ޚަބަރު

ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް: މުޢިއްޒު

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މާލެ ސަރަހައްދުގައި ވާ ވިޔަފާރި ބަނދަރުތައް ތަރައްގީ ކުރަން އެންމެ ރަނގަޅީ ތިލަފުށި ކަމަށް ކުރީގެ ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމަކީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ކުރުމަށް ނިންމާފައި އޮތް ކަމެކެވެ. ނަމަވެސް މި ސަރުކާރުން ދަނީ އެ ބަނދަރު ގުޅީފަޅަށް ބަދަލު ކުރުމަށް މަސައްކަތް ކުރަމުންނެވެ.

މިކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި މުއިއްޒު ވިދާޅުވީ ގުޅީފަޅުގައި އަޅަން ނިންމާފައިވާ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގައި ޓެކްނިކަލް އެއްވެސް މައްސަލައެއް ނެތް ކަމަށާއި އެކަން ސަރުކާރަށް ނުކުރެވެންވީ ސަބަބެއް ނެތް ކަމަށެވެ.

"އެކަން ސަރުކާރަށް ނުކުރެވެންވީ ސަބަބެއް އޮވެގެން ނުވާނެ. އަދި މި ސަރަހައްދުގައި ޕޯޓެއް އަޅަން އެންމެ ރަނގަޅީ ތިލަފުށިކަން އެއީ ޓެކްނިކަލީ ބަލާއިރު ފެންނަން އޮތް ހަގީގަތް" ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ މޭޔަރު ކަމަށް ވެސް ކުރިމަތިލާފައިވާ މުއިއްޒު ވިދާޅުވިއެވެ.

މިސަރުކާރުގެ ދެއަހަރު ނުވަތަ ތިން އަހަރެއްހާ ދުވަހުގެތެރޭގައި ބަނދަރު ބަދަލުކުރުމުގެ ފުރަތަމަ ފިޔަވަހި މަސައްކަތް ފެށިގެން ދާނެކަމަށް ސަރުކާރުން ކުރިން ބުނި ނަމަވެސް އަދިވެސް އެމަސައްކަތް ފެށިފައެއް ނުވެެއެވެ.

މުޢިއްޒު ވަކާލާތު ކުރައްވާ ގޮތުގައި ގުޅީފަޅު ވާން ޖެހޭނީ މާލޭއަށް ދިމާވެފައިވާ  ބޯހިޔާވަހި ކަމުގެ މައްސަލައަށް ހާއްޞަ ރަށެއްގެ ގޮތުގައެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!