2020: އިދިކޮޅުގެ ނާކާމިޔާބީތަކާއެކު ވެސް ކާމިޔާބު އަހަރެއް
ކުރު މުއްދަތެއްގެ ތެރޭގައި ދިވެހިން ނުދެކޭފަދަ ތަރައްޤީގެ ބިޔަ އެތައް ޕްރޮޖެކްޓެއް ހިންގި ރައީސް ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމުގެ ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިންމާލުމަށްފަހު ، އެނބުރި ސިޔާސީ އިދިކޮޅު ޕާޓީއަކަށް އެނބުރުނީ 2018 ވަނަ އަހަރުއެވެ. "ޖަޒީރާ ރާއްޖެ"ގެ މެނިފެސްޓޯ ހިފައިގެން ނުކުތް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އާއި އެ ޕާޓީގެ އަތުގައި ހިފި އަދާލަތު ޕާޓީ އަދި ޖުމްހޫރީ ޕާޓީގެ އިތުރުން ރައީސް މައުމޫން ޢަބުދުލްޤައްޔޫމަށް ރައްޔިތުން ދިން ތާއީދާއެކު ޕީޕީއެމްއަށް ފެށުނީ އުނދަގޫ ދުވަސްތަކެކެވެ.
ރައީސް ޔާމީންގެ ޝަރީޢަތް
2018 ވަނަ އަހަރު ވެރިކަމާ ޙަވާލުވި އިއްތިހާދުގެ ވެރީން އިދިކޮޅުގައި ތިއްބެވިއިރު އެންމެ ބޮޑަށް ވަކާލާތު ކުރަމުން ދިޔަ އެއް ކަމަކީ މިނިވަން ޖުޑިޝަރީއެއް ހޯދައިދޭނެ ވާހަކައެވެ. ޖުޑިޝަރީގެ ބެލެނިވެރިފަރާތް ކަމުގައިވާ ޖޭއެސްސީއަކީ މިނިވަން ހަށިގަނޑަކަށް ހެދުމަށް އެ ހަށިގަނޑު އުފެދޭ ގޮތް ބަދަލު ކުރާނެ ވާހަކައެވެ. ނަމަވެސް ، ވެރިކަން ލިބި ރައްޔިތުން މަޖިލީހުގެ ސުޕަރ މެޖޯރިޓީއާ އޮތް އިދިކޮޅު އިއްތިހާދުގެ ެ ވާހަކަތައް ވީ ހަމައެކަނި ދަޅަ ދައްކާލުމަކަށެވެ. "އިންސާފުގެ ދަތުރު" ކަފުންކޮށް ، އަހަރެން ނިންމާ ގޮތަކީ އިންސާފުކަމަށް ކަނޑައަޅާން ޖެހި ނިމިއްޖެއެވެ.
ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރުގައި ހިނގި އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލައަކީ ވެސް ބޭނުން ގޮތަކަށް މޮޑެން އޮތް ފުށްގަނޑަކަށް ހެދިއެވެ. ވެރިކަން ކުރާ އިއްތިހާދުގެ އެތައް ބައެއްގެ މައްޗަށް ވެސް ތުހުމަތުކުރެވޭ މި ބިޔަ މައްސަލަ ވެގެން ދިޔައީ ހަމައެކަނި ޕީޕީއެމަށް އޮތް ކޮޅިގަނޑެއްގެ ގޮތުގައެވެ.
ރައީސް ޔާމީންގެ މައްޗަށް ކުރެވުނު ދަޢުވާ ބަލަމުން ދިޔަ ކްރިމިނަލް ކޯޓްގެ އިސް ފަނޑިޔާރު އަޙުމަދު ޙައިލަމް ސުލޫކީ މައްސަލައެއްގައި ކަމަށް ބުނެ ، ހުކުމް އިއްވަން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް ވަކިކޮށް މައްސަލަ ބެއްލެވީ އާ ފަނޑިޔާރު ޢަލީ ރަޝީދެވެ. ހައިލަމްގެ މައްޗަށް އޮތް ފަދަ ސުލޫކީ މައްސަލައެއް ޢަލީ ރަޝީދުގެ މައްޗަށް އޮތް ނަމަވެސް ، އެމަނިކުފާނު އެ މަގާމުގައި ހުންނަވާ ރައީސް ޔާމީންގެ މައްޗަށް ކުރެއްވި ޙުކުމްގެ ނަތީޖާއަކީ ސްޕްރީމް ކޯޓްގެ ފަނޑިޔާރުގެ މަގާމު އެމަނިކުފާނަށް ވެދުމަކަށް އެރުވުމެވެ.
