އެމްޕީއެލް އެކްސިޑެންޓްގައި އަނިޔާވި ޒުވާނާ ވެންޓިލޭޓަރުން ނަގައިފި
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލޭ ވިޔަފާރި ބަނދަރުގައި ކާޕެޓް ރޯލެއް ވެއްޓި ސީރިޔަސް އަނިޔާތަކެއް ލިބުނު ޒުވާނާ ވެންޓިލޭޓަރުން ނަގައި ފަރުވާދެވޭ ވަރަށް އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އާއިލާއިން ބުނެފިއެވެ.
ދަންވަރު 2:15 ހާއިރު ހިނގި އެ އެކްސިޑެންޓުގައި އަނިޔާވީ "މިނާ އިންވެސްޓްމެންޓް" ގައި މަސައްކަތްކުރާ 28 އަހަރުގެ މީހަކަށެވެ. ކްރޭނަކުން ދޯންޏަކަށް މުދާ އަރުވަނިކޮށް ވެއްޓުނު ކާޕެޓް ރޯލެއް ދަށުވި މީހާ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފުރަތަމަ ފަރުވާދިނީ އޮޕަރޭޝަން ތިއޭޓަރުގައެވެ. ހަމަ އެ ރޭ އައިސީޔޫ އަށް އޭނާ ވަނީ ބަދަލު ކޮށްފައެވެ.
އެމްޕީއެލް އިން މި އެކްސިޑެންޓުގެ ތަހުގީގު ފަށައި، ވަކި ގޮތެއް އަންގަންދެން މިހާރު ވަނީ ޒަހަމްވި މީހާ މަސައްކަތްކުރި ގްރޫޕާއި އެ އޮޕަރޭޝަނުގައި ބައިވެރިވި އެމްޕީއެލްގެ މުވައްޒަފުން ސަސްޕެންޑް ކޮށްފައެވެ.
އޮންލައިން ނޫހެއްކަމަށްވާ “ޖަޒީރާ'” އާ ވާހަކަ ދެއްކި އެ އާއިލާގެ މެމްބަރަކު ބުނީ، އޭނާ ވެންޓިލޭޓަރުން ނަގާފައި ވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ. އަދި މިހާރު ކުރިޔަށްވުރެ ބޮޑަށް އޭނާގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ޑޮކްޓަރާ ހަވާލާދީ އާއިލާގެ މެމްބަރުން ބުނެފައިވެއެވެ.
އަލްހަމްދުލިލާހި
އަލްޙަމްދުﷲ