ޖުލައި މަސް ނިމޭއިރު ޓެސްޓިން ކެޕޭސިޓީ 3000 އަށް އިތުރުކުރާނަން: ރައީސް
ޖުލައި މަސް ނިމޭއިރު ރާއްޖޭގައި ކޮވިޑް19 އަށް ޓެސްޓު ކުރެވޭނެ ކެޕޭސިޓީ ދުވާލެއްގެ މައްޗަށް 3000 އަށް އިތުރު ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް ވަނީ ރާއްޖޭގައި 40 ހާހަށްވުރެ ގިނަ ޕީސީއާރް ޓެސްޓު ހެދިއްޖެ ކަމަށާއި އެއީ މި ސަރަހައްދުން ވެސް އެއްވަނަ ކަމުގައި ވިދާޅުވެފައެވެ.
އެގޮތުން އައްޑޫ ސިޓީގައި މިހާރު ކޮވިޑަށް ޓެސްޓކުރަން ފެށިފައިވާ ކަން ފާހަގަކޮށް ރައީސް ވިދާޅުވީ ކުރިއަށް އޮތް ހަފްތާގައި ކުޅުދުއްފުށި ސިޓީ ގައި ވެސް ކޮވިޑަށް ޓެސްޓުކުރެވެން ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެއާއެކު މިހާރު ދުވާލެއްގެ މައްޗަށް 1000 ޓެސްޓު ކުރެވެމުން އައި ނަމަވެސް އެ އަދަދު 3000 އަށް އިތުރު ކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގައި އެންމެ ފުރަތަމަ 7 މީހަކު ކޮވިޑަށް ޝައްކުކުރެވިގެން ސާމްޕަލް ރާއްޖެއިން ބޭރަށް ފޮނުވަން ޖެހުނު ކަންވެސް ފާހަގަކުރައްވާފައެވެ.
"ރާއްޖޭގައި މި ބައްޔަށް ޝައްކުކުރެވުނު ފުރަތަމަ 7 މީހުންގެ ސާމްޕަލް ޓެސްޓް ކުރުމަށް ފޮނުވަންޖެހުނީ ރާއްޖެއިން ބޭރަށް. މީގެ އިތުރުންވެސް ކިތަންމެ ކިތަންމެ އުނދަގޫތަކަކާ ކުރިމަތިވި. " ރައީސް ވިދާޅުވިއެވެ.