ލަންޑަނާއި ކުއާލަލަމްޕޫރުގައި ވޯޓު ފޮށި ނުބެހެއްޓޭނެކަން ޔަގީން ވެއްޖެ : ޝަރީފު

މިއަހަރުގެ އޭޕްރިލު މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލު އިންތިހާބުގައި މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރާއި އިނގިރޭސިވިލާތުގެ ލަންޑަނުގައި ވޯޓް ފޮށި ބެހެއްޓުމަށް ހުއްދަ ނުލިބޭނެކަން ޔަގީންވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
އީސީ ޝަރީފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓު ފޮށިތައް ކުއަލަލަމްޕޫރްގެ އިތުރުން ލަންޑަނުގައި ބެހެއްޓުމަށް ހުއްދަ ނުލިބޭނެކަން ޔަގީން ވެފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެ ދެ ގައުމުގައި ވޯޓު ފޮށި ނުބެހެއްޓެނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުންނެވެ.
ކައުންސިލު އިންތިހާބު ކުރިން ބޭއްވުމަށް ހަމަޖެހުނީ އޭޕްރިލް މަހުގެ 4ވަނަ ދުވަހުގައެވެ. ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން އިއުލާނު ކޮށްފައިވާ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން، މިހާރު އެއިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އެމަހުގެ 10ވަނަ ދުވަހުގައެވެ.
މީގެއިތުރުން އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލައިންތަކުގެ ސަބަބުން، ހުރި ގޮންޖެހުންތަކާއެކު އިންތިހާބާ ގުޅޭ ބައެއް ކަންކަން ރައްޔިތުންގެ މަޖިލީހުގައި މަޝްވަރާ ކުރުމަށް ވެސް އީސީން ވަނީ ނިންމާފައެވެ.