިދުލް ޙަރާމް ބަލަހައްޓަން އެތަނުގައި މަސައްކަތް ކުރާ މީހުންނަށް މިދުވަސްކޮޅު މިވަނީ އެނަސީބު ލިބިފައެވެ.

ކޮވިޑް-19 ފެތުރުމާއި ގުޅިގެން އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިއަހަރުގެ މާރޗް މަހުގެ 21 ވަނަ ދުވަހުން ފެށިގެން މައްކާގެ މަސްޖިދުލް ހަރާމް އާއި މަދީނާގެ މަސްޖިދުލް ނަބަވީގައި ވެސް ވަގުތީގޮތުން ޠަވާފު ކުރުން ހުއްޓާލާ އެދެމިސްކިތް ވެސް ވަނީ ބަންދު ކޮށްފައެވެ.

ނަމަވެސް މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހުގެ ފަތިސް ނަމާދަށްފަހު މަސްޖިދުލް ނަބަޥީ ހުޅުވާލާފައިވާއިރު، މަސްޖިދުލް ހަރާމް ހުޅުވުން ސައުދީ ސަރުކާރުން އަދި ވަނީ ފަސްކޮށްފައެވެ.

މަސްޖިދުލް ޙަރާމް އާންމުންނަށް އަދި ހުޅުވާނުލި ނަމަވެސް، އެތަނުގައި މަސައްކަތްކުރާ މީހުންނަށާއި ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތްތަކަށް އެންމެކުރިން ދިނީ އެމިސްކިތުގައި ޖަމާޢަތުގައި ނަމާދު ކުރުމުގެ ފުރުސަތެވެ. ޠަވާފު ކުރުުމުގެ ފުރުސަތެއް އެއިރަކު ނުދެއެވެ.

ނަމަވެސް މަސްޖިދުލް ޙަރާމް ބަލަހައްޓާ މީހުންނަށް މިހާރު މިވަނީ ވަރަށް އުފާވެރި ޚަބަރެއް ލިބިފައެވެ. މިސްކިތަށް ޒިޔާރަތްކުރާ މީހުންނަށް ޚިދުމަތް ދިނުމުގައި އަބަދުމެ އަވަދިނެތި އުޅެން ޖެހުމުގެ ސަބަބުން ޠަވާފު ކުރެވޭގޮތް ނުވުމުން، މަސްޖިދުލްހަރާމް ގައި ޠަވާފް ކުރުމުގެ ރަނުގެ ފުރުސަތު މިހާރު މިވަނީ އެމަސައްކަތްތެރީންނަށް ލިބިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!