ސިޓީ ކައުންސިލުން މަހެއްގެ މައްޗަށް މުސާރައިގެ ގޮތުގައި 4.32 މިލިއަން ރުފިޔާ

މާލޭ ސިޓީ ކައުންސިލުން އެ ކައުންސިލުގެ މުވައްޒަފުންގެ މުސާރައަށް މަހެއްގެ މައްޗަށް ހަރަދުކުރާ މިންވަރު އާންމު ކޮށްފިއެވެ.
އެ ކައުންސިލުން މި އަދަދުތައް އާންމު ކޮށްފައި މިވަނީ މާލޭ ސިޓީ ކައުންސިލުގެ މެމްބަރުންނާއި މުވައްޒަފުންގެ މުސާރައިގެ މައުލޫމާތު ހޯދަން އާންމު ފަރާތަކުން ހުށަހެޅުމުން، އެކަމަށް ދެކޮޅު ހެދުމަށްފަހު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެ މައުލޫމާތު ހިއްސާ ކުރުމަށް އެންގުމުންނެވެ.
މާލެ ސިޓީ ކައުންސިލުން އެ ކައުންސިލުގެ ވެބްސައިޓުގައި މުސާރައަށް ހޭދަކުރާ މިންވަރުގެ ތަފާސް ހިސާބުތައް އާންމު ކޮށްފައިވާއިރު، އެކަމަށް މަހަކު ޖުމްލަ 4.32 މިލިއަން ރުފިޔާ ހޭދަ ކުރެއެވެ. އެއީ ދިވެހި މުވައްޒަފުންގެ މުސާރައިގެ ގޮތުގައި ހޭދަކުރާ 2.68 މިލިއަން ރުފިޔާ އާއި ބިދޭސީ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި 1.64 މިލިއަން ރުފިޔާ އެވެ.
އެ ކައުންސިލުގައި ޖުމްލަ 524 މުވައްޒަފުން މަސައްކަތް ކުރަމުން އަންނައިރު އެއީ 332 ދިވެހި މުވައްޒަފުންނާއި 192 ބިދޭސީ މުވައްޒަފުންނެވެ.
މީގެ އިތުރުން އެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މުސާރައަށް ކުރާ ހަރަދުގެ ބޮޑު ބައި އެ ކައުންސިލް މެންބަރުންނަށް ހަރަދު ކުރެއެވެ. އެގޮތުން މޭޔަރުގެ މުސާރައަށް 47،500 ރުފިޔާ އަދި ޑެޕިއުޓީ މޭޔަރަށް 35،000 ރުފިޔާ ލިބޭއިރު ކައުންސިލް މެމްބަރުންނަށް ކޮންމެ މަހަކު 30،000 ރުފިޔާ ލިބެއެވެ.