އިދިކޮޅު ފަރާތްތަކުން ހެލްތު މިނިސްޓްރީ ކުރިމަތީގައި މުޒާހަރާ ކުރަނީ

އިންޑިއާއިން ހަދިޔާ ކޮށްފައިވާ ވެކްސިންތަކާ ގުޅޭގޮތުން އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ހެލްތު މިނިސްޓްރީ ކުރިމަތީގައި ކަންބޮޑުވުން ފާޅުކުރަމުން އެބަދެއެވެ.
އިހުތިޖާޖުގެ ބައިވެރިން ބުނަމުން ދަނީ ވެކްސިން ނުޖަހާނެ ކަމަށާއި ސިއްހީ ހިދުމަތްތެރިން ލައްވައި ސިޔާސީ މަންފާއެއް ހާސިލް ކުރުމަށް ހެލްތު މިނިސްްރީން ކުރަމުން ދާ މަސައްކަތް ވަގުތުން ވަގުތަށް ހުއްޓާލުމަށެވެ.

ހެލްތު މިނިސްޓްރީގެ ކުރިމަތީގައި އިހުތިޖާޖު ކުރަމުން ދާއިރު އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުން ވަނީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމްއާ ބައްދަލު ކުރުމަށް އެ މިނިސްޓްރީއަށް ވަޑައިގެންފައެވެ.
އެކިއެކި ޕޯސްޓަރުތަކާއެކު ސޯސަން މަގުގައި އިދިކޮޅުން މުޒާހަރާ ކުރަމުން ވަނީ ހެލްތު މިނިސްޓަރު ނަސީމު އިސްތިއުފާ ދެއްވުމަށް ވެސް ގޮވާލާފައެވެ.
މީގެއިތުރުން އަނެއްކާވެސް ރާއްޖޭގައި ކޮވިޑް ފެތުރުން އިތުރުވަމުން އަންނާތީ ކޮންޓްރޯލް ކުރުމަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ.

މުޒާހަރާ ކޮންޓްރޯލް ކުރުމަށް އެސަރަޙައްދުގައި ފުލުހުންވެސް ހަރަކާތްތެރިވަމުން މިހާރު އެބަދެއެވެ.
އިދިކޮޅު ކޯލިޝަނުން ހިންގާ މިއިހުތިޖާޖުގައި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިނިވަން ކުރުމަށް ވެސް ދަނީ ގޮވާލަމުންނެވެ.
ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތުގައި ސީދާ މަގުމަތީ ހަރަކާތަށް ނުކުތުމަށް އިދިކޮޅުން މިދިޔަ ހަފްތާގައި ވަނީ ޤަރާރެއް ފާސް ކޮށްފައެވެ.