ކުޑަ ކުއްޖަކު ރޭޕް ކޮށްގެން އިއްޔެ ދޫކޮށްލި މީހާ، ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް މިއަދު އަމުރުކޮށްފި!
އުމުރުން 18 އަހަރު ނުފުރޭ ކުޑަ ކުއްޖަކު ގެސްޓްހައުސްއެއްގައި ރޭޕްކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަ އާއި ޝަޙްސު އޮޅުވާލައި މަކަރާއި ހީލަތުން ކުއްޖާ މާލެ ގެނެސް ޖިންސީގޯނާކޮށްފައިވާ މައްސަލައާ ގުޅިގެން، ޝަރީއަތުން ގޮތެއް ނިންމަންދެން މީހަކު ބަންދުގައި ބަހައްޓަށް ކްރިމިނަލް ކޯޓުން މިއަދު އަމުރު ކޮށްފިއެވެ.
މިތުހުމަތާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ބ. ތުޅާދޫ/ ހިޔާވަހި އުނައިސް އަހުމަދު (25އ.) އެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ 2020 މެއި 28 ވަނަ ދުވަހުގެ ވަގުތެއްގައެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އުނައިސްގެ ބަންދާއިމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން މި މައްސަލަ އަކީ ޤާނޫން ނަމްބަރ 12/2016 (ޖިނާޢީ އިޖުރާއަތުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ޖިނާޢީ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކުށެއްކަމުގައި ނުވާތީ، މި ފަދަ މައްސަލަތަކުގައި ބަންދުގައި ބެހެއްޓޭނެ އެންމެ ދިގު މުއްދަތަކީ 15 ދުވަސް ކަމަށް ދިވެހި ރާއްޖޭގެ ހައިކޯޓުގެ ނަމްބަރ 2019/HC-A/366 ގަޟިއްޔާއިން ކަނޑައަޅާފައިވާތީ، އިތުރަށް ބަންދުގައި ބެހެއްޓޭނެ ޤާނޫނީ ހަމައެއް އޮތްކަމަށް ނުފެންނާތީ ބަންދުން ދޫކުރުމަށް އަމުރުކޮށްފައިވެއެވެ.
އުނައިސް ގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޟިރުކުރުމުން ޖިނާޢީ އިޖުރާއަތުގެ ޤާނޫނު ގެ 59 ވަނަ މާއްދާ އާއި އެޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ހާލަތް އޮތްކަމަށް ފަޑިޔާރަށް ޤަބޫލުކުރެވި، މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމައްޓަކައި އޭނާ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އުނައިސްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކުގެ ތަހްޤީޤް ފުރިހަމަކުރުމަށްފަހު ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
އިންޓަނެޓް މެދުވެރިކޮށް ކުދިން ގުރޫމް ކުރުވާ މައްސަލަތަކާއި ޗައިލްޑް އޮންލައިން އެކްސްޕްލޮއިޓޭޝަންގެ މައްސަލަތައް އިތުރުވަމުންދާކަމަށް ފާހަގަ ކުރެވޭތީ، މައިންބަފައިންނާއި ބެލެނިވެރިން ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.