ވަގަށް ނަގާފައިވާ 10 ފޯނަކާއި އިތުރު ބައެއް ސާމާނާއެކު 4 މީހަކު ހައްޔަރުކޮށްފި
ވަގަށް ނަގާފައިވާ ތަކެއްޗާއެކު ހަތަރު މީހުން ހައްޔަރު ކޮށްފިއެވެ.
ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި 2 ދިވެހިންނާއި ބަންގްލަދޭޝްގެ 2 މީހުން ހިމެނެއެވެ. ދިވެހިންގެ ތެރޭގައި ހިމެނެނީ 25 އަހަރުގެ ދެ ޒުވާނުންނެވެ. އަދި ބަންގްލަދޭޝް ދެމީހުންގެ ތެރޭގައި ހިމެނެނީ 26 އަހަރާއި 35 އަހަރުގެ ދެ މީހުން ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި އެކި ބްރޭންޑްތަކުގެ 10 މޯބައިލް ފޯނާއި މަކީޓަރ ބްރޭންޑްގެ ކަޓްއޮފަކާއި ޑިގްރީ ކީހެއްގެ އިތުރުން ލެޕްޓޮޕަކާއި ސްޕީކަރަކާއި އިލެކްޓްރޯނިކް ސާމާނުތަކެއް ހިމެނޭ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މިމައްސަލައިގައި ދިވެހި ދެ މީހުންނަށް ފަސް ދުވަހުގެ ބަންދުގެ މުއްދަތު ކޯޓުން ދީފައިވާ ކަމަށާއި އަދި ބަނގްލަދޭޝް ގެ ދެމީހުންނަށް ހަތަރު ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. ބަންދުގައި ބެހެއްޓުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައެވެ.
މި ހަތަރު މީހުން ހައްޔަރު ކޮށްފައި ވަނީ މިމަހުގެ 14 ވަނަ ދުވަހު ހުޅުމާލޭގައި މޯލްޑިވްސް ޕޮލިސް ސާވިސްއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.މި މައްސަލަ ހުޅުމާލޭ ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.