ކޭސްތައް މަދުވަންދެން ސްކޫލުތައް ބަންދު ކުރަން ޖެހޭ: ދުންޔާ

ކޮވިޑް-19 ކޭސްތައް އިތުރުވަމުން އަންނަ ކަމަށާއި ކޭސްތައް މަދުވަން ދެން ސުކޫލުތައް ބަންދުކުރަން ޖެހޭ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
ސްކޫލުތައް ހުޅުވާފައި ބެހެއްޓުން އެއީ ދަރިވަރުންނަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވައި ދުންޔާ ވަނީ ދަރިވަރުން ނުރައްކަލަށް ވައްޓާލައިގެން ސުކޫލުތައް ހުޅުވުމުން އެކަމުގެ ފައިދާ ވޭތޯ ސުވާލު ކުރައްވާފައެވެ.
ދުންޔާ ވަނީ މާލޭގައި ދުވަހަކަށް ވުރެ ދުވަހަކު ކޮވިޑް ގެ ކޭސްތައް އިތުރުވަމުން އަންނަ ކަން ފާހަގަ ކުރައްވައި އެންމެ ރަނގަޅު ގޮތަކީ ސުކޫލުތައް މިވަގުތަށް ބަންދުކުރުން ކަން ފާހަގަ ކުރައްވާފައެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ސްކޫލުތައް ހުޅުވާފައި ބަހައްޓަން ޖެހޭ ކަމަށާއި އުނގަންނައި ދިނުމުގެ ކަންކަން ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.
ގިނަ ދުވަސްތަކަކަށް ބަންދުކޮށްފައި އޮތުމަށް ފަހު، މާލެ ސަރަހައްދުގެ ސުކޫލުތައް ހުޅުވާލާފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ.