އީސީއަށް އައްޔަން ކުރަން ޑރ.ޒާހިރުގެ ނަން ފޮނުވައިފި

އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އައްޔަނު ކުރުމަށް ޑރ. މުހައްމަދު ޒާހިރުގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ އީސީން ހުސްވެފައިވާ ގޮނޑިއަށް އައްޔަނު ކުރުމަށް، ޑރ. މުހައްމަދު ޒާހިރުގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރަައްޔިތުންގެ މަޖިލީހަށް މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައި ފޮނުވާފައިވާ ކަމަށެވެ.
ޑިވެލޮޕްމެންޓް އެޑްމިނިސްޓްރޭޝަނުން ޕީއެޗްޑީ ހާސިލު ކުރައްވާފައިވާ ޑރ ޒާހިރު ވަނީ މީގެ ކުރިން ވެސް އެ ކޮމިޝަނުގައި މަސައްކަތް ކުރައްވާފައެވެ.
އިލެކްޝަން ކަމިޝަންގެ މެމްބަރަކު މަދުވެފައި ވަނީ އެކޮމިޝަން މެމްބަރު އަހުމަދު އަކުރަމް މިދިޔަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އަކުރަމް ހުންނެވީ އޭރު އެ ކޮމިޝަންގެ ނައިބު ރައީސް ކަމުގެ މަގާމުގައެވެ. އެ މަގާމުގައި މިހާރު ހުންނެވީ އީސީގެ މެމްބަރު އިސްމާއިލް ހަބީބެވެ.