ދިވެހިންނަށް މިހާރު އުމްރާއަށް ދެވޭނެ
ސައުދީ އަރަބިއާ މިހާރު އޮތް ހާލަތުގައި ދިވެހިންނަށް އުމްރާގެ އަޅުކަން އަދާކުރުމަށް އެގައުމަށް ދެވޭނެ ހާއްސަ އުސޫލެއް އެގައުމުން އެކުލަވާލައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ކޮވިޑްގެ ހާއްސަ ހާލަތާ ގުޅިގެން ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރަށް އެޅުނު ހުރަސްތަކާއި ސަޢޫދީ އަރަބިއްޔާ އަދި އެހެނިހެން ގައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމާ ގުޅިގެން ދިވެހިންނަށް އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް ދެ ގައުމުން މަޝްވަރާތަކެއް ކޮށްފައިވާނޭ ކަމަށެވެ.
މި ހާލަތުގައި ދިވެހި ރައްޔިތުން އުމްރާގެ އަޅުކަން އަދާކުރުމަށް އޮންނަ އުސޫލުތަކަށް ވެސް ފޮރިން މިނިސްޓްރީން ބަދަލު ގެނެސްފައިވާއިރު، އޭގެ ތެރޭގައި، މުގައްދަސް ދެ ހަރަމުން ކުރެ ހަރަމަކަށް އުމްރާގެ އަޅުކަމަށް ނުވަތަ ޒިޔާރަތަކަށް ވެސް، ދިޔުމުގެ ކުރިން ރިޒަވޭޝަން ހަދަން ޖެހެއެވެ. އަދި ރާއްޖެއިން ހުއްދަ ދީފައިވާ ލެބޯޓަރީއަކުން ހައްދާފައިވާ، ސައުދީ އަރަބިއްޔާއަށް ފުރުމުގެ ކުރިން 72 ގަޑިއިރު ހަމަނުވާ ކޮވިޑް-19 އަށް ނެގެޓިވް ޓެސްޓް ސެޓިފިކެޓެއް އޮންނަން ޖެހެއެވެ.
މީގެ އިތުރުން އުމްރާގެ އަޅުކަން އަދާކުރާ މީހުންނަށް ހުއްދަދީފައިވާ ދަތުރުގެ ޕްރޮގްރާމާ އެއްގޮތްވާ އެއާލައިން ރިޒަވޭޝަނެއް އޮތުމާއެކު ސައުދީ އަރަބިއްޔާއަށް އެތެރެ ވުމަށްފަހު، އުމްރާގެ އަޅުކަން އަދާކުރާ މީހެއް ހުންނަން ހަމަޖެހިފައިވާ ހޮޓަލުގައި ތިން ދުވަހަށް ކަރަންޓީން ވާން ޖެހޭނެ ކަމުގައި ވެސް އުސޫލުތަކުގައި ވެއެވެ.
ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހެލްތުގެ ގަވާއިދުގައިވާ ގޮތުން އުމްރާގެ އަޅުކަން އަދާކުރުމަށް މި ހާލަތުގައި ހުއްދަ ދެވޭނީ އުމުރުން 18 އަހަރާއި 50 އަހަރާ ދެމެދުގެ މީހުންނަށެވެ.
އަދި އުމްރާގެ އަޅުކަން އަދާކުރުމަށް ޒިޔާރަތްކުރާ މީހުން ސައުދީ އަރަބިއްޔާއަށް އެތެރެވާ ވަގުތުން ފަށައިގެން އެނބުރި ގައުމަށް ދެވެންދެން، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމުގައި ވެސް އެ ގަވައިދުގައި ވެއެވެ.