މުނިފޫހިފިލުވުން

ކައިވެންޏަށް ދެމަސް ފުރުމުގެ އުފަލުގައި ސަނާ ޚާން ފިރިމީހާއަށް ގަނެދިނީ ފޯނެއް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ ކުރީގެ އެކްޓަރ ސަނާ ޚާން، ކައިވެނި ކޮށްގެން އުޅޭތާ ދެ މަސް ފުރުމުގެ އުފަލުގައި އޭނާގެ ފިރިމީހާ އަދި ދީނީ ޢިލްމުވެރިޔާ އަނަސް ސައިޔާދު އަށް ޒަމާނީ ފޯނެއް ހަދިޔާ ކޮށްފިއެވެ.

Ads by Sosun Fihaara

ސަނާ އިއްޔެ ވަނީ އޭނާގެ ފިރިމީހާ އެހަދިޔާ ކެނޑި މަންޒަރު އޭނާގެ އިންސްޓަގްރާމްގައި ހިއްސާ ކޮށްފައެވެ.

ދެ ވީޑިއޯއެއް ކޮށްފައިވާއިރު ފުރަތަމަ ވީޑިއޯގައި ސަނާ ލިޔެފައިވަނީ އެދެމަފިރިންގެ ކައިވެންޏަށް ދެ މަސް ފުރިއްޖެކަމެވެ. ދެވަނަ ވީޑިއޯއިން ފެންނަނީ އަނަސް އެފޯނު ފެނިފައި ވަރަށް އުފަލާއެކު ހިނިތުންވެ، އޭނަގެ އަނބިމީހާ އަށް ޝުކުރުއަދާ ކުރާ މަންޒަރެވެ. އެވީޑިއޯ ގައި ސަނާ ލިޔެފައިވަނީ، ކުޑަކުއްޖެއް ފަދައިން އަނަސް ޝުކުރު އަދާ ކުރުން ވަރަށް "ކިއުޓް" ކަމަށެވެ.

ސަނާ އާއި އަނަސް ކައިވެނި ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުގައެވެ. ކައިވެނީގެ ޚަބަރު ހިއްސާ ކުރަމުން ސަނާ ބުނީ، އެދެމަފިރިން އެކަކު އަނެކަކު ދެކެ ލޯބިވީ މާތް ﷲ އަށްޓަކައި ކަމަށާއި ކައިވެނި ކުރީ ވެސް މާތް ﷲ އަށް ޓަކައި ކަމަށެވެ. ސަނާ ވަނީ އެ ދެމަފިރިން އެކުގައި ދެ ދުނިޔޭގައި ވެސް ލެއްވުން އެދި ދުޢާ ކޮށްފައެވެ. އަނަސް އާއި ސަނާ ހަނީމޫނަށް ދިޔައީ ކަޝްމީރަށެވެ.

އަނަސް އަކީ އިންޑިއާގައި ނަން ހިނގާ މުއްސަންޖެއް ކަމުން ބައެއް މީހުން ބުނެފައިވަނީ ސަނާ ފިލްމު ކުޅުން ހުއްޓާލާ ކައިވެނި ކުރީ، އަނަސް ގެ ފައިސާއަށް ޓަކައި ކަމަށެވެ. ނަމަވެސް ސަނާ ގެ ގާތް މީހުން މިކަން ދޮގު ކުރެއެވެ.

މާތް ﷲ އާއި އިސްލާމްދީނަށްޓަކައި ފިލްމު ކުޅުން ހުއްޓާލިކަން ސަނާ އިއުލާނު ކުރީ މިދިޔަ އަހަރުގެ ރަމަޟާން މަސް ތެރޭގައެވެ. އެއަށްފަހު ސަނާ ވަނީ ދީނާ ގުޅޭ ޕޯސްޓުތައް ފިޔަވައި އެހެން ހުރިހާ އެއްޗެއް އިންސްޓަގްރާމުން ޑިލީޓް ކޮށްލާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!