ޓެކްސީތަކުގައި އެތެރެ ފެންނަ ބިއްލޫރި ޖަހަން އަންގައިފި

ޓެކްސީ ކުރާ އުޅަނދުތަކުގެ ބިއްލޫރި، އެތެރެ ފެންނަ ބިއްލޫރިއަށް ބަދަލުކުރަން ޓްރާންސްޕޯޓު އޮތޯރިޓީ އިން އަންގައިފި އެވެ.
ޓްރާންސްޕޯޓު އޮތޯރިޓީ އިން މިކަން އަންގާފައި ވަނީ މިއަދު އާންމުކުރި އިއުލާނެއްގައެވެ. އެ އިއުލާނުގައި ވަނީ ޓެކްސީ ކުރާ އުޅަނދުތަކުގެ ބިއްލޫރި، އެތެރެ ފެންނަ ބިއްލޫރިއަށް ބަދަލުކުރަން އަންގާ ކަމަށެވެ. މި ޖެނުއަރީ މަހުގެ 31 އިން އިން ފެށިގެން ހަ މަސް ތެރޭގައި ޓެކްސީކުރާ އުޅަނދުގެ ހަތަރު ދޮރުފަތާއި ވިންޑް ސްކްރީނުގެ ބިއްލޫރި އެތެރެ ފެންނަ ސާފު ބިއްލޫރިއަށް ބަދަލުކުރުމަށް ޓްރާންސްޕޯޓު އޮތޯރިޓީ އިން ބުނެފައިވެއެވެ.
ޓެކްސީ ގަވައިދުގެ 11 ވަނަ މާއްދާ ބުނާގޮތުން ޓެކްސީކުރާ އުޅަނދުގެ ބިއްލޫރި ހުންނަންވާނީ މަގެއްގެ އަރިމަތީގައި ހުންނަ މީހަކު އާދައިގެ ގޮތަކަށް އެ އުޅަނދު ބަލާއިރު، އެ އުޅަނދުން ދަތުރުކުރާ ފަސިންޖަރުން ފެންނަގޮތަށެވެ.
މިހާރަކަށް އައިސް ޓެކްސީތަކުގެ އެތެރެ ނުފެންނަހެން ބިއްލޫރި ޖަހާފައިވާ ޓެކްސީތަައް ގިނައިން ފެނެއެވެ. ރައްކާތެރިކަމުގެ ގޮތުން ބަލާ ނަމަވެސް ގަވައިދުގައި ބުނާ މިންގަނޑަށް ޓެކްސީ ކުރާގިނަ އުޅަނދުގެ ދޮރުފަތުގެ ބިއްލޫރި ހުންނަން ވާނީ އެތެރެ ފެންނަ ގޮތަށެވެ.