ޕާޓީއަށް ލިބެން ޖެހޭ ފައިސާ ހިފެހެއްޓުމާއި މަގުމަތީގެ ޙަރަކާތްތައް
ރައީސް ޔާމީންއަށް އިއްވި ޙުކުމާއެކު 2019 ނިމި އާ އަހަރު ފެށުނީ އެމަނިކުފާނު ޖަލުގައި ހުންނަވަނިކޮށެވެ. ރިޔާސީ އިންތިޚާބުން ބަލިވެ ، އެތައް ބަޔަކު ޕާޓީ ދޫކޮށް ދިޔަ އެ ވަގުތުގައި ރައީސް ޔާމީންގެ މައްޗަށް އިއްވި ޙުކުމަކީ އެ ޕާޓީއަށް ތަހައްމަލު ނުކުރެވޭނެ ފަދަ އަނިޔާއަކަށް ވިއެވެ. އެ ޕާޓީއަށް ކުޑަކުޑަ ހިތްވަރުން ހިތްވަރު ނެރެވިޔަސް އިދިކޮޅުން ބާއްވާ ހަރަކާތްތަކަށް ފުލުހުން ހުރަސްއަޅާ ހަރަކާތްތަކުގެ ބައިވެރީން ހައްޔަރު ކުރަމުން ގެންދިޔައެވެ. ހަމައެހެންމެ ޕާޓީއަށް ދައުލަތުން ލިބެން ޖެހޭ ފައިސާ ހިފަހައްޓާ އެޕާޓީގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް އޮތް ހުރިހާ މަގެއް ސަރުކާރުން ދިޔައީ ބަންދު ކުރަމުންނެވެ.
އެއް އަހަރު ތެރޭގައި އެތެރޭގެ ދެ އިންތިޚާބު
އިދިކޮޅު ރެލީތަކަށް ހުރަސް އަޅަމުން ދިޔަ ނަމަވެސް ލިބޭ ކޮންމެ ހަނި ފުރުސަތެއްގައި ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ދިޔައީ އިތުރު މަސައްކަތް ކުރަމުންނެވެ. އެގޮތުން ވެރިރަށް މާލެއިން ދިމާވަމުން އައި ދަތިތަކުގެ ސަބަބުން ލޯކަލް ކައުންސިލް އިންތިޚާބަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ކޯލިޝަނުން ރަށް ރަށަށް ދަތުރު ފެށިއެވެ. އަދި ޕީޕީއެމް، ޕީއެންސީގެ ތާރީޚުގައި ވެސް ނުބާއްވާ ވަރުގެ ބޮޑު ޕްރައިމަރީ އިންތިޚާބެއް ފެނިގެން ދިޔައީ އެ ޕާޓީން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީއިންނެވެ.
މި އިންތިޚާބު ނިމިދިޔަ ތަނުން ކޮވިޑް19 ގެ ސަބަބުން މާލެ ލޮކްޑައުން ކުރުމާއެކު އިދިކޮޅުގެ ހަރަކާތްތައް ވެސް ހުއްޓިގެން ދިޔައެވެ. ޖަލުގައި ހުންނެވި ރައީސް ޔާމީނާ ، ވަކީލުންނާއި ޕާޓީގެ ވެރީންނަށް ބައްދަލު ނުކުރެވޭ ގޮތް ހަދައި ، ދަތި އެ ދަނޑިވަޅުގައި ސަރުކާރުން އަނެއްކާ ވެސް އެ ޕާޓީއަށް ދަތިކޮށްލިއެވެ. ނަމަވެސް މި ދަތިކަމުގެ ތެރޭގައި ވެސް ޕީޕީއެމުން ވަނީ ވަގުތުގެ ބޭނުން ހިފާ ، އެ ޕާޓީގެ ހިންގުން ހަރުދަނާ ކުރުމަށް އެތައް މަސައްކަތެއް ކޮށްފައެވެ.
ޕާޓީގެ އެތެރޭގެ އޮނިގަނޑު ވަރުގަދަކޮށް ޑިޕާޓްމަންޓްތަކެއް އެކުލަވާލިއެވެ. އަދި ރަށްރަށުގައި އެޕާޓީ ތަމްސީލް ކުރާނެ ޤާނޫނީ ހަށިގަނޑެއް އުފެއްދިއެވެ. ޕީޕީއެމްގެ ރައްޔިތުން އިންތިޚާބުކުރާ ރަށު ސްޓިއަރިން ކޮމިޓީއެއް ކޮންމެ ރަށެއްގައި އޮތުމަކީ އެ ޕާޓީގެ ހަރަކާތްތަކަށް ލިބުނު ދިރުމަކަށް ވިއެވެ.
