ރަހުމްކުޑަ އިޒްރޭލު ސިފައިން އުމުރުން 3 އަހަރުގެ ފަލަސްތީނު ކުއްޖަކަށް ހަމަލާދީފި
އިޒްރޭލު ސިފައިން އުމުރުން 3 އަހަރުގެ ފަލަސްތީނު ކުއްޖަކަށް އެއްވެސް ރަހުމެއް ނެތި ހަަމަލާދީ ޒަޚަމް ކޮށްލައިފިއެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު އިޒްރޭލު ސިފައިން ވަނީ ކާރަކަށް އޮށް ގައު އުކާ، އޭގެ ތެރޭގައި އިން އުމުރުން ތިން އަހަރުގެ ފަލަސްތީނު ކުޑަ ފިރިހެން ކުއްޖަކު ޒަޚަމް ކޮށްލާފައެވެ. މިހަމަލާ ދީފައިވަނީ ރާމަﷲ ގެ ބުރްޤާވިލެޖު ގައެވެ.
އަލާ ސްވަފްތާ ނަމަކަށް ކިޔާ މީހަކު މީޑިއާ ތަކަށް މައުލޫމާތު ދެމުން ބުނީ، އޭނާގެ ތިން އަހަރުގެ ދަރިފުޅު ގޮވައިގެން އެދުވަހު އޭނާ ދަތުރުކުރީ ރާމަﷲ އިން ޓިއުބާސް ސިޓީ އަށް ކަމަށެވެ.
ނަމަވެސް އިޒްރޭލުގެ ސިފައިން އެކާރުގެ ވިންޑްޝީލްޑަށާއި ކުރީ ސީޓުގެ ދޮރުގެ ބިއްލޫރިގަނޑަށް ގައު އުކާ، ބިއްލޫރިގަނޑު ތަޅާލި ކަމަށާއި، އެކަމުގެ ސަބަބުން އޭނާގެ ދަރިފުޅުގެ މޫނުމަތި ވަރަށް ބޮޑަށް ޒަޚަމްވި ކަމަށް ވެސް އަލާ ބުނެފައިވެއެވެ.
މިހަމަލާގެ ސަބަބުން އަލާ ގެ ތިން އަހަރުގެ ދަރިފުޅުގެ އިތުރުން އޭނާގެ ހަ އަހަރުގެ ދަރިފުޅަށް ވެސް އަނިޔާވެފައިވެއެވެ. ނަމަވެސް ބޮޑަށް ޒަޚަމް ވެފައިވަނީ ހަގު ދަރިފުޅު ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.
އެއާއިލާއިން ދަތުރު ކުރަމުން ދިޔައީ އެމީހުންގެ ތިމާގެ ބައެއް ކައިރިއަށް ދިޔުމަށް ކަމަށް ވެސް އަލާ ބުނެފައިވެއެވެ.
އިޒްރޭލު ސިފައިން މިހަމަލާ ދީފައިވަނީ އެރޭ 8:10 ހާއިރު ކަމަށް ވެސް އަލާއާ ހަވާލާދީ މީޑިއާ ރިޕޯޓުތަކުން ބުނެފައިވެއެވެ.