ޚަބަރު

އެކުވެނި ސިންތެޓިކް ޓްރެކް ރަސްމީކޮށް ހުޅުވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މާލޭ ހުޅަނގު ފަރާތު އެކުވެނި ދުވާ ޓްރެކުގައި ސިންތެޓިކް އެޅުމަށްފަހު ރަސްމީކޮށް ހުޅުވައިފިއެވެ.

Ads by Sosun Fihaara

މި ރަސްމިއްޔާތުގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފާއި، ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ އިތުރުން، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ސަންޖޭ ސުދީރު ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މި ރަސްމިއްޔާތުގައި ޓްރެކް ހުޅުވުމުގެ ގޮތުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ އެތުލެޓިކްސް ހަރަކާތްތަކާއި، ގައުމީ އެތުލެޓިކްސް ޓީމުގެ ހަރަކާތްތަކުގެ އިތުރުން ހާއްސަ ކްރިކެޓް މެޗެއް ވެސް ވަނީ ކުޅެފައެވެ. މި މެޗުގައި ރައީސް ޞާލިޙު ވެސް  ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ސިންތެޓިކް ޓްރެކް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ ސިންތެޓިކް ޓްރެކް ހެދުމުގައި އިންޑިއާ ސަރުކާރުން ދިން ދީލަތި އެހީ ފާހަގަ ކުރައްވައި އެކަމަށް ޝުކުރު އަދާ ކުރައްވާފައެވެ.

ރައީސް ވިދާޅުވީ، މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވި ސިންތެޓިކް ޓްރެކަކީ ހަމައެކަނި އެތްލީޓުން ތަމްރީން ކުރުމަށް ޚާއްޞަ ތަނެއް ނޫން ކަމަށާއި، މިއީ މާލެ ސަރަޙައްދުގައި ދިރިއުޅޭ އެންމެންގެ ޢާންމު ޞިއްޙަތާ ވެސް ވަރަށް ބޮޑަށް ގުޅިފައިވާ ތަނެއް ކަމުގައެވެ.

އެކުވެނި ޓްރެކްގައި ސިންތެޓިކް އެޅުމުގެ މަސައްކަތުގެ ޖުމްލަ އަގަކީ 12،543،231 (ބާރަ މިލިޔަން ފަސްލައްކަ ސާޅީސް ތިންހާސް ދުއިސައްތަ އެއްތިރީސް) ރުފިޔާއެވެ. އެ މަޝްރޫއަށް އިންޑިއާ ސަރުކާރުން ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި ރަސްމިއްޔާތުގެ ބައެއްގެ ގޮތުގައި ކުރިއަށްދިޔަ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ 100 މީޓަރު ދުވުމާއި ޕެރާ-އެތްލީޓުންގެ 100 މީޓަރު ދުވުން ރައީސް ބައްލަވައިލެއްވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!