ޚަބަރު

ރަނގަޅު ގޮތުގައި ކުނި މެނޭޖުކުރުމަށް ރާއްޖޭގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި :ފަޒްނާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ރަނގަޅު ގޮތުގައި ކުނި މެނޭޖު ކުރުމަށް ރާއްޖޭގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށް ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެކަމަނާ މިހެން ވިދާޅުވީ މިއަދު ބޭއްވި ހުޅުމާލޭގެ ގޮނޑު ދޮށް ސާފު ކުރުމުގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

ރަނގަޅު ގޮތުގައި ކުނި މެނޭޖުކުރުމަށް ރާއްޖޭގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަ ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޒިންމާދާރު ގޮތުގައި ކުނި މެނޭޖުކުރުމަށް ޙައްލުތަކެއް ހޯދުމުގެ މަސައްކަތުގައި ކަމާބެހޭ ހުރިހާ ފަރާތްތަކުން އެ ކަމުގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާފައެވެ. އަދި އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ބާވަތުގެ ޕްލާސްޓިކު ރާއްޖޭގައި ބޭނުން ކުރުން ހުއްޓައިލުމުގެ ޕްލޭނަކީ ވެސް މި ގޮތަށް ކަމާގުޅޭ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާގެ ދަށުން ކުރެވުނު މަސައްކަތެއްކަން އެ ކަމަނާ ފާހަގަ ކުރެއްވިއެވެ.

އެ ކަމަނާ ވިދާޅުވީ ސާފުކުރުމުގެ ހަރަކާތްތަކަކީ ޕްލާސްޓިކާ ދެކޮޅަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށާއި، މިފަދަ ހަރަކާތްތަކުގެ ސަބަބުން އެ ކަމުގައި ހަރަކާތްތެރިވާ ދަރުމަވެރިންނަށް ޕްލާސްޓިކުން ވެއްޓަށް ލިބޭ ގެއްލުން ދެނެގަތުމުގެ ފުރުޞަތު ލިބިގެންދާ ކަމުގައެވެ.

އަދި، ގޮނޑުދޮށް ފަދަ ތަންތަން ސާފުކުރުމާއި، ޕްލާސްޓިކުން އުފައްދާ ތަކެތި ރީސައިކަލް ކުރުމުން ނުފުދޭ ކަމަށާއި، މި ކަމުގައި އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމުގައި އެ ކަމަނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެއް ފަހަރު ބޭނުން ކޮށްފައި އުކައިލާ ބާވަތުގެ ޕްލާސްޓިކް ފުޅިއާއި ކޮތަޅު ފަދަ ތަކެތީގެ ބަދަލުގައި، ތިމާވެއްޓާއި ރަޙުމަތްތެރި ބާވަތްތައް އިސްކުރަން އެދިވަޑައިގަންނަވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!