ޚަބަރު

ނިޒާރުގެ ރައްދު ސައްލެއަށް: މަޖިލިސް 1 އަހަރަށް ސަސްޕެންޑް ކުރަން އެއްބަސް ވެވިދާނެތޯ؟ 900 މިލިއަން ސަލާމަތް ކުރެވޭނެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލިސް 1 އަހަރަށް ސަސްޕެންޑް ކޮށްފިނަމަ ދަޢުލަތަށް 900 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ވިދާޅުވެ އެކަމަށް ތާއީދު ކުރެވޭނެތޯ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރު ސުވާލު ކުރައްވައިފިއެވެ.

Ads by STELCO

ނިޒާރު މިހެން ވިދާޅުވެފައި ވަނީ ކޮވިޑް19ގެ ސަބަބުން ދައުލަތުގެ މާލީ ހާލަތު ދަށްވެފައިވާ މި ދަނޑިވަޅުގައި އިންތިހާބު ބާއްވަން އުޅޭތީ އެކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު އަހްމަދު ސަލީމް (ސައްލެ) ފާޅުކުރުމާ ގުޅިގެންނެވެ.

ސަލީމް ވިދާޅުވެފައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އިންތިހާބު ބޭއްވުމަކީ ހަރަދު ބޮޑުވާނެ ކަމެއް ކަމަށެވެ. އަދި އިންތިހާބު ބޭއްވުމުގެ އަސާސަކީ މިނިވަން ކަމާއެކު ކެމްޕެއިންކުރުމަށް ދަތުރުކުރެވި، މިނިވަންކަމާއެކު ވޯޓު ލެވޭނެ މަގު ތަނަވަސް ވެގެން ދިޔުން ކަމަށާއި ކޮވިޑް-19ގެ ބަލިމަޑުކަމުގެ މިހާލަތުގައި ކޭސްތައް އަދިވެސް ފެންމުންދާއިރު، އެޗްޕީއޭ އިން ކެމްޕެއިން ކުރުމަށް ދެވޭނީ ކިހާ ލުއިތަކެއްތޯ ވެސް ބަލަން ޖެހޭ ކަމަށް ސަލީމް ވިދާޅުވިއެވެ. ރައްކާތެރި ފިޔަވަޅުތަކާއެކު ޖުމްލަ 7.7 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެ ކަމަށް ސައްލެ ލަފާކުރިއެވެ.

ސަލީމްގެ މި ވާހަކަފުޅަށް ރައްދު ދެއްވަމުން ނިޒާރު ވިދާޅުވީ، މާލީ ގޮތުން ދަތި ދުވަސްވަރެއްގައި، މަޖިލިސް 1 އަހަރަށް ސަސްޕެންޑް ކޮށްފިނަމަ ދަޢުލަތަށް 900 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށެވެ. އަދި އެކަން އެހެން ކުރަން އެއްބަސް ވެވިދާނެތޯ ނިޒާރު ވަނީ ސަލީމް އަރިހުން ސުވާލު ކުރައްވާފައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!