ޤައުމީ އިނާމުވެސް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ސަރުކާރާއި އަނބުރާ ހަވާލު ކޮށްދޭނަން: ޙިޝާން
ނިކަމެތިންނަށް އެހީތެރިވެ، އިޖުތިމާއީ އެހީތެރިއެއްގެ ގޮތުގައި ފާޅުގައި ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ދަރުމަވެރިޔާ ގ.ނީރުވީކް އަހުމަދު ޙިޝާން އަށް ދިން ޤައުމީ އިނާމު ވަރަށް އަވަހަށް ސަރުކާރާއި އަނބުރާ ހަވާލު ކުރާނެ ކަމަށް އޭނާ ބުނެފިއެވެ.
ހިޝާން އާއިމެދު މިއަހަރުގެ ފެބްރުއަރީ މަހު ވަނީ ސީރިއަސް ތުހުމަތުތަކެއްކޮށް، އޭނާ ރާއްޖެއިން ބޭރަށް ދިޔަ ނުދިނުމަށް ޕާސްޕޯޓުވެސް ހިފަހައްޓާ، ފުލުސް އޮފީހަށް ވެސް ހާޒިރު ކޮށްފައެވެ. އަދި އޭނާގެ ބެލުމުގެ ދަށުގައި ހުރި ޚާއްސަ އެހީއަށް ބޭނުންވާ މީހަކު ވެސް ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވެއެވެ.
އިޖިތިމާއީ ޚިދުމަތުގެ ދާއިރާއިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 2014 ވަނަ އަހަރު ލިބިފައިވާ ދަރުމަވެރިޔާ ޙިޝާން އަށް ކޮށްފައިވަނީ، ފުރާވަރު ފިރިހެން ކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ނަމަވެސް މިތުހުމަތުތަކާއި ގުޅިގެން ދައުވާއެއް ކުރެވޭނެފަދަ ހެކި ލިބިފައި ނެތް ކަމަށް ފުލުހުން ވަނީ ރަސްމީކޮށް އަންގާފައެވެ.
މިކަމާއި ގުޅޭގޮތުން ޙިޝާން ފޭސްބުކްގައި ޖެހި ޕޯސްޓެއްގައި ބުނެފައިވަނީ، އޭނާއަށް ސަރުކާރުން ދިން ޤައުމީ އިނާމާއިމެދު ޝަކުވާ ކުރަމުން ކަމަށާއި އެހެން ކަމުން ޤައުމީ އިނާމުވެސް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ސަރުކާރާއި ހަވާލު ކުރާނެ ކަމަށެވެ.
"އަޅުގަނޑާއި ދެކޮޅަށް ކުރެވުނު ތުހުމަތުތަކަށް ޖަވާބުދާރީވެ ތަހުގީގަށް އެއްބާރުލުން ދިނުމަށްޓަކައި އަމިއްލައަށް ފްލައިޓުން ފައިބާ، ފުލުހުންނާއި ވާނީ ހަވާލުވެފައެވެ. ތުހުމަތާއި ގުޅިގެން ފުލުހުންނަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ވާނީ ދީފައެވެ. މިއަދު ރަސްމީކޮށް ފުލުހުން ވަނީ އަޅުގަނޑާއި ދެކޮޅަށް ކުރެވުނު ތުހުމަތުތަކާއި ގުޅިގެން ދައުވާއެއް ކުރެވޭނޭ ފަދަ ހެކި ނެތްކަން އަންގާފައެވެ.
އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ތުހުމަތެއް ކުރެވިއްޖެނަމަ އެކަމެއް ތަހުގީގު ކުރަން ޖެހެއެވެ. ފުލުހުން ވަނީ އެބޭފުޅުންގެ ޛިއްމާ އަދާ ކުރައްވާފައެވެ.
ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދަނީ އަޅުގަނޑަށް ސަރުކާރުން ދީފައިވާ ޤައުމީ އިނާމާއިމެދު ޝަކުވާ ކޮށްފައެވެ. އެހެންކަމުން ޤައުމީ އިނާމުވެސް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ސަރުކާރާއި އަނބުރާ ހަވާލު ކޮށްދޭނަމެވެ." ޙިޝާން ބުނެފައިވެއެވެ.
ޙިޝާން ވަނީ އިންސާނިއްޔަތަށްޓަކައި ހިލޭ ސާބަހަށް 18 އަހަރު ވަންދެން މަސައްކަތް ކުރައްވާފައެވެ.