ޚަބަރު

"ހަމަސް ދުވަހުން އެންމެންނަށް ވެކްސިން ދެވޭނެ"

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އަމާޒަކީ ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ކޮވިޑް-19 ވެކްސިން ދީ ނިންމާލުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިން ޖަހަން މިއަދު ފަށާފައިވާއިރު، ރައީސް ސޯލިހު ވެސް ވަނީ މިއަދު ވެކްސިން ޖައްސަވާފައެވެ.

ކޮވިޑް-19 ގެ ވެކްސިން ޕްރޮގުރާމު ފެއްޓެވުމަށް މާލޭގެ ސޯޝަލް ސެންޓަރުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިވެކްސިނަކީ ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ފެށޭ ފުރަތަމަ މަސައްކަތް ކަމުގައެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ރައްޔިތުން ފާއިތުވެދިޔަ 11 މަސްދުވަހުގެ ތެރޭގައި ވަރަށް ހިތްދަތި ދުވަސްތަކެއް ހޭދަކޮށްފައިވާ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ޞިއްޙީ ދާއިރާގެ ބޭފުޅުންގެ އިރުޝާދާއި މަޝްވަރާގެ މަތީން ރާއްޖޭގައި އަޅަމުން ދިޔަ ފިޔަވަޅުތަކާއެކު ބޮޑެތި ކާމިޔާބީތަކެއް ހޯދިފައިވާ ކަމަށާއި އެކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

އަދި އަމާޒަކީ ކުރިއަށް އޮތް ހަ މަސް ދުވަސް ތެރޭގައި ހުރިހާ ފަރާތްތަކަށް ވެކްސިން ދީ ނިންމާލުން ކަމަށާއި، މިކަމުގެ ހުރިހާ ރައްޔިތުން ވެސް އެއްބާރުލުން ދެއްވުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

"އަޅުގަނޑުގެ އިލްތިމާސަކީ ހުރިހާ ރައްޔިތުން މިކަމުގައި ބައިވެރިވެވަޑައިގެން، އަޅުގަނޑުމެންނަށް މިކަމުގައި ކުރިިމަތިވެފައި މިވާ ދަތި އުނދަގުލުން ސަލާމަތްވުމަށް ޓަކައި އެންމެން އެކީގައި މަސައްކަތް ކުރުން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވިއެވެ.

މެދުނުކެނޑި ވެކްސިންގެ މަރުހަލާތައް ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖައްސަވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!