ރައްޔިތުންގެ މަޖިލިސް
މަޖިލީހުގައި ޕީޕީއެމް، ޕީއެންސީ ތަމްސީލް ކުރައްވާ އެންމެ 9 ވަރަކަށް މެމްބަރުންނާއެކު ނަތީޖާ ނެރެވޭ މަސައްކަތެއް ނުކުރެވުނު ނަމަވެސް ވޭތުވެދިޔަ އަހަރު ވެގެން ދިޔައީ ދިމާވަމުން އައި އެކި ކަންކަމާ ގުޅޭ ގޮތުން ކުއްލި މައްސަލަތައް ހުށަހެޅުމާއި މިނިސްޓަރުން ހާޒިރު ކުރުން ފަދަ ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތްތަކެއް އެ ކޯލިޝަނުން ފެނިގެން ދިޔަ އަހަރަކަށެވެ. މީގެ އިތުރުން 2021 ވަނަ އަހަރަށް ދައުލަތުން ލަފާކޮށް ހުށަހެޅުއްވި 24 ބިލިއަން ރުފިޔާގެ ދަރަނި ޑެފިސިޓް ބަޖެޓާ ދެކޮޅަށް އެ ކޯލިޝަނުން ދެއްކި ވާހަކަތަކާއި އިދިކޮޅުގައި އޮވެގެން ފުރަތަމަ ފަހަރަށް ބަޖެޓަށް ވޯޓް ނުދެއްވިކަން ވެސް ފާހަގަ ކޮށްލެވެއެވެ.
ރައީސް ޔާމީންގެ އިލްތިމާސް
ބޭސް ފަރުވާއަށް ރައީސް ޔާމީން ބޭރަށް ވަޑައިގަންނަވާން ބޭނުންފުޅުވާ ނަމަ އެ ފުރުސަތު އޮތް ކަމަށާއި ނަމަވެސް އެމަނިކުފާނު އެކަން ބޭނުންފުޅު ނުވާކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބުދުﷲ ވިދާޅުވެފައި ވަނިކޮށް އުމުރު ދުވަހު ޖަލުގައި އޮންނަވާން ޖެހިވަޑައިގެންނެވި ނަމަވެސް ، ސަރުކާރުގެ ކުރިމަތީގައި ކުޑަކަކޫ ނުޖައްސަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެ ޕާޓީގެ މެމްބަރުންނާއި ސަޕޯޓަރުންނަށް ހިތްވަރު ދެއްވިއެވެ. އަދި އެގޮތުގައި މަސައްކަތްކޮށް ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިޚާބު އިދިކޮޅުން ކާމިޔާބު ކުރުމުން އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.
ކޮވިޑާ ގުޅިގެން ހިންގި ވައްކަންތަކާއި ރާއްޖޭގައި އިންޑިއާ ސިފައިން ބައިތިއްބާ ، އިންޑިއާއިން އެދޭ ކޮންމެ ގޮތަކަށް ރާއްޖޭގެ ކަންކަން ނިންމުމާއި އެމްޑީއެންއާއި އުތެމަ ފަދަ ލާދީނީ ޖަމްއިއްޔާތަކަށް ފިޔަވަޅު ނޭޅި އެ ޖަމްއިއްޔާތަކަށް ނިސްބަތްވާ ބޭފުޅުން ދައުލަތުގެ ތިންބާރުގެ ތެރޭގައި ތިއްބެވުމަކީ އިދިކޮޅުން އެންމެ ބޮޑަށް ވަކާލާތު ކުރާ ކަންކަމެވެ. މީގެ އިތުރުން އެ ޕާޓީގެ މެމްބަރުންނާއި ސަޕޯޓަރުން ވަޒީފާތަކުން ވަކިކޮށް ، ސަސްޕެންޑްކޮށް އެކި ފިޔަވަޅު އަޅަމުން ދާއިރު ، ސަރުކާރު ހިންގާ ޕާޓީގެ އެކްޓިވިސްޓުންނަށް އެތައް ސަތޭކަ ސިޔާސީ މަގާމުތަކެއް ދީ ، ޚަރަދު ކުޑަކުރަން ޖެހޭ މި ދަނޑިވަޅުގައި އިސްރާފު ކުރަމުންދާ ކަން ވެސް އިދިކޮޅުން ދަނީ ފާހަގަ ކުރަމުންނެވެ.