ވަރަށް އަވަހަށް ރާއްޖެއަށް ވެކްސިން ފޯރުކޮށްދޭނަން - އިންޑިއާ
ރާއްޖެއަށް ބޭނުންވާ ކޮވިޑް-19 ވެކްސިން ވަރަށް އަވަހަށް އިންޑިއާއިން ފޯރުކޮށްދޭނެ ކަމަށް އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވެއްޖެއެވެ.
މާލެ އެކުވެނި ސިންތެޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސަފީރު ވިދާޅުވީ ރާއްޖެއަކީ ވެކްސިން ފޯރުކޮށްދިނުމުގައި ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވަރަށް އިސްކަމެއް ދެއްވާ ގައުމެއް ކަމަށެވެ.
ރާއްޖެއާއި އިންޑިއާއިން އަބަދުވެސް މަސައްކަތްކުރަނީ ކޮނޑާއި ކޮނޑު ޖައްސައިގެން ކަން ފާހަގަކޮށް ސަފީރު ވިދާޅުވީ މިއީ ދިވެހިރާއްޖެ އަށް ދިމާވާ ކޮންމެ ކުއްލި ހާލަތެއްގައި އެންމެ ފުރަތަމަ އެހީތެރިވާނީ އިންޑިއާ އިން ކަން އަނެއްކާ ވެސް ސާބިތުވެގެންދާ އިތުރު ހެއްކަކަށް ވެގެން ދާނެ ކަމެއް ކަމަށެވެ.
ރާއްޖެއަށް ކޮވިޑް ވެކްސިން ލިބޭނެ ދުވަހެއް އަދި މިހާތަނަށް ހާމަކޮށްފައި ނުވާއިރު، މި ހިނގާ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކޮވިޑް-19 ވެކްސިން ލިބޭނެ ކަން ކަށަވަރު ވެފައިވާ ކަމަށް ދައުލަތުގެ މީޑިއާ އިން ވަނީ ރިޕޯޓުކޮށްފައެވެ.
ރާއްޖެއިން ގެނައުމަށް ނިންމާފައި ވަނީ އޮކްސްފޯޑާއި އެސްޓްރަޒެނިކާ ގުޅިގެން އުފެއްދި ވެކްސިނެވެ. އަދި މި ވެކްސިން ހޯދުމަށް ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ އެސްޓްރާޒެނެކާ ޕްރައިވެޓް ލިމިޓެޑްއާއެކު އެއްބަސްވުމުގައި ސޮއި ކުރަން ނިންމައި އެކަމަށް ކުރަމުން ޖެހޭ މަސަައްކަތް ކުރަމުން އަންނަ ކަމަށް މިދިޔަ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހު ސަރުކާރުން ވަނީ ހާމަކޮށްފައެވެ.