ހިތްވަރުގަދަ އަންހެން ކުއްޖެއް، ނުދެއްކި އޮތް ކޮލެޖު ފީ ހޯދަން ނުކުތީ ލޭބަރު މަސައްކަތަށް!

އިންޑިއާގެ އޮޑިއްސާޕޫރީގެ ޒުވާން އަންހެން ކުއްޖަކަށް ދަތިހާލު ޖެހި ކޮލެޖުފީ ނުދެއްކިވާތީ ފައިސާ ހޯދަން ލޭބަރު މަސައްކަތަށް ނުކުމެއްޖެއެވެ.
އިންޑިއާގެ މީޑިއާތައް ބުނާ ގޮތުގައި 20 އަހަރުގެ ރޯޒީ ބެހެރޭ ކިޔާ އިންޖިނިއަރިންގެ ދާއިރާއިން ޑިޕޮލޮމާއެއް ހާސިލް ކޮށްފައިވާ ކުއްޖަކު މަސައްކަތަށް ނިކުތީ 24،500 އިންޑިއާ ރުޕީސް ނުދެއްކި ޑިޕޮލޮމާ ސެޓްފިކެޓް ނުލިބި ވާތީއާއެވެ.
“2019 ވަނަ އަހަރު ސިވިލް އިންޖިނިއަރިން އިން ޑިޕޮލޮމާ ނިންމުމަށްފަހު ޑިގްރީއަށް ކިޔެވޭނެ ފައިސާއެއް ނެތް ، ޑިޕޮލޮމާގެ ނުދެއްކި އޮތް ފައިސާ ވެސް ދައްކަން ޖެހޭ” އޭއެންއައި ނިއުސްއަށް ރޯޒީ ބުނެފައި ވެއެވެ.
ޚަބަރުތައް ބުނާ ގޮތުގައި ރޯޒީ ވަނީ މިދިޔަ ޖެނުއަރީ މަހުގެ ފުރަތަމަ ތިން ހަފްތާގައި އޭނާގެ އުފަން ސަރަހައްދުގެ މަގު ހެދުމުގެ ޕްރޮޖެކްޓްގައި މަސައްކަތް ކޮށްފައެވެ. އިންޖިނިއަރިންގެ މަސައްކަތުގެ ބަދަލުގައި އޭނާ ވަނީ ދުވަހު މުސާރައަށް ލޭބަރު މަސައްކަތް ކޮށްފައެވެ.

ޒުވާން އަންހެން ކުއްޖާ ދެއްކި މި ހިތްވަރުގެ ސަބަބުން އޮޑިއްސާޕޫރީގެ އެޑްމިނިސްޓްރޭޝަން ނުވަތަ އެ ސަރަހައްދުގެ ލޯކަލް ސަރުކާރުން ވަނީ އެ ކުއްޖާއަށް 30،000 ރުޕީސް ހަދިޔާ ކޮށްފައެވެ. އަދި ދަތިކަމެއް ނެތި އެ ކުއްޖާއަށް ، މަތީ ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ހޯދައިދޭނެ ކަމަށް ވެސް ސަރުކާރުން ބުނެފައި ވެއެވެ.