މާލޭ ވިޔަފާރި ބަނދަރުގެ ރައްކާތެރިކަމަށް ގޮވާލައި، މަޖިލީހަށް ކުއްލި މައްސަލައެއް

މާލޭ ވިޔަފާރި ބަނދަރުގައި ނުރައްކާތެރި ހާދިސާތައް ހިނގުން އިތުރުވެފައިވާތީ، ރައްކާތެެރިކަމުގެ ފިޔަވަޅުތައް ގިނަކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މަޑުވައްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އެވެ.
މި ކުއްލި މައްސަލައިގައި ވަނީ ވިޔަފާރި ބަނދަރުގައި މަސައްކަތްކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް މިހާރަށް ވުރެ ބޮޑަށް ސަމާލުވުމަށާއި އެކަން ބެލެހެއްޓުމުގެ ނިޒާމު މިހާރަށް ވުރެ ވަރުގަދަ ކުރުމަށް ގޮވާލާފައެވެ.
އަދި ބަނދަރުގައި ރިސްކް މެނޭޖްމަންޓް މިހާރަށް ވުރެ ހަރުދަނާކުރުމަށާއި ސަލާމަތީ ކަންކަމަށް މަސައްކަތްތެރިން އަހުލުވެެރިކުރުވުމާއި ރައްކާތެރިވެގެން ތިބެ މަސައްކަތްކުރަަން ވިޔަފާރި ބަނދަރުގެ މުވައްޒަފުންނާއި އާއްމުން ވެސް ތަމްރީނުކުރަން އާދަމް ޝަރީފް ވަނީ ގޮވާލާފައެވެ.
"މި ދަތިތައް ކުރިމަތިވަމުން ދާއިރު އެ އާއިލާތަކަށް މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ލިބޭ ގެއްލުންތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ނިޒާމެއް އޮތުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް މުހިއްމު ކަމެއް،" އާދަމް ޝަރީފް އިތުރަށް ވިދާޅުވިއެވެ.