ކުޅިވަރު

ސެވިއްޔާ އަތުން މޮޅުނުވެވި ލީގު ހޯދުމުގެ އަމިއްލަ ބާރު ބާސާއަށް ގެއްލިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ސެވިއްޔާ އަތުން މޮޅު ނުވެވި ސްޕެނިޝް ލަލީގާ ދިފާއުކުރުމުގެ އަމިއްލަ ބާރު ބާސެލޯނާއަށް ގެއްލިއްޖެއެވެ.

Ads by MWSC

ސްޕެނިޝް ލަލީގާގެ އެއްވަނައިގައި އޮތް ބާސެލޯނާއާއި ސެވިއްޔާ ވާދަކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވިއެވެ. މި ނަތީޖާއާއިއެކު ދެވަނައިގައި އޮތް ރެއާލް މެޑްރިޑް މާދަމާރޭ ރެއާލް ސޮސިއެދާދް އަތުން މޮޅުވެ އެޓީމަށް ބާސެލޯނާއާއި އަރާ ހަމަކުރެވޭނެއެވެ. ނަމަވެސް ޕޮއިންޓްގެ ގޮތުން އެއްވަރުވެ ހެޑްޓުހެޑުން ކުރި ލިބޭނީ އޭރުން ރެއާލް މެޑްރިޑަށެވެ.

ސެވިއްޔާގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ދެ ޓީމުންވެސް ނުރައްކާތެރި ހަމަލާތަކެއް އުފެއްދިއެވެ. ބާސެލޯނާގެ މެސީ ފޮނުވާލި ބޯޅައެއް ދަނޑިކައިރިން ބޭރަށްދިޔައިރު، ސެވިއްޔާގެ ލޫކަސް އޮކޮމްޕަސް ފޮނުވާލި ހަމަލާއެއް ގޯލްގެ ހުރަސް ދަނޑިއަށް އަމާޒުވިއެވެ.

މީގެ އިތުރުން ސެވިއްޔާއިން ފޮނުވާލި ނުރައްކާތެރި ތިން ހަމަލާއެއް ކީޕަރު ޓަ ސްޓެގަން ދިފާއުކުރިއިރު، ބާސެލޯނާއިން ސުއަރޭޒަށް ލިބުނު ފުރުސަތުގެ ބޭނުމެއްވެސް ނުކުރެވުނެވެ. މި މެޗުގައި ސުއަރޭޒް ފުރަތަމަ އެގާރައިގައި ހިމެނިގެން ފެށިއިރު، އޮންޓުއާން ގްރީޒްމަން ކުޅެން ނިކުތީ ދެވަނަހާފުގައެވެ. އެންމެ ފަހުން އެޓީމް ކުޅުނު މެޗުގައި ގޯލް ޖެހި އަންސޫ ފަޓީ އިނީ ބެންޗުގައެވެ. ކޯޗު އޭނާއަށް މި މެޗުގައި ފުރުސަތެއް ނުދެއެވެ.

މެޗަށްފަހު ބާސެލޯނާގެ ކޯޗު ބުނީ ގެއްލިގެން މިދިޔައީ މުހިންމު ތިން ޕޮއިންޓްކަމަށާއި، ބާސެލޯނާއަށް ކުރިއަށްހުރީ އުނދަގޫ މެޗުތަކެއްކަމަށެވެ. މި ދަނޑިވަޅުގައި ރެއާލް މެޑްރިޑަށްވެސް ހުރިހާ މެޗަކުން މޮޅުވާން އުނދަގޫވާނެކަމަށާއި، އެޓީމްވެސް ޕޮއިންޓްތަކެއް ގެއްލުވާލާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް އޭނާ ބުންޏެވެ.

"އުނދަގޫ މެޗުތަކެއް ކުރިއަށް ހުރީ، އެއްވަނައަށް އަރަން ފުރުސަތު ލިބިފައި އޮތް ރެއާލް މެޑްރިޑުން އަދި ޕޮއިންޓްތަކެއް ގެއްލުވާލާނެ. އަހަރުމެންގެ ފޯކަސްހުރީ ބާކީ އޮތް 8 މެޗު ކާމިޔާބުކުރަން. ޓީމާއިމެދު އިތުބާރު އެބައޮތް"

ބާސެލޯނާގެ ބައެއް ކުޅުންތެރިންވަނީ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑުން ކުރިއަށް އޮތް ނުވަ މެޗުގައި ޕޮއިންޓްތަކެއް ގެއްލުވާލުމަކީ ވުމަށްވުރެ ނުވުން ގާތްކަމެއްކަމަށް ބުނެފައެވެ. އަނެއްކޮޅުން އެޓީމް އޮތީ ރަނގަޅު ފޯމެއްގައިކަމަށްވެސް އެ ކުޅުންތެރިން ފާހަގަކުރިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!